ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދިވެހިން ގެންނަން ހޮނިހިރު ދުވަހު އިންޑިއާއަށް ފްލައިޓެއް

އިންޑިއާގެ ޓްރިވެންޑްރަމްގައި މިވަގުތު ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ބޯޓެއް އަންނަ ހޮނިހިރު ދުވަހު އިންޑިއާއަށް ދާން ހަމަޖައްސައިފި އެވެ.

މިރޭ މޯލްޑިވިންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ޓްރެވިންޑްރަމަށް ހޮނިހިރު ދުވަހު މޯލްޑިވިއަންގެ ފްލައިޓެން ދާނެ ކަމަށާއި އެ ދަތުރުގައި ރާއްޖެ އަންނަ ދިވެހިންނަކީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ބޯޓުގައި ޓްރެވިންޑްރަމް އަށް ގޮސް ނާދެވިފައި ތިބި މީހުނާއި އާސަންދައިގެ ދަށުން އިންޑިއާގައި ބޭސްފަރުވާ ކުރަމުންދާ މީހުން ކަމަށެވެ.

މޯލްޑިވިއަންއިން މިވަގުތު ރާއްޖެ ގެނެސްފައިވަނީ ސްރީ ލަންކާގައި ތިބި މީހުންގެ ތެރެއިން 100 ދިވެހިންނާއި އިންޑިއާއިން 200 ދިވެހިން އަދި މާދަމާ މެލޭޝިއާ އިން އަންނަ 200 ދިވެހިންނެވެ.

ރާއްޖެ ނާދެވި ގައުމުތަކުގައި ތާށިވެފައިވާ ދިވެހިން ގެނައުމަށް ގައުމީ އެއާލައިނުން މަސައްކަތް ކުރަމުން އަންނަ އިރު އެމްއޭސީއެލް އާ ގުޅިގެން ފްލައިޓް ތަކުގެ ޓިކެޓް އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މިއަދު މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަންގެ ދަތުރުތަކެއް ޓްރިވެންޓްރަމަށް ކުރަން ހަމަޖައްސާފައި މިވަނީ ކޮވިޑް-19 އިގެ ސަބަބުން އިންޑިއާގެ ހުރިހާ ދަތުރުތަކެއް ހުއްޓާލައި އެއާޕޯޓް ބަންދުކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރާއްޖެ ނާދެވި ވަރަށް ގިނަ ދިވެހިން އެބަ ތިއްބެވެ.

އެ މީހުން ރާއްޖެ ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ކުރިންވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އޭރު ސަރުކާރުން ބުނީ އެ ގައުމުތަކުން އެއާ ސްޕޭސް ހުޅުވާލަން އެއްބަސްވެފައި ނުވާތީ އެކަމުގައި އަލި މަގެއް ފެނިފައިނުވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި ސްރީލަންކާ އާއި ބަންގްލަދޭހާއި ނޭޕާލް އަދި މެލޭޝިޔާގައި ވެސް ގިނަ އަދަދަކަށް ދިވެހިން ތަށިވެފައި އެބަ ތިއްބެވެ.