ދުނިޔެ

އާ އައިފޯން ރެކޯޑް އަދަދަކަށް ވިކެނީ

Sep 15, 2015

ކެލިފޯނިއާ (ރޮއިޓާރސް) އާ އައިފޯނަށް ރެކޯޑް މިންވަރަކަށް އެޑްވާންސް އޯޑަރު ލިބެމުންދާ ކަމަށް އެޕަލް ކުންފުނިން ބުނެފިއެވެ.

އެންމެ ފަހުން ނެރުނު އައިފޯނަށް ފުރަތަމަ ހަފްތަ ބަންދުގައި ދިހަ މިލިއަން އޯޑަރު ލިބުނުއިރު ފުރަތަމަ ދުވަހު ހަތަރު މިލިއަން އޯޑަރު ލިބުނެވެ. މިފަހަރު ލިބިފައިވާ އޯޑަރުގެ އަދަދު އަދި އާންމުކޮއްފައި ނުވިޔަސް އެނަލިސްޓުން ލަފާ ކުރާ ގޮތުގައި ފުރަތަމަ ދުވަހު އެކަނިވެސް އާ އައިފޯނަށް 4.5 މިލިއަން އޯޑަރު ލިބިފައިވާނެއެވެ.

މި ފަހަރުގެ އައިފޯނަށް ޗައިނާއިން ލިބެމުންދާ އޯޑަރު ތައް ވަރަށް ގިނައެވެ. އެނަލިސްޓުން ބުނާ ގޮތުގައި، ކުރިއަށް އޮތް ތާންގައި ޗައިނާ އަކީ އެންމެ ގިނައިން އައިފޯން ވިކޭ ގައުމަށް ވެގެންދާނެއެވެ. މިހާރު އެންމެ ގިނައިން އައިފޯން ވިކެނީ އެމެރިކާގައެވެ.

އަލަށް ނެރުނު ދެ އައިފޯނާއި، އެޕަލްޓީވީ، އައިޕެޑް ޕްރޯ އަދި އެޕަލް ގަޑި އާއި އެކު އެކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ މައްޗަށް ޖެހިލާފައެވެ.

އެޕަލް ކުންފުނީގެ އާމްދަނީގެ ތިންބައިކުޅަ ދެބަޔަކީ އައިފޯން ވިއްކައިގެން ލިބޭ ފައިސާއެވެ. އާ އައިފޯންގެ ދެ ވާޝަން ބާޒާރުގައި ވިއްކަން ފަށާނީ މިމަހު ފަންސަވީހުގައެވެ.