ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

މީހުނަށް ކަމުދިޔައީ ވަހީދާގެ މާސްކް!

ސިއްހީ މާހިރުން އެދި ވަޑައިގަންނަވަނީ ހުރިހާ ގޮތަކުންް ވެސް ސާފު ތާހިރުކަން އިސް ކުުރާށެވެ. އެހެންވެ މިއީ ކޮވިޑް-19 އިން ސަލާމަތްވާން ފަރުދީ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތް ކުރަންވީ އެންމެ މުހިންމު ވަގުތެވެ. މާސްކް ބޭނުން ކުރާށެވެ. އަތް ދޮންނާށެވެ. ގައިދުރުވާށެވެ.

ކުރީކޮޅު ހޭ ނުލެވި، ސެނެޓައިޒާއާ އާއި މާސްކަށް އަރުވާލިވަރު މިހާރު އެންމެ ވެގެން ނޭރުވި ނަމަވެސް ފުލުފުލުގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުުރުވެ އަތޮޅުތަކުގެ ބައެއް ރަށްރަށާ ހަމައަށް ވެސް ބަލި ފޯރާން ފެށުމުން މި ފިޔަވަޅުތައް އިތުރު ކުރަން ވަނީ ޖެހިފަ އެވެ.

މިހައިރު މާހިނގާ މާސްކެއް އެބައުޅެ އެވެ. އަދި ކުރިން މާސްކް ގަންނަން ނުލިބުމުގެ ކަންބޮޑުވުން ވެސް މި އޮތީ ފިލާފަ އެވެ. އޯޑަރެއް ކޮށްލާއިރަށް ރީތި ނަލަނަލަ ފޮތިކޮޅެއްގައި ތައްޔާރު ކޮށްފައިވާ ފެންވަރުގެ މާސްކެއް ހޯދައި ލެވެ އެވެ.

މިހާރު މިއޮތް ބަލާއާފާތުގެ ބާނިގަނޑުގެ ތެރޭގައި އަހަރެމެންގެ ފެހުންތެރިޔާ އައިޝަތު ވަހީދާ މިވަނީ އުފެއްދުންތެރި މާއްސަކަކުން ރަކާތެރިކަމަށް މުހިިންމު އެއް ފިޔަވަޅު އަޅަން އެހީވެދީފަ އެވެ.

ވަހީދާ އެނގޭ ނޫން ހެއްޔެވެ؟ ގިނަ ބަޔަކު ދަންނަ އަދި މަގުބޫލުކަން ވެސް ހޯދާފައިވާ ކުޅަދާނެ ފެހުންތެރިއެއް ނޫން ހެއްޔެވެ؟ މިކަމެއްގައި ވަހީދާ އުޅޭތާ ވެސް މިހާރު ވިއްސަކަށް ތިރީހަކަށް އަހަރު ވެދާނެ އެވެ.

ކޮވިޑް-19 އިގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާއިރު ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަހާތަން ބަންދުކޮށް ވަހީދާވެސް މިހާރު އިންނަނީ ގޭތެރޭގަ އެވެ. އެކަމަކު ހިދުމަތުގަ އެވެ.

ވަހީދާ ބުނި ގޮތުގައި ފަހާތަން ބަންދުކޮށްލައިގެން ގޭތެރޭ އިންނަން ވަރަށް އުނދަގުވި އެވެ. އެކަމަކު ވެސް ގޭގައި އެހެން އިނދެވެނީ އެވެ. އެހެން އިންދާ އޭނާގެ ރަހުމަތްތެރިޔަކު އެއް ދުވަހަކު ގުޅައި އަދި އަނގަމަތީގައި އަޅާ މާސްކް އެބަހުރިތޯ ސުވާލެއް ކުރި އެވެ.

"އެއީ މާސްކް ހަދަން ފެށުނު ހިސާބަކީ، ރަހުމަތްތެރިޔާ އެހެން ގުޅާފަ އެހުމުން އަޅުގަނޑު ބުނެފިން އެބަހުއްޓޭ. ދެން ވަގުތުން މާސްކެއް ފަހާލާފައި އޭނާއަށް ދިނީ،" ކޮރޯނާއާ ގުޅިގެން ސްޓައިލްކޮށް ޑެކަރޭޓްކޮށްފައިވާ މާސްކް ފެހުމުގެ މަސައްކަތް ފެށުނު ގޮތް ވަހީދާ ކިޔައި ދިނެވެ.

މީގެ ކުރިން ވިއްޔާ އަބަދުވެސް ވަހީދާގެ މަސައްކަތަކީ އޮކޭޝަންތަކަށް ތަފާތު ވައްތަރުގެ ހެދުން ފަހައި ދިނުމެވެ. ހާއްސަކޮށް ކައިވެނީގެ ހަފުލާތަކާއި، އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވާން ވަރަށް ގިނަ ބަޔަކަށް އޭނާ ހެދުން ތައްޔާރު ކޮށްދެ އެވެ.

އެހެންވެ ވަރަށް ގިނަ ބަޔަކަށް އޭނާގެ އެ މަސައްކަތް އޮންނަނީ ފެނި މަގުބޫލް ވެސް ވެފަ އެވެ، މިހާރު މި ދުވަސްކޮޮޅަށް މިއޮތީ މުޅީން އެހެން ގޮތަކަށް ބަދަލުވެފަ އެވެ. އެ މީހަކު އަޅަން ބޭނުންވާ ވައްތަރަކަށް ވަހީދާ މާސްކް ހަދައި ފަހައި ދެނީ އެވެ.

