ހަބަރު

ތިން ރަށެއްގެ ބަނދަރު މަޝްރޫއުގެ މުއްދަތު އިތުރުކޮށްފި

Apr 21, 2020
2

ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވާ ތިން ރަށެއްގެ ބަނދަރުގެ ޑިޒައިން އަދި ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ މަޝްރޫއަށް ކުރިމަތިލުމާއި ބިޑް ހުށަހެޅުމާއި ބީލަން ހުޅުވާލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓުގައި ބިޑް ހުށަހެޅުމާއި ބީލަން ހުޅުވާލުމުގެ މުއްދަތު އިތުރު ކުރާ ގޮތަށް ފިނޭންސުން އިއުލާން ކޮށްފައިވާ މަޝްރޫއުތަކަކީ ވެސް މި މަހުގެ ދުވަސްތަކެއްގައި ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވާ މަޝްރޫއުތަކެވެ. އެއީ ހއ. ތަކަންދޫ ބަނދަރާއި، ހއ. މުރައިދޫ ބަނދަރާއި، އއ. ތޮއްޑޫ ބަނދަރުގެ ޑިޒައިން، ސާވޭ، އަދި ރީކޮންސްޓްރަކްޝަން މަޝްރޫއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ސަރުކާރު އޮފީސްތައް ބަންދުވުމުން މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހޭނީ އެ މިނިސްޓްރީގެ އޮންލައިން ޕޯޓަލް ބަނޑޭރި-ޕޭ މެދުވެރިކޮށް ކަމަށެވެ.

މި ގޮތުން ތަކަންދޫ ބަނދަރުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ މުއްދަތު ވަނީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ. އެ މަޝްރޫއުގެ ބީލަމުގައި ބައިވެރިވުމަށް ދައްކަން ޖެހެނީ 1،500 ރުފިޔާ އެވެ. ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ތެރޭގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 125،000 ރުފިޔާ ދައްކަން ޖެހެ އެވެ. މި މަޝްރޫއުގެ ބިޑް ހުޅުވާލާނީ އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުގަ އެވެ.

މުރައިދޫ ބަނދަރުގެ އެ މަސައްކަތްތަށް ބިޑް ހުށަހެޅުމުގެ ތާރީހު ވަނީ އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހަށް އިތުރުކޮށްފަ އެވެ. އެ މަޝްރޫއުގެ ބީލަމުގައި ބައިވެރިވުމަށް ދައްކަން ޖެހެނީ 1،500 ރުފިޔާ އެވެ. ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ތެރޭގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހެނީ 240،000 ރުފިޔާ އެވެ. ބިޑް ހުޅުވާލުމަށް ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގަ އެވެ.

ތޮއްޑޫ ބަނދަރުގެ އެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ތާރީހު ވަނީ ޖޫން މަހުގެ ދެވަނަ ދުވަހަށް އިތުރުކޮށްފަ އެވެ. އެ މަޝްރޫއުގެ ބީލަމުގައި ބައިވެރިވުމަށް ދައްކަން ޖެހެނީ 1،500 ރުފިޔާ އެވެ. ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ތެރޭގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 300،000 ރުފިޔާ ދައްކަން ޖެހެ އެވެ. ބިޑް ހުޅުވާލަން އޮތީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބިޑަށް ހުށަހަޅާ ގޮތަށް ހަމަޖައްސައި ބައެއް މަޝްރޫއުތަކުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ސަރުކާރުން ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ނާޒުކު ދަނޑިވަޅުގައި ވެސް މަޝްރޫއުތައް ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.