ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭސީސީ

ކޮވިޑް19: ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން އޭސީސީ ނިކުމެއްޖެ

ކޮވިޑް19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން ކުރަމުންދާ ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަަމަށް ކުރެވެމުންދާ ތުހުމަތުތަކާއި ގުޅިގެން އެކަންކަން ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްއާ ދެކޮޅަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެކި ސަބަބުތަކާއިހުރެ، ރައްޔިތުންގެ އެކި ކަހަލަ ކަންބޮޑުވުންތައް ހުރިކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން ކުރަމުންދާ ކަންކަމުގައި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެ ކޮމިޝަނުން އެ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާ އަދި ސޯޝަލް މީޑިއާ އެ ނޫންވެސް ވަސީލަތްތަކުގައި ދައުރުވަމުންދާ ޝަކުވާތަކާއި ގުޅިގެން އޭސީސީން އިސްނަގައިގެން އެކަންކަން ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޭސީސީން ވަނީ ކޮވިޑް19 އާ ގުޅިގެން ކުރެެވޭ އެއްވެސް މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިނގާ ކަމަށް ޝައްކުކުރެވޭނަމަ ލިބެންހުރި ހެއްކާއެކު އެ ކޮމިޝަނަށް ހުށައެޅުމަށް އެދިފައެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް އެ ކޮމިޝަނާ މަތިކުރެވިފައިާ ގާނޫނީ ޒިންމާ އެއްވެސް ޖެހިލުމެއްނެތި އަދާކުރާނެ ކަމަށްވެސް ބުނެފައެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ހޯދާ ވެންޓިލޭޓަރު ހޯދާ ގޮތާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަދި އެނޫންވެސް ބައެއް ކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ދަނީ ފެންމަތި ކުރަމުންނެވެ.