މޯލްޑިވްސް ޕޮލިސް ސާވިސް

އެޗްޕީއޭގެ އެންގުންތަކަށް ތަބާވާން ފުލުހުން އިލްތިމާސްކޮށްފި

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި އެއް ގޮތަށް ގާނޫނީ ތަރަހައިގެ ތެރޭ އެންމެން އަމަލުތައް ބެހެއްޓުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިފަދަ އިލްތިމާސެއް ކޮށްފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒިފުން މިއަދު މުޒާހަރާއެއް ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒިފުން މިއަދު މުޒާހަރާކޮށްފައި ވަނީ އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

ނަމަވެސް ގިނަ ބަޔަކާއެކު ޑިންގީތަކެއްގައި ތިބެގެން ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒިފުން މިއަދު ވަނީ މުޒާހަރާކޮށްފަ އެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، އާންމު ސިއްހަތު ރައްކާތެރިކޮށް ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުނަނުދިނުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް ސިފައެއްގައި އެއްވެ ނޫޅުމަށް ގާނޫނުން ބާރު އަޅާ ކަމަށެވެ. އަދި ކޮވިޑް19 ފަދަ ގައިންގަޔަށްއަރާ ނުރައްކާތެރި ބައްޔަކުން ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ގައިދުކުރުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމުގައި ހަނދާންކޮށްދޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސަފާރީތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒިފުން ތަފާތު ލިޔުންތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. މަދު އަދަދެއްގެ ފުލުުހުން އެ ސަރަހައްދަށް ގޮސް އެ މުވައްޒިފުންނާ ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް އެކަމާ ގުޅިގެން އެޅި ފިޔަވަޅެއް އަދި އަޅާނެ ފިޔަވަޅެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.