ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު މައުލޫމާތު ހޯއްދެވީ ކިހިނެތް؟

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ސާވޭތަކާ ހަވާލާ ދެއްވައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނެ ކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 2000 މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެ ވާހަކަފުޅު ދެއްކެވި އެވެ.

މަޖިލީހުގެ ޖަލްސާތައް ޗެންބަރުގައި ފެށުމާ ގުޅޭގޮތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައު މިހާރު އަޅާފައިވާ ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖެއިން ގާތްގަނޑަކަށް 8،000 މީހުނަށް ކޮވިޑް-19 ޖެހޭނެ އެވެ.

މިހާރު ހުރި ފިޔަވަޅުތަކާ އެކުގައި ވެސް ހަމަ އެ އަދަދަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް އެ އަދަދަށް ބަލި ފެތުރޭ މިންވަރު 210 ދުވަހަށް ދަންމާލެވޭ ކަމަށް ނަޝީދު ވިދާޅުވެފައި އެވެ. ފަހުން އެމަނިކުފާނު ވިދާޅުވީ އެއީ ވެސް އެންމެ ގޯސް ހާލަތުގަ އެވެ.

މިިހާރު ހުރި ފިޔަވަޅުތަކާއެކު ޖެހޭނެ ކަމަށް ސާވޭއިން ދައްކާ ގޮތުގައި ލަފާ ކުރަނީ 2،000 އެއްހާ މީހުނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ގާތްގަނޑަށް 10 ޕަސެންޓް މީހުންގެ ހާލަތު ގޯސްވާނެ ކަމަށް ސާވޭއިން ދައްކާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އިނގޭ މިހާރު ރާއްޖޭގައި އަޅާފައި މިހުރި ފިޔަވަޅުތައް، މިހެން އަޅާފައި ބެހެއްޓީމާ، ގާތްގަނޑަކަށް 2000 އެއްހާ މީހުންނަށް މި ބަލި ޖެހޭނެ ކަމާއި، އޭ ގެތެރެއިން އެބޭފުޅުން އެ ވިދާޅުވާ ހާއްސަ ހާލަތަށް ނުވަތަ ނުރައްކާތެރި ހާލަތަށް 10 ނޫނީ ފަސް ޕަސެންޓު މީހުން ދާނެ ކަމާއި އެއީ އަޅުގަނޑުމެންނަށް ސައިންސުން ފެންނަށް ހުރި އެއްޗެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އެވާހަކަތައް ވިދާޅުވީ އެޗްޕީއޭގެ ރިޕޯޓްގެ މައްޗަށް ބެލުމަށްފަހުގައި ކަމަށެވެ. މިއީ އެޗްޕީއޭގެ ދިރާސާގެ މައްޗަށް ބިނާކޮށް ދައުލަތުގެ އިސް ބޭފުޅަކު އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ނަޝީދު އެ ވާހަކަ ވިދާޅުވެފައިވަނީ އެފަދަ ދިރާސާއެއް ކޮށްފައިވާކަން ކަމާބެހޭ އެއްވެސް އިދާރާއަކުން ވެސް ހާމަކޮށްފައިވެސް ނުވަނީހެވެ.

މަޖިލީހުގެ ރައީސާ އެޗްޕީއޭގެ ދިރާސާ ހިއްސާއެއް ނުކުރޭ

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނޫސްވެރިން ސުވާލު ކުރިއެވެ.

ނަޝީދު އެ ވާހަކަތައް ވިދާޅުވީ އެޗްޕީއޭގެ ދިރާސާ ރިޕޯޓް އެމަނިކުފާނާ ހިއްސާ ކުުރުމުންތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފަ އެވެ. އަދި ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން ނޫން ބަޔަކު އެފަދަ ވާހަކައެއް ހިއްސާ ކުރުމުން އެކަމާ ކިހާ ވަރަކަށް ކަންބޮޑުވޭތޯ ވެސް ނޫސްވެރިން ސުވާލު ކުރިއެވެ. އެ ސުވާލު ނޫސްވެރިން އަމާޒު ކުރީ، ބައެއް ނޫސްތަކުގައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނޫން ކަމަށް ވިދާޅުވެ ނަޒްލާ އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވުމުންނެވެ.

ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅޭގޮތުން މަބުރޫކް ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ވިދާޅުވީ "އެ ބޭފުޅަކާ އެ ސުވާލެއް" ކުރެއްވުމަށެވެ. އަދި އެއްވެސް ބޭފުޅަކަށް އެ ދިރާސާ ރިޕޯޓް ހިއްސާ ކޮށްފައި ނުވާނެ ކަމަށާ އެ ރިޕޯޓް ހިއްސާކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ މުލިއާ ގޭގައި ބޭއްވި ކޮވިޑް-19 ގެ ޓާސްކު ފޯހުގެ އެންމެ އިސް ބޭފުޅުންނާ ކަމަށެވެ. އެ ބައްދަލްވުމުގައި ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ނަޝީދު ދެއްވި މައުލޫމާތު ރަނގަޅެއް ނޫން

ކޮވިޑް-19 މުޖްތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލާ ތައްޔާރު ކޮށްފައިވާ ދިރާސާއެއްގައި ހިމެނޭ އަންދާޒާތައް ރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ވަނީ ހިއްސާ ކޮށްފަ އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ މި ބަލި 96،000 ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށެވެ. އެގޮތުން މާލެ ސަރައްދުން އެކަނި ވެސް 46،000 ވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މުޖްތަމައުގެ މީހަކަށް މި ބަލި ޖެހޭތާ 45 ނުވަތަ 50 ދުވަހުގެ ތެރޭގައި ބަލި "ޕީކް" އަށް ދާނެ ކަމަށެވެ. އެހާ ހިސާބުން ދުވާލެއްގެ މައްޗަށް 5،000 ވުރެ ގިނަަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދު އިއްޔެ ދެއްވި އަދަދުތައް މި އަދަދުތަކާ ދިމައެއްނުވެއެވެ. އެކަމާ އެންއައިއޯސީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ ބޭފުޅުންގެ ކަންބޮޑުވުން އޮތީ ސީދާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ކަމެއް ވިދާޅެއް ނުވެއެވެ. ވިދާޅުވީ ނޫސްތަކުގައި ހުރި ވާހަކަތަކުގައި ރަނގަޅު ނޫން އަދަދުތަކެއްވާ ކަމަށެވެ. އަދި ރާއްޖެއިން ބަލި ޖެހޭނެ ކަމަށް ލަފާކުރާ އަދަދަކީ 8،000 ކަމަށް ނޫސްތަކުގައި ލިޔެފައިވާ ކަމަށާ ނަމަވެސް އެއީ ބަލީގެ އެންމެ ޕީކް ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާނެ އަދަދު ކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ނަމަވެސް މިއީ ނޫސްތަކުން އަމިއްލައަށް އުފެއްދި އަދަދެއް ނޫނެވެ. އެއީ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތަކެކެވެ.

އެހެންވީމަ ސުވާލަކީ ރައީސް ނަޝީދަށް އެ މައުލޫމާތު ލިބިވަޑައިގެންނެވީ ކިހިނަކުންތޯއެވެ. އެމަނިކުފާނު ވިދާޅުވި ވާހަކައެއް ވިދާޅުވީ އެޗްޕީއޭގެ ދިރާސާ ރިޕޯޓްގެ މައްޗަށް ބިނާކޮށެވެ. އޮޅިވަޑައިގެން ބައެއް އަދަދުތައް ވިދާޅުވެވުނީ ގޯސްކޮށް ނަމަވެސް އެ ދިރާސާ ރިޕޯޓްގެ މައުލޫމާތު އެމަނިކުފާނަށް އެ އޮތީ ކޮންމެވެސް ސިފައެއްގައި ލިބިވަޑައިގެންފައެވެ.

މީގެ ކުރިން ރިޔާސީ ކޮމިޝަނުން އެކުލަވާލި ބޮޑެތި މަރުތަކުގެ ރިޕޯޓްތައްވެސް މަޖިލީހާ ހަވާލުކުރި ހިސާބުން އާންމުވިއެވެ. އަދި އޭގައި ހިމެނޭ ރައީސް ނަޝީދަށް މުހިންމު ބައިތައް ޖަލްސާއެއްގައި ވިދާޅުވެވެސް ދެއްވިއެވެ. އެފަހަރުވެސް ސަރުކާރުން އެކަމާ ކަންބޮޑުވުން ފާޅުކުރިއެވެ. ނުސީދާކޮށް ނަމަވެސް ރައީސް ސޯލިހް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެފަހަރުވެސް އެކަން ކުރެއްވުމުގެ ހިކުމަތް ރައީސް ނަޝީދު ވިދާޅުވެ ދެއްވިއެވެ.

އެހެންވީމަ ފަހަރުގައި މިއަދު ރައީސް ނަޝީދު އެ މައުލޫމާތު ހިއްސާވެސް ކުރައްވާފާނެއެވެ. އެމަނިކުފާނަށް އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތް ވިދާޅުވެވެސް ދެއްވާފާނެއެވެ.