ވިޔަފާރި

އަމާނާ ތަކަފުލް އިން ފައިދާގެ 10 ޕަސެންޓް ބަހަން ނިންމައިފި

އަމާނާ ތަކަފުލް އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 10 ޕަސެންޓް ހިއްސާދާރުންނަށް ބަހަން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އަމާނާ ތަކަފުލް އިން އިއްޔެ ވާޗުއަލްކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އިން 10 ޕަސެންޓް ބަހަން ވަނީ ނިންމާފަ އެވެ. މިއީ އެ ކުންފުނިން މިއީ ޖެހިޖެހިގެން ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ބަހަމުންދާތާ އަށްވަނަ އަހަރެވެ. މިދިޔަ އަހަރުގެ އިންޓެރިމް ފައިދާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ބަހާފަ އެވެ. އަދި، މިއަދު ނިމިގެން މިދިޔަ އަހަރީ އާއްމު ޖަލްސާގައި ނިންމާފައި މިވަނީ 2019 ވަނައަހަރުގެ ފައިނަލް ޑިވިޑަންޑް ހިއްސާދާރުންނަށް ބެހުމަށެވެ.

މި ނިންމުމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗެއާމަން، ތައްޔިބު އަކުބަރު އަލީ ވިދާޅުވީ މިއީ ރަނގަޅު ނަތީޖާއެއް ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަ ކޮށްލަން ބޭނުން ވަނީ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ ނަތީޖާ ރަނގަޅުވެފައި މިވަނީ، އަމާޒަށް ވާސިލުވުމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން،" އޭޖީއެމްގައި ވާހަކަ ދައްކަވަމުން، ތައްޔިބު ވިދާޅުވި އެވެ.

ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ވަނީ ޑރ. އަބުދުﷲ ޝިހާމް ހަސަން އިންޑިޕެންޑަންޓް ޑިރެކްޓަރުގެ ގޮތުގައި އިތުރު އަހަރަކަށް ޑިރެކްޓަރުންގެ ބޯޑަށް ހޮވާފަ އެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ހިއްސާދާރުންނަށް ކުންފުނީގެ ފަރާތުން ހިލޭ ޕާސަނަލް އެކްސިޑެންޓް ކަވާ ދިނުމަށް ނިންމާފައިވެ އެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް ބޯޑުގައި މިހާރު ތިއްބެވި ޑިރެކްޓަރުންނަކީ ޗެއާމަން ތައްޔިބު އަކްބަރ އަލީ އާއި މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން އަދި ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ އޮސްމާން ކާސިމް އާއި ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް އަދި އެމްއެޗްއެމް ރަފީގާއި ޑރ. އަބުދުﷲ ޝިހާމް ހަސަންގެ އިތުރުން ޢަބުދުﷲ ކާސިމް އެވެ.

އެ ކުންފުނިންޏަށް މިދިޔަ އަހަރު ފައިދާ އިން ޓެކްސް ކެނޑުމުގެ ކުރިންގެ ގޮތުގައި 14.9 މިލިއަން ދިވެހި ރުފިޔާ ލިބިފައިވެ އެވެ. ކުންފުނީގެ ޖުމްލަ އާމްދަނީގެ (ގްރޮސް ރިޓްން ޕްރީމިޔަމް) ގޮތުގައި މިދިޔަ އަހަރު 138 މިލިއަން ދިވެހި ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުނިން މިދިޔަ އަހަރު މުޅި ޖުމްލަ 66.2 މިލިއަން ރުފިޔާ ކަސްޓަމަރުންނަށް ދީފައިވެ އެވެ. މިއީ 2018 ވަނައަހަރާ އަޅާ ބަލާއިރު 39 ޕަސެންޓުގެ އިތުރު އަދަދެކެވެ. ބަދަލުދިނުމުގެ ކަންކަން ފުރިހަމަވެފައިވަނީ ކުންފުނީގެ ރީތަކަފުލް ބައިވެރިންނަކީ ބައިނަލްއަޤްވާމީ ރޭޓިން އެޖެންސީ ތަކުން ރޭޓްކުރެވިފައިވާ މަތީ ދަރަޖައިގެ ކުންފުނިތައް ކަމަށްވުމާއެކު އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ.