ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

ބޭހަށް އިންޑިއާގައި ތިބި 159 މީހަކު ރާއްޖެ ގެނެސްފި

އިންޑިއާއަށް ބޭސް ފަރުވާއަށް ގޮސް ތިބި 159 މީހަކު މިއަދު ރާއްޖެ ގެނެސްފި އެވެ.

މިއަދު މެންދުރު މޯލްޑިވިއަންގެ ފްލައިޓެއްގައި ގެނެސްފައި ވަނީ އިންޑިއާގެ ކޮޗިން އާއި ބެންގަލޫރަށް އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިންނެވެ.

އިންޑިއާއިން މިއަދު އައި 159 މީހުންވެސް މިހާރު ވަނީ ކަރަންޓީން ފެސިލީޓީތަކަށް ގެންގޮސްފައެވެ. އެމީހުން ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާނީ 14 ދުވަހުގެ މުއްދަތަށް ފަހު އެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެ ނާދެވި ބޭރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ގައުމީ އެއާލައިންއިން ދަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާއިން އެކި ފަހަރު މަތިން މިހާތަނަށް 405 ދިވެހިން ރާއްޖެ ގެނެސްފައެވެ. އަދި ނޭޕާލުން 83 ދިވެހިން، ލަންކާއިން 100 ދިވެހިންގެ އިތުުރުން މެލޭޝިޔާއިން 197 ދިވެހިން ރާއްޖެ ގެނެސްދީފަ އެވެ.

މޯލްޑިވިއަންއިން ބުނީ ފުރުސަތު ލިބޭ މިންވަރަކުން ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް އެ ގައުމުތަކަށް މޯލްޑިވިއަންގެ ފްލައިޓްތައް ފޮނުވާނެ ކަމަށެވެ. މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ގައުމުތަކުގެ އެއާޕޯޓްތައް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވުމެވެ.