ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މި ވަގުތު އިސްތިހާރު ނުކުރުން ބޮޑު ގޯހެއް!

އިގްތިސޯދު ދަށްވެ، ވިޔަފާރި ނުވާން ފެށުމާއެކު އެންމެ ފުރަތަމަ ހުއްޓާލަނީ އިސްތިހާރު ކުރުމެވެ. މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑު-19 އާ ގުޅިގެން ރާއްޖޭގައި ވެސް މިކަން ފެންނަނީ މިގޮތަށެވެ. ވިޔަފާރި ދަށްވުމާއެކު އިސްތިހާރު ކުރުން ހުއްޓާލައި ހަރަދު ކުޑަ ކުރަން ފިހާރަތައް ބަންދު ކޮށްފައި ތިބީ ގޭގަ އެވެ. ބައެއް ވިޔަފާރިވެރިންގެ ވިސްނާ ގޮތުގައި ވިޔަފާރި ނުވަންޏާ އިސްތިހާރު ކުރުމުގެ ބޭނުމެއް ނެތެވެ. އެއްޗެއް ނުވިކޭ ކަމަށް ވާނަމަ އިސްތިހާރު ކުރުމަކީ ބޭކާރު ހަރަދެކެވެ.

މި ވިސްނުން ރަނގަޅު ހެއްޔެވެ؟ ވިޔަފާރި ދަށްވުމާއެކު ކަސްޓަމަރުންގެ ލޯ މަތިން ގެއްލުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މީގެން ލިބި ދާނެ ގެއްލުމަކީ ކޮބައި ހެއްޔެވެ؟

"މި ވަގުތަކީ އިސްތިހާރު ކުރުން އެއްކޮށް ހުއްޓާލަން ޖެހޭ ވަގުތެއް ނޫން. އެކަމަކު މާކެޓިން އަށް ކުރާ ހަރަދު ކުޑަ ކުރެވިދާނެ. އެކަމަކު ކަސްޓަމަރުންނަށް އެ ނަމެއް ފެންނަން ޖެހޭ. މިހާރު އިސްތިހާރު ކުރަން ޖެހެނީ އޮންލައިން ނޫސްތަކާ ސޯޝަލް މީޑިއާގައި،" މާކެޓިން އާއި އިވެންޓު ބޭއްވުމުގައި ގިނަ ދުވަސްތަކެއްވީ ކުންފުންޏެއް ކަމަށްވާ ހައިރައިޒް ކުންފުނީގެ، އެއް ޑިރެކްޓަރު ކަމަށްވާ، އިސްމާއީލް ހަމީދު (ހައިރައިޒް އިއްސޭ) ވިދާޅުވި އެވެ.

ހަރަދު ކުޑަކޮށް ވިޔަސް އިސްތިހާރު ކުރަން ޖެހޭ

އިސްތިހާރު ކުރަން ބޭނުންވި ނަމަވެސް މި ވަގުތު ވިޔަފާރިތަކަށް އޮތް ގެއްލުމުގެ ބިރަށްޓަކައި އެކަން ކުރަން ގިނަ ވިޔަފާރިވެރިން ޖެހިލުން ވެއެވެ. ސަބަބަކީ ކޮވިޑް-19 އިގެ މި ހާލަތު ދިގު ދެމިގެން ގޮސް ދެން ވާނެ ގޮތް ސީދާ ބުނަން ލަފާ ކުރަން ދަތިވެފައި ވާތީ އެވެ.

ތިންކް އެޑްވަޓައިސިންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދީލް އިސްމާއިލް ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތު ކުރިއަށްދާ ގޮތަށް ބަލާއިރު، ކުރިއަށް ލަފާ ކުރަން ނޭނގުމަކީ މާކެޓިން ހަރަކާތްތައް މަދު ކުރުމުގެ ސަބަބެކެވެ. އެކަމަކު އިސްތިހާރު ކުރުން ހުއްޓާލުމަކީ ވެސް ހެދޭނެ ގޯހެކެވެ.

ކޮވިޑް-19 ވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު ދުނިޔެ ދުށް އެންމެ ބޮޑު އިގްތިސޯދީ ގެއްލުމަށެވެ. އިގްތިސޯދީ ބައެއް މާހިރުން ވިދާޅުވާ ގޮތުގައި މި ގެއްލުން ދެވަނަ ބޮޑު ހަނގުރާމައިގައި އިގްތިސޯދަށް ލިބުނު ގެއްލުމަށް ވުރެ ބޮޑުވުން ވަރަށް ގާތެވެ.

ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަން "މައިތިރި ކުރަން" ކުރާ މަސައްކަތް ހަ މަހަށް ދެމިގެން ދިއުން އެކަށީގެންވެ އެވެ. ނަމަވެސް މިކަމުން އެއްކޮށް ސަލާމަތް ވެވެން އޮތީ މި ބައްޔަށް ފަރުވާއެއް ލިބިގެނެވެ.

