ބޮލީވުޑް

ސަންޖޭ ދަތާއެކު ފިލްމު ކުޅެން ޝްރީދޭވީ ބިރުން އުޅުނު

ޝްރީދޭވީ އަކީ އޭނާގެ ރަން ޒަމާނުގައި ވަރަށް މަޝްހޫރުކަން ހޯދި ބަތަލާ އެކެވެ. އޭރު ކޮންމެ ޑައިރެކްޓަރެއްގެ ވެސް ފުރަތަމަ ޗޮއިސް އަކަށް ވަނީ އޭނާ އެވެ. ނަމަވެސް ޝްރީދޭވީ ކުޅޭނެ ފިލްމުތައް ޚިޔާރު ކޮށްފައި ވަނީ ހުރިހާ ގޮތަކަށް ވެސް ބަލާ ވިސްނާފަ އެވެ. އަދި އޭނާއަށް މަސައްކަތް ކުރަން ޖެހެނީ ކޮން ކޮން ބަޔަކާއެކު ކަން ބަލާ އޭނާ ހިތްހަމަނުޖެހޭ މީހެއް ނޫޅޭކަން ޔަގީންކޮށްފަ އެވެ.

ބޮލީވުޑްގެ އޭރުގެ ހުރިހާ މަޝްހޫރު އެކްޓަރުންނާއެކު ހެން ޝްރީދޭވީ ފިލްމު ކުޅެފައި ވެއެވެ. އަދި މި އެންމެންނާ ވެސް އޭނާއާ ރަނގަޅު އެކުވެރިކަމެއް އޮތެވެ. އެންމެ އެކްޓަރެއް ފިޔަވަ އެވެ. އެއީ އެ ޒަމާނުގައި ފިލްމީ ރޮނގުން ހަމަ އެންމެ ކުރީގައި އުޅުނު ސަންޖޭ ދަތެވެ.

ސަންޖޭ ދަތާއެކު ޝްރީދޭވީ ކުޅެފައިވަނީ އެންމެ ފިލްމެކެވެ. އިތުރު ފިލްމު ނުކުޅުނީ އޭނާ ދެކެ ޝްރީދޭވީ ގަންނަ ބިރަކުންނެވެ. ސަންޖޭ ދަތުގެ އަމަލުތައް ހުރި ގޮތުން އޭނާ އަކީ ޝްރީދޭވީ އެންމެ ބިރުގަންނަ އަދި އެންމެ ފޫހިވާ މީހުންގެ ތެރޭގައި ހިމެނުނެވެ. އަދި އިތުރު ފިލްމެއް އޭނާއާއެކު ނުކުޅެން ނިންމި އެވެ.

ސަންޖޭ ދަތާއެކު ޝްރީދޭވީ ކުޅުނީ 1993 ގައި ރިލީޒްކުރި "ގުމްރާހް" އެވެ. މިއީ ކްރިޓިކްސް އާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. ނަމަވެސް އޭގެ ފަހުން ސަންޖޭ ދަތާއެކު މަސައްކަތްކުރަން ޝްރީދޭވީ އެއްގޮތަކަށް ވެސް ބޭނުމެއް ނުވި އެވެ.

ޝްރީދޭވީ ބިރުގަނެ އޭނާއާ ހިތްހަމަނުޖެހޭ ސަބަބު ސަންޖޭ ދަތު ވަރަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ޝްރީދޭވީގެ ވަރަށް ބޮޑު ފޭނެކެވެ. އެހެންވެ ޝްރީދޭވީ ދެކިލުމުގެ ބޭނުމުގައި އޭނާ ކުޅޭ ފިލްމުތަކުގެ ސެޓަށް ގޮސް ހަދަ އެވެ. އެ ދުވަސްވަރަކީ ސަންޖޭ ދަތު މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އެކަމުގައި އުޅުނު ދުވަސްވަރު ކަމުން އޭނާގެ އަމަލުތައް އޭރު ހުންނަނީ ވަރަށް މީހުން ހިތްހަމަނުޖެހޭ ގޮތަކަށެވެ.
އެހެންވެ ޝްރީދޭވީ ކުޅޭ ފިލްމުތަކުގެ ސެޓަށް އޭނާއާ ބައްދަލުކޮށްލަން ސަންޖޭ ދަތު ދިޔަސް ބައްދަލުވާ ގޮތެއް ނުވެ އެވެ. އޭނާ މަސްތުވެ ހާލަތުގައި ހުންނާތީ އެއްވެސް މީހަކު އޭނާ ޝްރީދޭވީ އާ ހަމައަށް ނުގެންގޮސްދެނީ އެވެ.

