އޮފްބީޓް

ދެ އަނބިން ގެންގުޅޭ މީހަކަށް ފުލުހުން ދިނީ މަޖާ ޖަވާބެއް

ކޮރޯނާވައިރަސް ފެތުރެމުންދާތީ ޔޫއޭއީ ވެސް ވަނީ މިހާރު ބަންދު ކޮށްފަ އެވެ. މަސައްކަތެއް ކުރަން ވެސް އަދި އެހެން ކަމަކު ވެސް ދުއްވާ އެއްޗެއްގައި ބޭރު ތެރޭގައި އުޅެވެނީ ހާއްސަ ހުއްދައެއް ފުލުހުން ދިނީމަ އެވެ.

ގަލްފް ނިއުސްގައިވާ ޚަބަރެއް ބުނާ ގޮތުގައި ޑުބާއީ ފިރިހެނަކު އޭނާގެ ދެ އަނބިން ތިބޭ ދެ ގެއަށް ކާރުގައި އައިސް ގޮސް ވުމުގެ ހުއްދައަކަށް އެ ގައުމުގެ ފުލުހުންގެ ކިބައިން އެދުނެވެ.

މި ސުވާލު ޑުބާއީ ފުލުހުންނަށް އެ މީހާ ހުށަހެޅީ ރޭޑިއޯ ޕްރޮގްރާމެއްގަ އެވެ. ފުލުހުން އެ ވަގުތު ލޯކަލް ރޭޑިއޯ މެދުވެރިކޮށް ފޯނުކުރާ މީހުންގެ ސުވާލުތަކަށް ޖަވާބު ދެމުން ދަނިކޮށް އެ މީހާ ވެސް ގުޅާފައި ސުވާލު ކުރީ އެވެ. އޭނާ އެހީ އޭނާއަކީ ދެ އަނބިން ގެންގުޅޭ މީހަކަށް ވާތީ އެއް އަނބީގެ ގެއިން އަނެއް އަނބީގެ ގެއަށް ދިއުމުގެ ހުއްދަ އޭނާއަށް ލިބިދާނެތޯ އެވެ.

މި ކޯލަށް ޖަވާބު ދެއްވީ ޑުބާއީ ޕޮލިސްގެ ޓްރެފިކް ޑިޕާޓްމަންޓުގެ ޑައިރެކްޓަރު ބްރިގޭޑިއާ ސައިފް މުހައިރް އަލް މަޒްރޯއީ އެވެ. އޭނާ ހެމުން ހެމުން ވިދާޅުވި ކަމަށް ވަނީ އަނެއް އަނބިމީހާގެ ގެޔަށް ދިއުމުގެ ހުއްދަ ނުލިބުމަކީ އޭނާ ކައިރިއަށް ނުދާން ދެއްކޭނެ ރަނގަޅު ބަހަނާއަކަށް ވާނެ ކަމަށެވެ.

އެންމެ ހައިރާންވާ ކަމަކީ މި ސުވާލު ކުރީ މި މީހާ އެކަނި ނޫން ކަމެވެ. ބްރިގޭޑިއާ ވިދާޅުވީ ހަމަ މި ސުވާލު ރޭޑިއޯ ޕްރޮގްރާމަށް ގުޅި ވަރަށް ގިނަ ފިރިހެނުން އޭނާ އާ ކުރި ކަމަށެވެ.

ތަނަކަށް ދާން ހުއްދަ ދޭނަމަ ދެނީ އެންމެ ފަހަރަކަށް ކަމަށާއި ދެ ވަނަ ފަހަރަށް ދާން ބޭނުންނަމަ އަނެއްކާވެސް ހުއްދަ ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދާފައި ވަނީ މީހުން ބޭރުގައި އުޅޭލެއް މަދުކުރަން ކަމަށާއި ކޮރޯނާވައިރަހުން ސަލާމަތްވުމަށް މިއީ އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ބްރިގޭޑިއާ ވިދާޅުވި އެވެ.

މުހިއްމު އެއްޗެތި ގަންނާށާއި ކަންކަމު ބޭރަށް ނުކުތުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމަށާއި އޭރުން މިކަން ކުރާ މަގްސަދު ހާސިލު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑުބާއީގައި ވަކިވަކި ފަރުދުން ބޭރުތެރޭގައި ނުކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ. ޚާއްސަ މަސައްކަތްތައް ކުރާ މީހުންނަށް ޚާއްސަ ހުއްދައެއްގެ ދަށުން ނުކުމެ އުޅެވެ އެވެ.

އެހެންވީމާ މި މީހާއަށް އޭނާ މިހާރު ހުރި ގޭގައި އެ އަނބިމީހާ އާއެކު ލޮކްޑައުން ނިމެންދެން ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.