ހަބަރު

"ލޯތްބާއެކު" މިފަހަރު ހަ ގައުމަކަށް

"ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް" ގެ ނަމުގައި އެހީގެ ކެމްޕޭނެއް ފަށައިފި އެވެ.

ލޯތްބާއެކު ކެމްޕޭނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން 2018 ވަނަ އަހަރުގެ ރޯދަ މަހުން ފެށިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

މި ކެމްޕޭނުގެ ދަށުން 2018 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަމާއެކު ފެން ރައްކާ ކުރާނެ ހަމާއި ގޭބީސީ ތަކުގައި ބޭނުން ކުރާ ބައެއް ސާމާނާ ބެޓަރި އާއި ލެޑް ލައިޓް ފޯރުކޮށްދީ އިންސްޓޯލް ކޮށްދީފައިވެއެވެ. އަދި 2019 ވަނަ އަހަރު މި ކެމްޕޭން ހާއްސަ ކުރީ ސީރިޔާ އާއި ފަލަސްތީނުގެ ރައްޔިތުންނަށެވެ. އެ އަހަރު އެ ދެ ގައުމުގެ ރައްޔިތުންނަށް ވަނީ ކާބޯތަކެތީގެ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.

އައިއޭސީން ކުރިޔަށް ގެންދާ މި ކެމްޕޭނަށް ދިވެހިންގެ ފަރާތުން އަބަދުވެސް އެހީ ފޯރުކޮށްދެ އެވެ.

އައިއޭސީ ގެ އިންޓަނޭޝަނަލް ރިލޭޝަން ޑިރެކްޓަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މި ކެމްޕޭން ކުރިޔަށް ގެންދާނީ މި މަހުން ފެށިގެން މޭ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ކޮވިޑް-19 އިގެ ބަލާއާފާތުގެ ސަބަބުން، ބޭރުތެރޭގައި މީހުން އެއްވެ އެޅޭގޮތަށް ހިންގޭ ހަރަކާތެއް މިފަހަރު ނުހިންގާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ކެމްޕޭން ކުރިޔަށް ގެންދަނީ ކޮވިޑް-19 ރޯގާގެ ބަލިމަޑު ކަމަށް ހާއްސަ ކޮށްގެން ކަމަށްވާތީ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ހައިޖީން ޕެކެއް ހިމަނާފައިވެ އެވެ.

މި އަހަަރުގެ ކެމްޕޭން ހާއްސަ ކޮށްފައި ވަނީ ހަ ގައުމަކަށެވެ. އެއީ ނޭޕާލާއި ޔުގެންޑާ އާއި ސީރިޔާ އާއި ފަލަސްތީނާއި ޔަމަން އަދި ބަންގްލަދޭހާއި މެލޭޝިއާގައި ތިބި ރޮހިންޔާ އަށް ނިސްބަތްވާ ރެފިއުޖީންނަށެވެ.