އޮފްބީޓް

މީހުންނާ ދުރުހެލިވާން އިންޑިޔާ މީހަކު އެރީ ގަހަށް

އިޖްތިމާއީ އެކަހެރިކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ބައެއް މީހުން ބަހައްޓަން ބޭނުން ވަނީ އެހެން މީހުންނާ ތަފާތު ގޮތްގޮތަށެވެ. އިންޑިޔާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އެކަކު އަނެކަކާ ވީހާވެސް ދުރުދުރުގައި އުޅުމަށް ނަސޭހަތްތެރިވަމުން ދާއިރު އުއްތަރުޕްރަދޭޝްގެ ހާޕޫރު ޑިސްޓްރިކްޓްގެ އަސޯދާ އަވަށުގައި ދިރިއުޅޭ މީހަކު މިކަން ނެގީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގަ އެވެ. އެހެން މީހުންނާ ވީހާވެސް ދުރުގައި އުޅުމަށް މިމީހާ ވަނީ ބޮޑު ގަހެއްގެ މަތީގައި ގެޔެއް އަޅައި އެ ގޭގައި ދިރިއުޅެން ފަށާފަ އެވެ.

މަކުލް ތިޔާގީ ނަމަކަށް ކިޔާ މި މީހާ ބުނަނީ މިއީ އޭނާގެ "ޓްރީހައުސް" ކަމަށެވެ. ނަމަވެސް މިއީ އާއްމުކޮށް ފެންނަ ޓްރީހައުސް ތަކަށްވުރެ ތަންކޮޅެއް އާދައިގެ ގޮތަކަށް އެމީހާ ހަދާފައިވާ ގެއެކެވެ. ބާ ލަކުޑިއާއި ފިލާ ބޭނުން ކޮށްގެން މި މީހާ ވަނީ ގަހުގެ މަތީގައިވާ ގޮފިގަނޑެއްގައި ޕްލެޓްފޯމެއް އަޅާފަ އެވެ.

ތިޔާގީ ބުނަނީ ކޮރޯނާވައިރަސް ފެތުރުމުން ރައްކާތެރިވެވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި އެއީ އިޖްތިމާއީ އެކަހެރިކަން ކަމަށެވެ. އެހެންވެ އެކަމަށް އޮތް އެންމެ ރަނގަޅު ގޮތަކަށް އޭނާއަށް ފެނުނީ ގެ އަޅައިގެން ގަހަށް އަރާ އިނުން ކަމަށެވެ.

"އެކަހެރިކޮށް އުޅެވެން އޮތީ މިގޮތަށް. އެހެންވެ ފިރިހެން ދަރިފުޅުގެ އެހީތެރިކަމާއެކު ގަހުގައި ބާ ލަކުޑިއާއި ފިލައިން ގެއެއް ހެދީ،" ތިޔާގީ ބުންޏެވެ.

ގަހުގައި ދިރިއުޅޭއިރު ގުދުރަތީ ހިތްގައިމުކަން ވެސް މާ ބޮޑަށް އިހްސާސްވާ ކަމަށާއި ތިމާވެށިން އެންމެ ސާފު ވައި ވެސް ލިބޭނީ މިގޮތަށް ގަހުގައި އިނީމަ ކަމަށް އޭނާ ބުންޏެވެ. އޭނާ ގަހުގައި ހުރިހާ ވަގުތެއް ހޭދަކުރާއިރު ކޮންމެ ވަގުތަކު ވެސް ގެއިން އޭނާއަށް ކާ އެއްޗެތި ގެނެސްދޭ ކަމަށް ވެސް ތިޔާގީ ބުންޏެވެ.

އުއްތަރު ޕްރަދޭޝްގެ އެކަނިވެސް މިހާރު 400 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ.