ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވަޒީފާއިން ވަކިކުރި މީހުނަށް ދެނީ މަހަކު 5،000 ރުފިޔާ

ކޮވިޑް-19 އިގެ ހާލަތާއެކު ވަޒީފާއިން ވަކި ކުރި މީހުނަށް މަހަކު 5،000 ރުފިޔާ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ މި ބަލިމަޑުކަމުގެ ހާލަތުގައި ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން އެފަދަ މީހުނަށް ކުރިއަށް އޮތް ތިން މަސް ދުވަހު، މަހަކު 5،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ [ވަޒީފާއިން ވަކި ކުރި ފަރާތްތަކަށް] މަހަކު 5،000 ރުފިޔާ ދިނުމަށް، އެއީ ކުރިއަށް އޮތް ތިން މަހަށްވާ ގޮތަށް، މި އޭޕްރީލް، މެއި، ޖޫން މަހާ ހިސާބަށް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ތިން މަސް ދުވަހަށް ފަހުގައި، ދެން އިގްތިސޯދީ ހާލަތު އޮންނަ ގޮތަށް ބަލައި ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ފައިސާ ދިނުމާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމާނެ ކަމަށެވެ.

މިހާތަނަށް ވަޒީފާގެ ހާތަލަށް ބަދަލު އައިސްގެން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޕޯޓަލްގައި ގާތްގަނޑަށް 1300 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުނާއި މުސާރައިން ބައެއް އުނިކުރި މީހުން ވެސް ހިމެނެ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ޖޮބް ސެންޓަރުތަކުގައި ރަޖިސްޓްރީވި މީހުނަކީ ފައިސާ ލިބުން އެންމެ ހައްގު މީހުން ކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ދަތިތަކެއް ހުރި ނަމަވެސް އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ދެއްވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި މުޅި ދުނިޔެއާއި ދިވެހި އިގްތިސޯދު ދަށްވެ މާލީ ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ.

އެ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ޓަކައި، ތިން އަހަރުން ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއެކު ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރާނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފާނަމަ މުވައްޒަފުން މަދު ނުކުރަން ކުންފުނިތަކަށް ޝަރުތު ކުރެ އެވެ.