އެ މުއްދަތަށް ގެއްލުންތައް ދެމިގެން ހިނގައްޖެނަމަ ވިޔަފާރިތަކަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ އެވެ. އެހެންވެ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ބަޖެޓު ކުޑަކުރާ ވަގުތު އެންމެ ފުރަތަމަ އަތްލަނީ މާކެޓިން ބަޖެޓުގަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މި ކަން އޮތީ މިގޮތަށެވެ. ނަމަވެސް "ސްމާޓް" ކުންފުނި ތަކުން ދަނީ އިސްތިހާރު ކުރުމުގެ ވައްޓަފާޅި ވެސް މި ވަގުތަށް ބަދަލު ކޮށްލަމުންނެވެ. ބައެއް ކުންފުނި ތަކުން މަގުމަތީގައި ހުންނަ ބިލް ބޯޑު ފަދަ ތަންތަނުގައި އިސްތިހާރު ކުރުމުމުގެ ބަދަލުގައި އޮންލައިން މީޑިއަމްތައް ހިޔާރު ކޮށްފި އެވެ.

ކުރިން އިސްތިހާރު ކުރި ގޮތް ބަދަލުކޮށް އިޖުތިމާއީ ޒިންމާގެ ގޮތުގައި ސިއްހީ ދާއިރާއަށް އެހީ ވާން ވެސް ފަށައިފި އެވެ. ސަބަބަކީ ކޮވިޑް-19 ހުއްޓުވިގެން ނޫން ގޮތަކަށް ކުރިއެރެން ނެތުމުން ސިއްހީ ދާއިރާއިން ކުރާ މި ހަނގުރާމައިގައި ބައިވެރިވުމެވެ. މިކަމުގެ އަނެއްކޮޅަކީ މި ފަދަ ގޮތަށް އިސްތިހާރު ކުރި ނަމަވެސް އެ ޕްރޮޑަކްޓަކާއި ކުންފުނީގެ ކަސްޓަމަރުންނާ ހަމައަށް ފޯރުމެވެ. އެ މީހުންނަށް އެ ބައެއްގެ ނަން އިވުމެވެ.

މިއީ އިސްތިހާރަށް ރަނގަޅު ވަގުތެއް!

ކޮވިޑުގެ ސަބަބުން ގިނަ މީހުން ތިބީ ގޭގަ އެވެ. މުޅި ދުނިޔޭގައި ވެސް އޮތީ އެގޮތަށެވެ. ރާއްޖެ އެއްކޮށް ލޮކްޑައުން އަކަށް ނުދިޔަ ނަމަވެސް ސިވިލް ސާވިސްގެ 30،000 މީހުންނާއި އާއްމު ރައްޔިތުންގެ ބޮޑު ބައެއް ތިބީ ގޭގަ އެވެ. އަދި އާއްމުންގެ ގިނަ ބަޔަކު ވެސް ދަނީ ގިނަ ވަގުތު ގޭގައި ހޭދަ ކުރަމުންނެވެ. ގޭގެ ފައިނޭންސް ކޮންޓްރޯލަރުންގެ ގޮތުގައި ތިބޭ އަންހެނުންގެ އާބާދީގެ ބޮޑު ބައެއް ވެސް މި ވަގުތު ތިބީ ގޭގަ އެވެ.

އެ އާބާދީގެ ބޮޑު ބައެއް ވަގުތު ހޭދަ ކުރަނީ އޮންލައިން ތަކުގަ އެވެ. ހާއްސަކޮށް މި ހާލަތުގެ ތަފާތު މައުލޫމާތު ހޯދުމާއި ހަބަރުތައް ކިއުން މިވަނީ އިތުރުވެފަ އެވެ.

އާއްމުކޮށް ދުވާލެއްގެ މައްޗަށް މީހަކު ހަތަރު ގަޑިއިރު، ފޯނުގައި ވަގުތު ހޭދަ ކުރާނަމަ މި ދުވަސްވަރު އެ އަދަދު ހަ ގަޑިއިރަށް ބަދަލު ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ދެކެ ވަޑައި ގަންނަވައެވެ. އެހެންވެ މި ވަގުތަކީ އޮންލައިން މީޑިއަމްތަކުގައި އިސްތިހާރު ކުރަން އެންމެ ރަނގަޅު ވަގުތެކެވެ. ހާއްސަކޮށް ކެއުމުގެ ބާވަތްތައް އިސްތިހާރު ކުރަން ޖެހެ އެވެ. ޑެލިވަރީ ހިދުމަތްތައް އިސްތިހާރު ކުރަން ޖެހެ އެވެ.

ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ ބްރޭންޑިން ހަދައި، ގިނަ އިޝްތިހާރުތައް ހަދަމުންދާ އޯކާ މީޑިއާއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ވަގުތު އިސްތިހާރު ކުރުމުގެ މުހިންމުކަން ބޮޑެވެ.

"އިސްތިހާރު ނުކޮށް ތިބުމަކީ މި ވަގުތަށް ވެސް ހަދާ ގޯހެއް. އިސްތިހާރު ކުރަންވީ އޮންލައިން ތަކުގައި،" އޮފިޝަލް ވިދާޅުވި އެވެ.

އިސްތިހާރު ކުރުން ހުއްޓާލައިފިނަމަ އެ ބްރޭންޑެއް ގެއްލިގެން ދާނެ އެވެ. އެ ކުންފުންޏެއްގެ މަތިން އާއްމުން ހަނދާން ނެތިގެން ދާނެ އެވެ. އެހެން ވެއްޖެނަމަ އިގްތިސޯދު ރަނގަޅު ވާން ފަށާއިރު އެ ވިޔަފާރިއަށް ގެއްލުން ތަކެއް ވުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވަ އެވެ. އެހެންވެ ދަތި މިވަގުތު ވެސް އާއްމުންނަށް ވިޔަފާރީގެ ނަން ފެންނާނެ ގޮތެއް ވާން ޖެހެ އެވެ.

Message by Ministry Of Health