ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

އަލާމަތްތައް ދާފަހުން ވެސް ކޮރޯނާވައިރަސް ލޮލުގައި ހުރޭ: ދިރާސާ

ކޮވިޑް-19 ޖެހޭ މީހުންގެ ނޭފަތު ތެރޭން ވައިރަސް ފިލައި ބަލީގެ އަލާމާތްތައް މީހާގެ ގައިން ފިލާ ފަހުން ވެސް ލޮލުގައި އެ ވައިރަސް ހުންނަ ކަމަށް އިޓަލީގެ ސައިންސްވެރިން ކުރި ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ. އޮންލައިން މެޑިކަލް ޖާނަލްއެއްގައި ޝާއިއު ކޮށްފައިވާ މި ރިޕޯޓުގައިވާ ވާހަކަތަކަށް ބާރު ލިބޭ ހެކިތަކެއް ވެސް ފެނިފައިވާ ކަމަށް އިޓަލީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ޖެހުނު މީހެއްގެ ލޮލުން ބަލީގެ ވައިރަސް ފެނިފައިވާ ކަމަށް އިޓަލީން ވަނީ ބުނެފަ އެވެ. އެ އަންހެންމީހާ އަކީ ޗައިނާގެ ވޫހާންއަށް ދަތުރުކޮށްފައި ޖެނުއަރީ 23 ވަނަ ދުވަހު އިޓަލީ އަށް އެނބުރި ދިޔަ 65 އަހަރުގެ އަންހެނެކެވެ.

އޭނާ އިޓަލީއަށް ދިޔަތާ ފަސް ދުވަސް ފަހުން ކޮވިޑް-19 އިގެ އަލާމާތްތައް ފެންނަން ފެށި އެވެ. އަދި އޭގެ އަނެއް ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި އެވެ. އެ އަންހެންމީހާގެ ހަށިގަނޑުން ފެނުނު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިކި ކެއްސުމާއި، ކަރުތެރެ ހަލާކުވުން، އަދި ނޭފަތުގެ މިއުކަސް މެމްބްރޭން ދުޅަވުން ހިމެނެ އެވެ. އަދި ލޮލު ރޯގާ ނުވަތަ ޕިންކް އައި ގެ އަލާމާތްތައް ވެސް މި މީހާގެ ހަށީގަނޑުން ފެނުނެވެ.

ފަހުން މި މީހާ ކޮވިޑް-19 އަށް ޕޮޒިޓީވް ވިއެވެ. އަދި ފަހުން ހުން އައިސް މޭނުބައިކޮށް ހޮޑުލުން ފަދަ ކަންތައްތައް ދިމާވި އެވެ.

މި މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ތިން ވަނައަށް އޮތް ދުވަހު އޭނާގެ ލޮލުގެ ސްވޯބެއް ނަގައި ޓެސްޓް ކުރިއިރު ލޮލުގައި ވެސް އާރްއެންއޭ ވައިރަސް ނުވަތަ އޭގެ ޖެނެޓިކް މެޓީރިއަލްސް ހުރިކަން ވަނީ ޔަގީންވެފަ އެވެ. އެ އަންހެންމީހާ ހޮސްޕިޓަލުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާގެ ލޮލުގެ ސްވޯބު ނަގައި ވަރަށް ގިނަ ފަހަރަށް ޓެސްޓް ކޮށްފައިވާ ކަމަށް އިޓަލީގެ ސައިންސްވެރިންގެ ޓީމުން ބުނެ އެވެ.

އިޓަލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީޒްގެ ސައިންސްވެރިން ވިދާޅުވަނީ ކޮވިޑް-19 އިގެ އަލާމާތްތައް ފެންނަން ފަށާ ދުވަހުން ފެށިގެން 21 ވަރަކަށް ދުވަސް ވަންދެން މި ނުރައްކާތެރި ވައިރަސް އިންސާނުންގެ ލޮލުގައި ހުރުން އެކަށީގެންވެ އެވެ.

މި އަންހެންމީހާގެ ލޮލުން ނެގި ކޮންމެ ސާމްޕަލް އެއްގައި ވެސް ކޮރޯނާވައިރަސް ހުރި ކަމަށް ސައިންސްވެރިން ބުނެ އެވެ.

ނޭފަތުން ވައިރަސް ސާފުވެ ނޭފަތުން ނެގި ސްވޯބް ނެގެޓިވް ކަމަށް ދައްކާތާ އެތައް ދުވަހެއް ވީއިރު ވެސް ލޮލުން ނެގި ސްވޯބްތަކުން "ސާސް-ސީއޯވީ-2 އާރްއެންއޭ" ހުރިކަމަށް ދައްކާފައިވާ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.

އެ އަންހެންމީހާއަށް ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށިތާ 27 ދުވަސް ފަހުން އޭނާގެ ލޮލުން ނެގި ސްވޯބުން ވެސް ކޮރޯނާވައިރަސް ހުރިކަމަށް ދެއްކި ކަމަށާއި އޭރު އޭނާގެ ނޭފަތުން ނެގި ސްވޯބު ނެގެޓިވް ކަމަށް ދައްކާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އެހެންކަމުން ސައިންސްވެރިން މިހާރު ގަބޫލުކުރަނީ އަންހެންމީހާގެ ލޮލުގައިވާ ދިޔަވަރުގެ ތެރޭގައި ކޮރޯނާވައިރަސް އިތުރަށް ކޮޕީވަމުން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ލޮލުން ވައިރަސް އެރުމާއި ލޮލުގައި ވައިރަސް ދެމި ހުރުމާ ގުޅޭ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. މި ހޯދުމުގައި އަލިއަޅުވާލާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމާއި މޫނުގައި ޚާއްސަކޮށް އަނގަޔާއި ނޭފަތާއި ލޯ ފަދަ ތަންތަނުގައި އަތް ނުލުން މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަންތައްތަކުގެ ގޮތުގަ އެވެ.