ފޮރިން މިނިސްޓްރީ

ލަންކާއަށް ތަކެތި ފޮނުވުން މެދުކަނޑައެއް ނުލާ: މިނިސްޓްރީ

ސްރީ ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވަން ސަރުކާރުން ފަހިކޮށްދިން ފުރުސަތު ބަންދު ނުކުރާ ކަމަށާ އަންނަ ހަފުތާގެ ފްލައިޓުން ވެސް ތަކެތި ފޮނުވަން ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ސްރީލަންކާއަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ސާއިއު ކޮށްފައިވާ އިއުލާނެއްގައި ވާތީ އެކަމާ ބައެއް ފަރާތްތަކުން ސުވާލު ކުރަން ފެށުމުންނެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ސްރީލަންކާއަށް ތަކެތި ފޮނުވުން މެދުކަނޑާލީ ނޫން ކަމަށާ ވަރަށް އަވަހަށް އަލުން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓިފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން ވަނީ މަގުފަހިކޮށްދީފަ އެވެ.

އެގޮތުން ކޮންމެ ހަފުތާއަކު މޯލްޑިވިއަން ލަންކާއަށް ކުރާ ކާގޯ ދަތުރުގައި ދިވެހިންނަށް ފޮނުވާ ތަކެތި ގެންގޮސްދޭނެ އެވެ. ފުރަތަމަ ދަތުރުގައި ތަކެތި ގެންގޮސްދިނުމަށް އެދި ހުށައެޅި މީހުންގެ ތެރެއިން ފުރުސަތު ލިބުނު މީހުން ވަނީ އިއްޔެ ތަކެތި ހަވާލުކޮށްފަ އެވެ. އެ ތަކެތި މިހާރު ހުރީ ލަންކާއަށް ގެންގޮސްފަ އެވެ.

މޯލްޑިވިއަން އިން ބުނީ ފުރަތަމަ ބުރުގައި 8.9 ޓަނުގެ ކެއާ ޕެކޭޖް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮންމެ އާދީއްތަ ދުވަހަކު މޯލްޑިވިއަންގެ ފްލައިޓެއް މުދާ ބަލައި، ލަންކާއަށްދާއިރު އެ ފުރުސަތު ކޮންމެ ހަފުތާއަކުވެސް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ފޮނުވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބަށް ކަމަށެވެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފޯމް ހުށައަޅަން ޖެހޭނެ ކަމަށެވެ.