ހަބަރު

ސީޖީ އަވަހާރަވުމުމުން ކަސްޓަމްސްގެ ހެޑް އޮފީސް މިއަދު ބަންދު

މޯލްޑިވްސް ކަސްޓަމްސްގެ، ކޮމިޝަނާ ޖެނެރަލް (ސީޖީ) އަހްމަދު ނޫމާން އަވަހާރަވުމުގެ ހިތާމައިގައި ކަސްޓަމްސްގެ ހެޑް އޮފީސް މިއަދަށް ބަންދުކޮށްފި އެވެ.

ނޫމާން އަވަހާރަވެފައި ވަނީ، އިންޑިއާގެ ބެންގަލޫރުގައި ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. ނޫމާން ކިޑްނީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން އިންޑިއާގައި އުޅުއްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޫމާން އަވަހާރަވުމުގެ ހިތާމައިގައި ކަސްޓަމްސްގެ ހެޑް އޮފީސް މިއަދު ބަންދުކޮށް، ކަސްޓަމްސްގެ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ.

ނޫމާނަކީ އަދާލަތު ޕާޓީގެ ޖެންޑާ އޮފް ހިއުމަން ރައިސް ކޮމިޓީގެ ޗެއާޕާސަން އެވެ. އަދި، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެއް ވެސް މެ އެވެ. މީގެ އިތުރުން، ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމު ވެސް ނޫމާން އަދާ ކުރެއްވި އެވެ. އަދި ހައުސިން މިނިސްޓްރީ އާއި ސްޓެލްކޯގައި ވެސް ނޫމާން ވަނީ މީގެ ކުރިން ގިނަ ހިދުމަތް ތަކެއް ކުރައްވާފަ އެވެ.