ރައްޔިތުންގެ މަޖިލިސް

ޓެކްނިކަލް މައްސަލައާހެދި ކުއްލި މައްސަލަ ހުށައެއް ނޭޅުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާ ކުރި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެންބަރަކު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިނަމަ ޖަލްސާގެ އެޖެންޑާގެ އެހެން ކަންކަމަށް ވުރެ ކުރިން އެ މައްސަލައިގެ މަސައްކަތް ކުރިއަށް ގެންދަން ޖެހެ އެވެ. އެ ގޮތުން ފުރަތަމަ މައްސަލަ ހުށަހެޅުއްވި މެންބަރަކު ތަޅުމަށް މައްސަލަ ކިޔައިދެއްވާނީ އެވެ. ދެން އެ މައްސަލައަށް ބަހުސް ކުރުމާ މެދު މެންބަރުންގެ ވޯޓުން ގޮތެއް ނިންމެވީ އެވެ. ބަހުސް ކުރަން ފާސްވުމުން ދެން ގެންދާނީ މައްސަލައިގެ ބަހުސެވެ.

ނަމަވެސް ވެބް ކޮންފެރެންސްކޮށް މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި މެންބަރު އާދަމް ޝަރީފު އުމަރު މައްސަލަ ތަޅުމަށް އިއްވަން އުޅުއްވިއިރު އޭނާގެ އަޑު ސާފުކޮށް މަޖިލީހަށް އިވޭ ގޮތެއް ނުވި އެވެ. އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ނިންމެވީ ދިމާވި އެ ޓެކްނިކަލް މައްސަލަ ހައްލު ވަން ދެން މަޑުކުރުމަށެވެ.

އާދަމް ޝަރީފުގެ އަޑު އައުމުގައި ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ވަން ދެން ރައީސް ނަޝީދު އާއި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ގެންދެވި އެވެ. އެ ގޮތުން ބައެއް އަތޮޅުތަކުގެ ތާރީހާ ގުޅޭ ގޮތުން ރައީސް ނަޝީދު އާއި ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.

ފަހުން ވެސް އާދަމް ޝަރީފު ވާހަކަ ދައްކަވަން މަސައްކަތް ކުރެއްވި އިރު ވެސް ޓެކްނިކަލް މައްސަލަ ހައްލުވާ ގޮތެއް ނުވި އެވެ. ދެން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފައަކަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ކުއްލި މައްސަލަ މެންބަރަށް ހުށަހެޅޭ ގޮތް ނުވާނަމަ އެޖެންޑާގައިވާ ދެން ހުރި މައްސަލަތައް ކުރިއަށް ގެެންދެވޭނެ ކަމަށް ކައުންސިލަ ޖެނެރަލް ފިލްޒާގެ ލަފާ ލިބިވަޑައިގަތުމުން ރައީސް ނަޝީދު ނިންމެވީ އެޖެންޑާގައިވާ އެހެން މައްސަލަތަކާއި ބިލުތައް ކުރިއަށް ގެންދިއުމަށެވެ.

އާދަމް ޝަރީފުގެ ކުއްލި މައްސަލަ ހުށަހެޅޭ ގޮތް ނުވުމުން އެ މައްސަލާގައި ވަނީ ސީދާ ކޮން ކަމެއް ކަން ވެސް އަދި ސާފެއް ނުވެ އެވެ.