ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންތިޒާމްތަކާހެދި ސޯޝަލް ޑިސްޓެންސް ގެއްލިއްޖެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ސިއްހީ މާހިރުންގެ އިރުޝާދާއެކު ކަމާބެހޭ ފަރާތްތަކުން ދަނީ އަޅަމުންނެވެ. އެގޮތުން ގޭގައި ތިބުމަށާއި، ސޯޝަލް ޑިސްޓެންސް ނުވަތަ ދެ މީހަކު ވަކި ދުރުމިނެއްގައި ތިބުމަށް ވެސް ދަނީ ނަސޭހަތްތެރިވަމުންނެވެ.

އެ ނަސޭހަތުގައި ހިފައި ގިނަ ބަަޔަކު އެ ގޮތުގައި އުޅެވޭތޯ ބަލައެވެ. މަދު ބަޔަކު އެފަދަ އިރުޝާދުތަކަށް ބޯ ނުލެބި ނަމަވެސް ތިމާއާ އާއިލާ އަދި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި އެފަދަ ކަންކަމަށް ވިސްނައިގެން އުޅޭ މީހުން ގިނަ އެވެ.

ނަމަވެސް ބައެއް ފަހަރު މިފަދަ ކަންކަން ބައެއް މުއައްސަސާތަކުން ވެސް ހަނދާނެއް ނުހުރެ އެވެ. ނުވަތަ އެފަދަ މުއައްސަސާތަކުން އަމަލުކުރާ ގޮތުން އެފަދަ ކަންކަން މުގުރި ސޯޝަލް ޑިސްޓެންސް ގެއްލޭ ގޮތް ވެއެވެ.

މިފަހަ ރުވެސް ވެފައި މިއޮތީ އެކަހަލަ ކަމެކެވެ. ކޮވިޑް-19 އާ ގުޅިގެން ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓިފައިވާތީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން ވަނީ މަގުފަހިކޮށްދީފަ އެވެ. އެގޮތުން ކޮންމެ ހަފުތާއަކު މޯލްޑިވިއަންގެ ފަރާތުން ލަންކާއަށް ކުރާ ކާގޯ ދަތުރުގައި ދިވެހިންނަށް ފޮނުވާ ތަކެތި ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ދަތުރުގައި ތަކެތި ގެންގޮސްދިނުމަށް އެދި ހުށައެޅި މީހުންގެ ތެރެއިން ފުރުސަތު ލިބުނު މިހާރު ތިބީ ތަކެތި ހިފައިން ގްރޭޓާ މާލެ ބަސް ޓާމިނަލަށް ގޮހެވެ.

އެތައް ސަތޭކަ ބަޔަކު ތިބީ އެތަނުގައި ކިޔު ޖެހިގެންނެވެ. ޓާމިނަލްތެރެ ފުރި، އޭގެ ބޭރުން ބޮޑުތަކުރުފާނުމަގުން ބައެއްގައި ވެސް ކިއު އޮތީ ހަދާފައެވެ.

އިންތިޒާމްތައް އެހާވެސް ދެރައެވެ. އެންމެ ފަހުން ރައްކާތެރިކަމަށްޓަކައި އަޅައިގެން ތިބި ސޯޝަލް ޑިސްޓެންސްގެ ފިޔަވަޅުވެސް ގެއްލުނީ އެވެ. މޯލްޑިވިއަން އިންތިޒާމްތަކުގެ ސަބަބުންނެވެ. ނުވަތަ ފޮރިން މިނިސްޓްރީން ވިސްނާލަން ޖެހޭ ކަމަކަށް ވިސްނާ ނުލާ އޮތުމުންނެވެ. ކޮންމެ ބައެއްގެ އިހުމާލެއް އޮތް ނަމަވެސް މިފަހަރު މިއޮތީ ސޯޝަލް ޑިސްޓެންސް ގެއްލިފައެވެ. އެއަށް ބަލާނީ ކިހިނަކުން ހެއްޔެވެ. އެހާވެސް ބައި ގިނައެވެ. ހޫނުކަމުން ކެތްކޮށްލެވޭ ވަރެއް ނޫނެވެ.

ނަމަވެސް ލަންކާގައި ތިބި ލޯބިވާ އާއިލާއަށް ކޮންމެވެސް މި ތަކެތި ފޮނުވަން ބޭނުމެވެ. ލަންކާއިން ކާބޯތަކެތި ހޯދުން ވަނީ ދަތި ކަމަކަށްވެފައެވެ. އެހެން ކަމުން ކޮންމެ ހާލެއްގައިވެސް އާއިލާއަށްޓަކައި މި އޮތީ ގުރުބާންވާން ޖެހިފައެވެ.

ނަމަވެސް އިންތިޒާމްތައް ރަނގަޅުކޮށްލިނަމަ ސޯޝަލް ޑިސްޓެންސް މިހެން ގެއްލިގެން ނުދިޔައީހެވެ. ތަކެތި ހަވާލުކުުރުން އޮންނަނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 09:00 ފެށިގެން 13:00 ގެ ނިޔަލަށެވެ. ހަތަރު ގަޑިއިރު އެބަ ލިބެއެވެ.

ތަކެތި ގެންދެވޭނެ ކަމަށް އަންގަނީ ސަރުކާރުންނެވެ. ގެންދެވޭނެ ތަކެތި ކަނޑައަޅަނީވެސް ސަރުކާރުންނެވެ. އެހެންވީމަ ކޮންމެ ދަތުރަކު ފުރުސަތުދޭ މީހުން ވަކި ގަޑިތަކަކަށް ބަހާލާނަމަ މިހެން ނުވީހެވެ. އަދި އިންތިޒާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ތަކެއްޗާ ހަވާލުވާނެ ގިނަ ބަޔަކު ޓާމިނަލްގައި ތިބޭނަމަ އާންމުންނަށް ފަސޭހަ ވެގެންދާނެއެވެ.

ބޭރު ގައުމަކަށް ފޮނުވާ ތަކެތި ކަމަށްވާތީ އަދި ސަރުކާރުގެ ބެލުމުގެ ދަށުން ގެންދާ ތަކެތި ކަމަށްވާތީ އެތަކެތި ޓާމިނަލަށް ގެންދަން ޖެހެނީ ބަންދު ނުކޮށެވެ. ގެންދާތަކެތި ބެލުމަށްފަހު ބަންދު ކުރަނީ ކަމާބެހޭ އިދާރާގެ ބޭފުޅެއްގެ ހާޒިރުގައެވެ. އެހެންވީމަ އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވެއެވެ. ކިއުގައި އެތައް އިރެއް ވަންދެން އާންމުންނަށް ތިބެން ޖެހެނީ އެހެން ވެގެނެއެވެ.

އެކަން އެހެންވާނެ ކަން އެނގޭއިރު އިންތިޒާމްތައް މިއަށްވުރެ ރަނގަޅުވާން ޖެހެެއެވެ. އިންތިޒާމްތައް ކުރެވުނު ގޮތުން މިފަހަރު އޮތީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ސޯޝަލް ޑިސްޓެންސް ގެއްލިފައެވެ.