ހަބަރު

މޯބައިލް ސިގްނަލް ބޫސްޓަރު އިންސްޓޯލް ނުކުރަން އަންގައިފި

މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ނުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން އަންގައިފި އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ބާރުގަދަ ރިޕީޓަރު ފަދަތެކެތި ބޭނުންކުރުމުން އެބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވިޔަސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވެ އަސަރުކުރާ ކަމަށާއި އަދި މިކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އާއްމުފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، އެކަން މޯބައިލް ހިދުމަތްދޭ ކުންފުނިތަކަށް އެންގެމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން ހިދުމަތްދޭ ފަރާތްތަކާއި އެ އޮތޯރިޓީން މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ސިގްނަލް ލިބުމުގެ މައްސަލަ ހައްލުނުވާނަމަ، އެ އޮތޯރިޓީއަށް ހުށަހެޅުއްވުމުންވެސް މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.