އޮފްބީޓް

ޑްރޯނުން ގޭގެއަށް ދުފާއެއްޗެހި ގެންދަނީ

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އިންޑިޔާ ވެސް އޮތީ ލޮކްޑައުން ކޮށްފަ އެވެ. ބިލިއަން މީހުންގެ އާބާދީގެ ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ އެމީހެއްގެ ގޭގެ ހަތަރު ފާރުތެރޭގަ އެވެ. އިތުރަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި އެހެން މީހުންނާ ވީހާވެސް އެކަހެރިކޮށް އުޅުމަށެވެ.

ލޮކްޑައުން ގަވާއިދަށް މީހުން ބޯލެނބުވުމަށް އިންޑިޔާ ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ކޮށްފައި ވެއެވެ. އެހެންވެ އާންމުކޮށް މީހުން ބޭނުންވާ ބައެއް ކަހަލަ ޚިދުމަތްތައް ވެސް މިދުވަސްވަރު އެއްގޮތަކަށް ވެސް ނުލިބެ އެވެ.

ކިތަންމެ ރަނގަޅު ގަވާއިދުތަކެއް ހަދާފައި ހުއްޓަސް އެ ގަވާއިދު މުގުރާ މީހުން ވެސް ކޮންމެ އާބާދީއެއްގައި ވެސް މަދުން ނަމަވެސް އުޅޭނެ އެވެ. އެގޮތުން ގުޖްރާތުގެ މޯބީ ކިޔާ ރަށުގެ މީހަކު ވަނީ އެ ހިސާބުގަނޑުގެ މީހުންނަށް ޑްރޯން މެދުވެރިކޮށް ދުފާއެއްޗެތި ނުވަތަ ޕާން މަސާލާ ޑެލިވާ ކޮށްދިނުމުގެ މަސައްކަތް ކޮށްފަ އެވެ.

ސޯޝަލް މީޑީއާ އެޕެއް ކަމަށްވާ ޓިކްޓޮކްގައި މީހަކު ވަނީ މި ގޮތަށް ޑްރޯނުން ގެއަކަށް ޕާން މަސާލާ ގެންގޮސްދޭ މަންޒަރު ޝެއާ ކޮށްފަ އެވެ. އަދި އިންސްޓަގްރާމްގައި ވެސް ބައެއް މީހުން މި ވީޑިއޯ ޝެއާ ކޮށްފައި ވެއެވެ.
މި ވީޑިއޯ އިންސްޓަގްރާމްގައި ޝެއާކުރި މީހަކު ލިޔެފައިވާ ގޮތުގައި މީގެން ދޭހަވާ އެއްޗަކީ ގުޖްރާތު މީހުން ދުފާލަން ބޭނުންވުމުން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ ކަން ކަމަށެވެ. އަދި ކޮރޯނާވައިރަހުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ މި ވަގުތު ވެސް މޯބީގެ މީހުން ބަލަނީ ދުފާލެވޭތޯ ކަމަށް އެމީހާ ލިޔެފައި ވެއެވެ.

ވީޑީއޯ އިން ފެންނަނީ ޕާން މަސާލާ ޕެކެޓެއް ޑްރޯނުގައި އެލުވާފައި އިންދަ އެވެ. އަދި ގެއެއްގެ ޓެރަސްމަތީގައި ހުރި މީހަކާ އެ ޑްރޯން ކައިރިވުމުން އެމީހާ ޕާން މަސާލާ ޕެކެޓެއް ޑްރޯނުން ނައްޓާލާ މަންޒަރެވެ.

މި ވީޑީއޯ ވައިރަލްވުމާއެކު ގުޖްރާތު ފުލުހުން ވަނީ މިކަން ކުރި ދެ މީހުން ހޯދާ ހައްޔަރުކޮށްފަ އެވެ. އިންޑިޔާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި އެކި ގޭގެޔަށް ބަނގުރާ ފޯރުކޮށްދިނުމަށް ވެސް މިކަހަލަ މޮޅެތި ޓެކްނިކްތައް މީހުން ބޭނުން ކުރަމުން ދެއެވެ.