ދުނިޔެ

އުތުރު ކޮރެއާއިން އަނެއްކާވެސް ޔުރޭނިއަމް ފައްކާ ކުރަން ފަށައިފި

Sep 16, 2015

އުތުރުކޮރެއާއިން މިކަން އިއުލާނުކުރީ ވެރިކަންކުރާ ޕާޓީގެ އަހަރީ ދުވަހާ ގުޅުވައިގެން ދުރު ރާސްތާ މިސައިލް ޓެސްޓެއް ކުރަން ތައްޔާރުވެފައިވާކަން އިއުލާނު ކުރިތާ އެއްދުވަސް ފަހުންނެވެ.

އުތުރު ކޮރެއާއިން ޖެހި ޖެހިގެން ދެދުވަހު ކޮށްފައިވާ މި ދެ އިއުލާނުގެ ބޭނުމަކީ އެމެރިކާއާއި އެކު ވާހަކަ ދެއްކުމުގެ މަގު ތަނަވަސްކޮށް އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކަށް ލުޔެއް ހޯދުން ކަމަށް ކޮރެއާ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އެހެން ނަމަވެސް އުތުރު ކޮރެއާގެ މި ދެ އިންޒާރާ މެދު ވެސް އެމެރިކާ ކަންބޮޑުވެއެވެ. އެއީ އުތުރު ކޮރެއާއިން ޓެސްޓު ކުރާ ދުރު ރާސްތާ މިސައިލް ތަކާއި ނިއުކްލިއާ ޓެސްޓް ތަކުގެ ބޭނުމަކީ އެމެރިކާއަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ގާބިލްކަން ހޯދުން ކަމަށް އެމެރިކާ ދެކޭތީއެވެ. އުތުރު ކޮރެއާއިން އެމެރިކާއަށް މީގެ ކުރިން މިފަދަ އިންޒާރުތައް ދީފައިވެސް ވެއެވެ.

މިހާތަނަށް ތިން ނިއުކްލިއާ ޓެސްޓު ކޮށްފައިވާ އުތުރު ކޮރެއާގައި މިހާރުވެސް އެޓޮމިކް ހަތިޔާރު ކޮންމެވެސް ވަރަކަށް ހުންނާނެ ކަމަށް ބެލެވެއެވެ. ކުރު އަދި މެދު ރާސްތާ މިސައިލް ވެސް އެގައުމުގައި އެބަ ހުއްޓެވެ. އަދި ދުރު ރާސްތާ މިސައިލް އުފެއްދުމުގައި ވެސް އެގައުމުން އަންނަނީ ކުރިއެރުން ހޯދަމުންނެވެ. އެކަމަކު އެމެރިކާއާ ހަމައަށް ފޮނުވާލެވޭ ވަރުގެ ދުރު ރާސްތާ މިސައިލާއި އޭގައި ހަރުކުރެވޭ ކަހަލަ ނިއުކްލިއާ ބޮމެއް އުތުރުކޮރެއާއަށް އުފެއްދިފައިވާ ކަމަކަށް އަދި ނުބެލެވެއެވެ.

އެމެރިކާއިން ބުނީ އުތުރު ކޮރެއާ އަކީ ނިއުކްލިއާ ބާރެއް ކަމަށް ބަލައި ނުގަންނާނެ ކަމަށާއި މަޝްވަރާގެ މޭޒަށް އެގައުމު ގެނެސް، ކުރިން ވެފައިވާ ވައުދާ އެއްގޮތަށް އަމަލުކުރުމަށް ބާރު އަޅާނެ ކަމަށެވެ.

އެމެރިކާ، ރަޝިޔާ، ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާ އާއެކު ކުރެވުނު މަޝްވަރާ ތަކަކަށްފަހު 2007 ވަނަ އަހަރު އެގައުމުގެ މައި ނިއުކްލިއާ ރިއެކްޓަރުގެ މަސައްކަތް ވަނީ ހުއްޓުވާލެވިފައެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން އުތުރު ކޮރެއާ މި މަޝްވަރާތަކުން ބޭރުވިއެވެ. އަދި މިހާރު މި ވަނީ މި ރިއެކްޓަރު އިތުރަށް ފުރިހަމަކޮށް ކުރިން ހުރި ވަރަށްވުރެ ވަރުގަދަ ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ދިމާލަށް އެގައުމު މިސްރާބު ޖަހާފައެވެ.