ކަންގަނާ

އާމިރާއި ރަންބީރާއެކު ފިލްމުކުޅެން ކަންގަނާ ބޭނުން

ކަންގަނާ ރަނާވަތުއަކީ ބޮލީވުޑްގައި މިހާރު ހުރި އެންމެ ކުޅަދާނަ އެއް ބަތަލާ އެވެ. އަދި އެހެން ބަތަލާއިންނާ ޚިލާފަށް އޭނާއަށް ކޮންމެ ފަދަ އެއްޗެކޭ ބުނަން ވެސް ފަހެއް ނުޖެހޭނެ އެވެ. އަދި ކޮންމެ ކަމެއް ކުރާކަށް ވެސް ޖެހިލުމެއް ނުވާނެ އެވެ.

އިންޑިއާގެ މަނާލީގައި ހުންނަ އަމިއްލަ ގޭގައި ހުރެގެން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ކަންގަނާ ވަނީ ވަރަށް މުހިއްމު ބައެއް ވާހަކަތައް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ބޮލީވުޑްގައި އޭނާ އެކުގައި ފިލްމު ކުޅެން ބޭނުންވާ ބައެއް އެކްޓަރުން އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ އާމިރު ޚާނެވެ. އާމިރު އާއެކު އޭނާ ކުޅެން ބޭނުންވަނީ ދިލިޕް ކުމާރާއި މަދޫބާލާގެ ލޯބީގެ ވާހަކަ ކަމަށެވެ. މަދޫބާލާގެ ކެރެކްޓާ އޭނާ ކުޅެން ބޭނުންވާއިރު ދިލިޕް ކުމާރުގެ ކެރެކްޓާ އަށް ބޭނުންވަނީ އާމިރެވެ. އަދި އެ ރޯލަށް އާމިރު ވަރަށް ފިޓް ކަމަށް ކަންގަނާ ގަބޫލު ކުރެ އެވެ.

އާމިރު ނޫނަސް ކަންގަނާ ފިލްމު ކުޅެން ބޭނުންވާ ބައެއް އެކްޓަރުން ބޮލީވުޑްގައި އެބަތިއްބެވެ. އޭގެ ތެރޭގައި ރަންވީރު ސިންގް ހިމެނެ އެވެ. ރަންވީރާއެކު ކަންގަނާ ކުޅެން ބޭނުމީ ލޭޑީ ގާގާ އާއި ބްރެޑްލީ ކޫޕާގެ "އަ ސްޓާ އިޒް ބޯން" ކަހަލަ މޮޅު ފިލްމެކެވެ. ގާގާގެ ރޯލު ކަންގަނާ ބުނީ ކުޅެން ބޭނުމީ އޭނާ ކަމަށާއި ކޫޕާގެ ރޯލަށް ރަންވީރު ކަމަށެވެ. ރަންވީރު އަކީ ވަރަށް އެނާޖީ ހުންނަ އެކްޓަރަކަށް ވާތީ ކޫޕާގެ ރޯލާ އޭނާއާ ވަރަށް ގުޅޭ ކަމަށް ކަންގަނާ ގަބޫލު ކުރެ އެވެ.

ރަންބީރު ކަޕޫރަކީ ވެސް ކަންގަނާގެ ލިސްޓުގައި ހިމެނޭ އެކްޓަރެކެވެ. ނަމަވެސް އެއްވެސް އެކްޓަރަކާ އެކު ވެސް އޮއްޓަރެއް ނެތް ބޭކާރު ފިލްމުތައް ކުޅެން ކަންގަނާ ބޭނުމެއް ނޫނެވެ. ކަންގަނާ ބުނީ ރަންބީރާއެކު ކުޅެން ބޭނުންވަނީ އަމީތާބު ބައްޗަން އާއި ޖާޔާ ބައްޗަންގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "އަބީމާން" ފަދަ ފިލްމެއް ކަމަށެވެ.

ކަންގަނާ ބުނި ގޮތުގައި ސަލްމާން ޚާންގެ "ސުލްތާން" އާއި ރަންބީރު ކަޕޫރުގެ "ސަންޖޫ" ގެ ބަތަލާއަކަށް ވުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ. ނަމަވެސް އެ ދެ ފިލްމު ވެސް އޭނާ ގަބޫލު ނުކުރީ އެވެ. "ސުލްތާން" ގަބޫލު ނުކުރި ސަބަބު ކަންގަނާ ނުބުނެ އެވެ. ނަމަވެސް "ސަންޖޫ" ގަބޫލު ނުކުރީ އެ ފިލްމުގައި އޭނާ އަދާކުރަންޖެހޭ ރޯލު މާ ކުޑަކަމުން ކަމަށް ކަންގަނާ ބުންޏެވެ.

"ރަންބީރު ކަޕޫރު އެއް ދުވަހަކު އަހަރެމެންގެ ގެޔަށް އައިސް 'ސަންޖޫ' ކުޅުމަށް އަހަންނަށް ދައުވަތު ދިން. ނަމަވެސް އަހަރެންނަށް އެފިލްމުގައި ކުޅެންޖެހޭ ރޯލު ކަމުނުދާތީ ނޫނެކޭ ބުނީ. އަހަންނަކަށް ހިޔެއް ނުވޭ ޚުދް ރަންބީރު އައިސް ފިލްމެއްގެ ވާހަކަ ބުނުމުން އެހެން އެއްވެސް ބަތަލާ އަކަށް ނޫނެކޭ ބުނަން ކެރޭނެހެނެއް،" ކަންގަނާ ބުންޏެވެ.

"ސުލްތާން" އާއި "ސަންޖޫ"އަކީ ޔާޝްރާޖް ފިލްމްސް އިން އަދިތުޔާ ޗޯޕްޅާ ޕްރޮޑިއުސްކުރި ދެ ފިލްމަށް ވެފައި އެ ދެ ފިލްމު އޭނާ ގަބޫލު ނުކުރުމުން އަދިތުޔާ ޗޯޕްޅާ އޭނާ ދެކެ ވަރަށް ރުޅިއައިސްފައި ހުރި ކަމަށް ވެސް ކަންގަނާ ބުންޏެވެ.

"އަދިތުޔާ މެސެޖު ކޮށްފައި ބުނި ދެން ދުވަހަކުވެސް އަހަންނާއެކު ފިލްމެއްގެ މަސައްކަތެއް ނުކުރާނަމޭ. އެހެންވިޔަސް ކުރާނެ ކަމެއް ނެތް. އަހަރެން ހިތްހަމަނުޖެހޭ ފިލްމަކަށް އަހަންނަކަށް އެއްބަހެއް ނުވެވޭނެ،" ކަންގަނާ ބުންޏެވެ.
ކަންގަނާ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ އަޝްވިނީ އައްޔަރް ތިވާރީގެ "ޕަންގާ" އިންނެވެ. އޭނާ މި ފިލްމުގައި ކުޅުނީ ކަބައްޑީ ކުޅޭ މީހެއްގެ ރޯލެވެ. މަންމައަކަށް ވުމަށްފަހު އަލުން ކަބައްޑީގެ ރޮނގުން އެންމެ އުހަށް ދާން އަންހެނަކު ކުރާ މަސައްކަތް މި ފިލްމުގައި ދައްކުވައިދީފައި ވެއެވެ. ފިލްމުގައި ކަންގަނާ އަދާކުރި ބަޔަކަށް ގިނަ ބަޔަކު ތައުރީފުކޮށްފައި ވެއެވެ. ކަންގަނާ މި ވަގުތު މަސައްކަތް ކުރަމުންދަނީ އިންޑިއާގެ މަޝްހޫރު ޕޮލިޓީޝަން ޖަޔަލަލީތާގެ ބައޮޕިކް ގައެވެ.