ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ: އީސީ

ގާނޫނުގައި ބުނާ މުއްދަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ނުބޭއްވޭނެ ކަމަށް ކަނޑައަޅާ އެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

ކޮވިޑް19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވަން ނިންމި މުއްދަތުގައި ނުބޭއްވޭނެތީ ކޮމިޝަނުން ނިންމީ މިމަހުގެ 18 ވަަނަ ދުވަހަށް އިންތިހާބު ފަސްކުރުމަށެވެ. ނަމަވެސް އަދިވެސް ހާލަތު ބަދަލުވެފައިނުވާތީ މި މުއްދަތުގައިވެސް އިންތިހާބު ނުބޭއްވޭނެތީ ގާނޫނީ ހައްލެއް ހޯދުމަށް ކޮމިޝަނުން ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން ޝަރުއީ މަރުހަލާއިން އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް މައްސަލަ ހައިކޯޓާއި، ސުޕްރީމް ކޯޓަށް ހުށައެޅިއެވެ. އެ މައްސަލަތައް ޝަރުއީ ނިޒާމުން ނެގުމަށްފަހު މަޖިލީހަށް ހުށައެޅީ އެ މައްސަލަތަކަށް ހައްލު އޮތީ މަޖިލީސްތެރެއިން ކަމަށް އެ މަޖިލީހުގެ ރައީސް ވިދާޅުވުމުންނެވެ.

މައްސަލަ ސުޕްރީމް ކޯޓުން ނަގާ، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނަށް އެ މަޖިލީހުން އެންގީ އެކަމާ ގުޅޭ ބިލެއް ހުށައެޅުމަށެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާއާއެކު ބަންޑާރަ ނާއިބްގެ އޮފީހުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ގެ ނަމުގައި ބިލެއް ހުށައަޅާފައެވެ.

ދިހަ މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020އިން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

ނަމަވެސް އަދިވެސް މިކަމުުގައި މަޖިލީހުން ގޮތްތަކެއް ނިންމާފައެއް ނުވެއެވެ. އަދި މެންބަރުންގެ މެދުގައި އެ މައްސަލާގައި ހިޔާލުތަފާތުވުން އުފެދި، ސަރުކާރުން ދެ ބިލެއް ހުށައަޅާފައިވަނިކޮށް އިތުރު ބިލެއް މެންބަރު ހަސަން ލަތީފް ވަނީ ހުށައަޅާފައެވެ.

އިންތިހާބުގެ މައްސަލައަށް މިމަހުގެ 18 ގެ ކުރިން މަޖިލީސްތެރެއިން ހައްލެއް ލިބިދާނެ ކަމަކަށް ނުބެލެވެއެވެ. އެއީ އޮންލައިންކޮށް ބާއްވަމުން އައި ޖަލްސާތައްވެސް ހުއްޓާލާފައިވާތީއެވެ. މި ހަފްތާގެ ތިން ދުވަހުވެސް މަޖިލީސް ނޯންނާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބޫ 2020 ފަސްކޮށްފައިވާ ކަމަށް ބަޔާންކޮށް ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް ކަނޑައަޅާފައެވެ.

އަދި މިހާރު އިއުލާނުކޮށްފައިވާ ސިއްގީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމްވުމާއެކު ނުވަތަ އެކަމުގައި އަމަލުކުރާނެ ގާނޫނީ ހައްލެއް ލިބުމާއެކު އިންތިހާބާ ގުޅިގެން އިތުރަށް ނިންމަންޖެހޭ ނިންމުންތައް ނިންމާނެ ކަމަށް ބުނެފައެވެ.