ކްރިމިނަލް ކޯޓް

މުހިންމު ޝަރީއަތްތަކަށް ކްރިމިނަލް ކޯޓް ހުޅުވަނީ

Apr 11, 2020

ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތަކެއް ހިންގަން ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ކްރިމިނަލް ކޯޓް ހުޅުވަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އެންގުމެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން، މިދިޔަ މަހުގެ 19 އިން ފެށިގެން ސަރުކާރު ބަންދު ކޮށްފައިވީ ނަމަވެސް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބުމަކީ މުހިއްމު ކަމެއް ކަމުގައިވާތީ، އެ ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދު ކަނޑާ ނުލައި ކުރަމުން އަންނަ ކަމަށެވެ.

އަދި ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވެސް ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތަކެއް ހިންގަން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ކުން މެންދުރުން ފަހު 3:00 އަށް ކޯޓު ހުޅުވަން ނިންމާފައިވާ ކަމަށެވެ.

ޝަރީއަތްތައް ކުރިއަށް ގެންދާއިރު މީހުން ޖަމާ ނުވާނެހެން މީހުން ކޯޓަށް ހާޒިރުކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކާއި، ބަންދުގެ މަޖިލީސްތައް ކުރިއަށް ގެންދަން އިސްކަންދޭނެ ކަމަށް ވެސް ބުންޏެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނެވި އަލީ ރަޝީދު ސޮއި ކުރައްވާ ނެރެފައިވާ އެންގުމުގައި ދިފާއީ ވަކީލުންނަށް ވީޑިއޯ ކޮންފަރެންސްގައި ބައިވެރި ވެވޭނެ ގޮތްތައް ވެސް ބަޔާންކޮށްފައި ވެއެވެ.