ރީތި ނަލަ ނަލަ މާސްކްތައް ތައްޔާރު ކުރުމަށްފަހު ވަހީދާ ގެންދަނީ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި އެ މާސްކްތަކުގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ. އެ ފޮޓޯތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ވައިރަލްވެ ވަރަށް ގިނަ މީހުން އޭގެ މާސްކްތައް ބޭނުން ވެގެން މެސެޖް ކުރަން ފަށަ އެވެ.

"އެހާ ހިސާބުން ދެން އާންމުކޮށް މާސްކް ވިއްކަން ފެށީ. ހަގީގަތުގައި ފުރަތަމަ ބޭނުމެއް ނުވި ވިއްކާކަށް. އެކަމަކު ހިތަށް އެރީ އެހެން ވިއްޔާ ބޭނުން ވެގެން ގުޅާ ކޮންމެ މީހަކަށް ދޭންވާނެއޭ. އަދި ދޭން ވަކި އަދަދެއް ވެސް އޮވެގެން ނުވާނެއޭ. އެހެންވީމަ ވަރަށް ކުޑަކުޑަ ނަމަވެސް އަގެއް ނަގައިގެން ވިއްކަން ފެށީ،" އޭނާ ބުންޏެވެ.

ވަހީދާ ތައްޔާރުކުރާ ހިތްގައިމު "ފޮތި މާސްކެ"އް އޭނާ ވިއްކަނީ 10 ރުފިޔާއަށެވެ. އެވަރު ބޮޑެއް ނޫނެއް ނޫން ހެއްޔެވެ؟

ތަފާތު ރީތި ކުލަކުލައިގެ ހިތްގައިމު ފޮތީގައި މާސްކްތައް އޭނާ ތައްޔާރު ކޮށްފައި ވެއެވެ. އެއިން ކޮންމެ ފާޑެއްގެ މާސްކެއް ވެސް ހަމަ އެ އަގުގަ އެވެ. ކުޑަ އަގެއް ނެގި ނަމަވެސް މިވަގުތު ވަހީދާ އެކަން ކުރަމުންދަނީ ރައްކާތެރިކަމަށްޓަކައި ދިވެހިންނަށް ކޮންމެވެސް ކަމެއް ކޮށްދިނުމުގެ ބޭނުމުގަ އެވެ. އަދި ގޭތެރޭގައި އަތް އުރާލައިގެން އިންނަން ޖެހޭ ޖެހުމަށް ވެސް ނިމުން ގެނައުމެވެ.

"ބައެއް މާސްކްތަކުގައި ވަރަށް ރީތިކޮށް މަލެއް ނުވަތަ އެހެން އެއްޗެއް ހުރުމުން ބައެއް އަންހެން ކުދިން އެކަހަލަ މާސްކްތައް ބޭނުން ވެގެން ގުޅާނެ، އަދި ބައެެއް މީހުން އެކި ވައްތަރުގެ ފޮތީގައި ބޭނުން ވެގެން ގުޅާނެ. އަޅުގަނޑު އަތުގައި ހުރި އެއްޗަކުން އެކަން މިކުރަނީ. ކިތަންމެ މަސައްކަތުން އަދި ތަފާތު ފޮއްޗެއްގައި ހެދި މާސްކެއް ނަމަވެސް ކޮންމެ މާސްކެއް ވެސް އެއް އަގެއްގައި މި ވިއްކަނީ،"

ވަހީދާގެ މި މަސައްކަތް އެތައް ބަޔަކަށް ކަމުވެސް ގޮސްފި އެވެ. އިއްޔެ އެކަނިވެސް އޭނާގެ އަތުން 100 އަށް ވުރެ ގިނަ ތަފާތު މާސްކް ފެހި އެވެ. އަދި މިފަހުން ކޮންމެ ދުވަހަކު ވެސް އެ އަދަދަކަށް މާސްކް ފެހޭތޯ އޭނާ ބަލަ އެވެ. އަދި އެ އަދަދަށް އޯޑަރު ވެސް ލިބެ އެވެ.

"..އިއްޔެ ވެސް އައި 100 މާސްކްގެ އޯޑަރެއް. އެ ދުވަހުން އެދުވަހަށް ނިންމާލިން... އަޅުގަނޑަށް އެހެން މާބޮޑު ކަމެއް ނެތިއްޔާ ދުވާލަކު 100 މާސްކް ތައްްޔާރު ކުރެވޭނެ މާގިނަ ވަގުތުތަކެއް ހޭދަ ނުކޮށް،"

ވަހީދާ ގިނައިން ތައްޔާރުކޮށްފައި ހުންނަނީ އަންހެން ކުދިންނާ ގުޅޭ ފާޑުގެ ތަފާތު މާސްކް ތަކެވެ. އެހެން ކަމުން ފިރިހެނުންނާ ގުޅޭ މާސްކް ވެސް ތައްޔާރު ކޮށްދިނުމަށް އޯޑަރު ލިބޭތީ މިހާރު ވަހީދާ ވަނީ ފިރިހެނުންނަށް ވެސް ހާއްސަކޮށް މާސްކް ތައްޔާރު ކުރެ އެވެ. މީގެ އިތުުރުން ގައުމީ ކުލަތައް ހިމަނައިގެން ވެސް އޭނާ ގެންދަނީ މާސްކް ތައްޔާރު ކުރަމުންނެވެ.

ވަހީދާ ތައްޔާރުކުރާ މާސްކް ބޭނުންވާ ފަރާތްތަކަށް އަދިވެސް އޮތީ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން އިންސްޓަގްރާމް ޕޭޖުން މެސެޖް ކޮށްލުމުން ވެސް އަދި އޭގައިވާ ނަންބަރަށް ގުޅާލައިގެން ވެސް އޯޑަރު ދެވޭނެ އެވެ.

"އޯޑަރު ދިނުމުން އަޅުގަނޑު ވަގުތުން މަސައްކަތް ފަށާނަން. އަދި ނިންމާފައި ގުޅާނަން،"