ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕެކޭޖްގެ ހަމަހަަމަކަން ޔަގީން އޭސީސީގެ ގައިޑްލައިނެއް

ކޮވިޑް-19 އިގެ ސަބަބުން ދިމާ ވެފައިވާ އިގްތިސޯދީ އަދި މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ ކަންކަން އިންސާފުވެރިކަމާއެކު ހިނގަމުން ގެންދާކަން ޔަގީން ކުރުމަށް ޓަކައި އެޅިދާނެ ފިޔަވަޅުތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަދި އޭގެ ސަބަބުން އާންމު ފަރުދުންނަށް ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ގެންދަނީ ކުއްލި ހޭދަތަކެއް ކުރަމުންނެވެ. އެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފުކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ކޮރަޕްޝަން ހުއްޓުވަން ސަރުކާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް އޭސީސީން ނެރުނު ގައިޑްލައިނެއްގައި ރިލީފް ޕެކޭޖާއި މި ބަލިމަޑުކަމާ ގުޅިގެން ތައާރަފު ކުރާ އެހެން އާ ޕްރޮގްރާމްތަކުގެ ކަންކަން އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް ހިންގަން އެޅިދާނެ ފިޔަވަޅުތަކެއް ހިމަނާފައި ވެއެވެ.

އޭސީސީގެ ގައިޑްލައިންގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށް އާ ރޯކަން ގެނައުމަށް އެކުލަވާލާފައިވާ ރިލީފް އަދި ސްޓިމިއުލަސް ޕެކޭޖްތައް ލިއުމުން ފެންނާނެ ގޮތަށް ކަނޑައެޅޭ ވަކި އުސޫލުތައް އެކަށެއުޅުން ހިމެނެ އެވެ.

އަދި އެ ޕެކޭޖްތަކުގެ ދަށުން އެހީ ލިބޭނީ ކޮން ފަރާތްތަކަކަށް ކަން ސާފުކޮށް އެނގުމާއި އެ ފަރާތްތައް ކަނޑައެޅުމަށް ދައުލަތުން ގެންގުޅޭ މިންގަނޑު ރައްޔިތުންނަށް ފެންނަން އޮންނަން ޖެހޭނެ އެވެ.

އިގްތިސޯދީ އެހީ ދެވޭ ވިޔަފާރިތަކަށް، އެ އެހީ ހަރަދު ކުރާ ގޮތްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ގޮތަށް ކަނޑައަޅަން ވެސް އޭސީސީގެ ގައިޑްލައިންގައި އަންގާފައިވެ އެވެ. އަދި އެ ރިޕޯޓެއް އާންމުކޮށް ފެންނާނެ ގޮތަށް ހުށަހަޅަން ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.

ރިލީފް އަދި ސްޓިމިއުލަސްއާ ގުޅޭ ލޯނުގެ އެންމެހާ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ފަސޭހައިން ބަލާލެވޭނެ ހެން އާންމު ކުރުމާއި ލޯނު ދޫކުރުމާއި ގުޅުން ހުރި އެންމެހާ އިޖުރާއަތްތައް ހިނގާނީ އިންސާފުވެރި ކަމާއެކު ދެފުށްފެންނަ ގޮތަށް ކަން ޔަގީންކުރަން އޭސީސީގެ ގައިޑްލައިންގައި ބުނެފައިވެ އެވެ.

ރިލީފް ޕެކޭޖް ހިމެނޭހެން މި ހާލަތުގައި ތައާރަފު ކުރާ އެހެން އާ ޕްރޮގްރާމްތައް ހިންގާއިރު އެފަދަ ޕްރޮގްރާމްތަކުގެ ރިސްކް އެސެސް ކުރުމަށް އިސްކަން ދިނުމާއި ރިސްކް އެސެސްމެންޓް ނެހެދޭ ހާލަތުގައި ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ރެކޯޑްކޮށް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދިއުމަށް ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.

އިގްތިސާދީ އެކި މަސައްކަތްތައް ހިންގުމަށް ޓަކައި މަސައްކަތްތެރީންނަށް ދައުލަތުގެ ބިން ފަދަ އެކިއެކި ވަސީލަތްތައް ހިލޭ ނުވަތަ އެހެން ގޮތަކަށް ދިން ކަމުގައި ވިޔަސް އެ ކަންކަން ކުރުމުގައި ނަޒާހަތްތެރި ކަމާއި، އިންސާފުވެރި ކަން އިސް ކުރުމަށް އަންގާފައިވެ އެވެ. އަދި ގުޅުން ހުރި އެންމެހާ ކަންކަން ތަފުސީލުކޮށް އާންމުކޮށް ހާމަކުރަން ވެސް އޭގައިވެ އެވެ.

ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ޓަކައި، ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން މަދުނުކުރަން ޝަރުތު ކުރެ އެވެ.

މީގެ އިތުރުން ކޮންމެ ގޭބިސީއެއްގެ ކަރަންޓި ބިލާއި ފެން ބިލުން ބައެއް ސަރުކާރުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި މި ދަނޑިވަޅުގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަހުގެ އިނާޔަތެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

މީގެ އިތުރަށް ވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެކި ޕްރޮގްރާމްތައް ސަރުކާރުން ހިނގަމުންދާއިރު، ދައުލަތް ހިންގުމަށްޓަކައި އަދި މި ސިއްހީ ކާރިސާގައި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް އިތުރު ހޭދަތަކެއް ސަރުކާރަށް ކުރަން ޖެހިފައިވެ އެވެ.

މި ހާލަތުގައި ދައުލަތުގެ ތެރެއިން އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިނގަމުންދޭތޯ އޭސީސީން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.