ޖީތެންދުރަ އާއެކު 1983 ގައި ޝްރީދޭވީ "ހިއްމަތުވާލާ" ކުޅުނުއިރު އެ ފިލްމުގެ ސެޓާ ވަރަށް ކައިރީގައި އެހެން ސެޓެއްގައި ސަންޖޭދަތުގެ ފިލްމެއްގެ ޝޫޓިންގް ވެސް ކުރިޔަށް ދިޔަ އެވެ. އެހެންވެ އެއްދުވަހު ދަނޑިވަޅުބަލާފައި އޭނާ ގޮސް ޝްރީދޭވީގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާފައި އެ ކޮޓަރިއަށް ވަނީ އެވެ. އޭރުވެސް އޭނަ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެތަނަށް ވަދެ ކުރެވުނު އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ސަންޖޭ ދަތުގެ އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ.

ރަނގަޅަށް ރާބޮއި އަމަލުވެގެން އޭނާ ހުރުމުގެ ސަބަބުން ޝްރީދޭވީ ރުޅިއައިސްގެން އެތަނުން އޭނާ ބޭރުކޮށްފައި ދޮރުލެއްޕީ އެވެ.

މިއީ ސަންޖޭ ދަތާއި ޝްރީދޭވީގެ ފުރަތަމަ ބައްދަލުވުމަށް ވާތީ ޝްރީދޭވީގެ ހިތުގައި ސަންޖޭ ދަތަށް ބޮޑު ރުޅިވެރިކަމަކާއި ނަފްރަތެއް އެ ދުވަހުގެ ފަހުން އުފެދި އެއްގޮތަކަށް ވެސް އޭނާއާއެކު ފިލްމު ކުޅެން ބޭނުން ނުވީ އެވެ.

ނަމަވެސް 1993 އާ ހަމަޔަށް އައިއިރު ސަންޖޭ ދަތު ވެސް އަލުން އިސްލާހުވެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ ރަނގަޅު ފިލްމުތަކެއްގައި މަސައްކަތްކޮށް ބޮލީވުޑުން ރަނގަޅު މަގާމެއް އޮތީ ހޯދާފަ އެވެ. އެހެންވެ ޑައިރެކްޓަރު މަހޭޝް ބަޓް "ގުމްރާހު" ހުށަހެޅުމުން އެ ފިލްމުގައި ސަންޖޭ ދަތު އުޅުނަސް އެކަމާ މާ ބޮޑު މައްސަލައެއް ނުޖައްސާ އެ ފިލްމުކުޅެން އެއްބަސްވީ އެވެ.

ނަމަވެސް ފިލްމުގެ ސެޓުގައި އެއްގޮތަކަށްވެސް ސަންޖޭ ދަތާއި ޝްރީދޭވީ ވާހަކައެއް ނުދައްކަ އެވެ. ސަންޖޭ ދަތު މަސްތުވެފައި ހުރެދާނެތީ ޝްރީދޭވީ ގަންނަ ބިރެއްގެ ސަބަބުންނެވެ.

ކޮންމެއަކަސް "ގުމްރާހު" ވަރަށް ކާމިޔާބުވި އެވެ. ނަމަވެސް އޭގެ ފަހުން ވެސް ސަންޖޭ ދަތާއެކު ފިލްމެއް ކުޅެން ޝްރީދޭވީ އެއްބަހެއް ނުވެ އެވެ.