ހަބަރު

ޖަމީލް ދީދީގެ ދަރިކަނބަލުން ފާތުމަތު ޖަމީލް އަވަހާރަވެއްޖެ

Apr 4, 2020
2

މުހައްމަދު ޖަމީލް ދީދީގެ ދަރިކަނބަލުން ފާތިމަތު ޖަމީލް އަވަހާރަވެއްޖެ އެވެ.

ޖަމީލް ދީދީގެ ދޮށީ ދަރިކަނބަލުން ފާތިމަތު ޖަމީލް އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ.

އެކަމަނާއަކީ އަންހެނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އެ ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު އެތައް މަގާމުތަކެއް ފުރުއްވާފައިވާ ބޭކަނބަލެކެވެ.

އެގޮތުް 1978 ކުން 1993 ވަނަ އަހަރަށް ރާއްޖޭގެ އަންހެނުންގެ އިދާރާގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ އެކަމަނާއެވެ. އަދި 1980 ވަނަ އަހަރު އަންހެނުންގެ ގައުމީ ކޮމެޓީގެ ރައީސާކަމާ، އޮފީސް އޮފް ވިމެންސް އެފެއާޒްގެ ވެރިއެއްގެ ގޮތުގައިވެސް އެކަމަނާ ވަނީ ހިދުމަތް ކުރައްވާފައެވެ.

އަދި 1988 ވަނަ އަޙާރު ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ޑިރެކްޓަރު ޖެނެރަލްކަންވެސް ވަނީ ކުރައްވާފައެވެ. ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި ވިމެންސް އެފެއާޒް މިނިސްޓްރީ އުފައްދަވާ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އެކަމަނާ ވަނީ އައްޔަން ކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ދިގު މުއްދަތަކަށް އެކަމަނާ ކުރައްވާފައިވެއެވެ.

ފާތިމަތު ޖަމީލަކީ ކުރީގެ މިނިސްޓަރު ހަސަން ޒަރީރުގެ އަނބިކަނބަލުންނެވެ. ހަސަން ޒަރީރު ވަނީ ރައީސް ނާސިރުގެ ދުވަސްވަރު އެޑިއުކޭޝަން މިނިސްޓަރުކަން އަދި ރައީސް މައުމޫންގެ ދުވަސްވަރު ޓްރާސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ލަންކާގެ ކުރީގެ ސަފީރު ޒާހިރާ ޒަރީރުގެ މަންމާފުޅަކީ ފާތިމަތު ޖަމީލެވެ.