ދުނިޔެ

ހަަނގުރާމަ ފަށައިފިނަމަ އެމެރިކާ ލަދުގަންނަވާލާނަން: އީރާން

Sep 16, 2015

"ހަނގުރާމައެއް ފެށިއްޖެ ނަމަ" މި ނަމުގައި ހާމަނާއީ ނެރުއްވި މި ވީޑިއޯ އަކީ އާންމުކޮށް އައިސިސް އިން ނެރޭ ޒާތުގެ ވީޑިއޯ އެކެވެ.

މި ވީޑިއޯ ފަށާފައި ވަނީ "އެމެރިކާ ބޭނުން ވެއްޖެ ނަމަ، އީރާނުގެ އަސްކަރިއްޔާ ބަލިކުރެވިދާނެ" ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސްޕީޗެއްގައި ވިދާޅުވެފައިވާ ވާހަކަ ކޮޅުންނެވެ.

މި ވީޑިއޯ ގައި ހާމަނާއީ ވިދާޅުވަނީ އެ ގައުމުން ހަނގުރާމައަށް ދައުވަތު ނުދޭ ކަމަށާއި އަދި އިސްވެ ހަނގުރާމަ ނުވެސް ފަށާނެ ކަމަށެވެ. އެކަމަކު ހަނގުރާމަ އެއް ފެށިއްޖެ ނަމަ ކޮންމެވެސް އެއް ގައުމެއް ފެންނާނީ ލަދުގަނެފައިވާ ތަން ކަމަށާއި އެގައުމަކީ "އިސްތިއުމާރީ ކުށްވެރި އެމެރިކާ" ކަމަށް ވެސް ހާމަނާއީގެ ވީޑިއޯ ގައި ބުނެފައި ވެއެވެ.

މި ވީޑިއޯގައި އީރާނުގެ އަސްކަރިއްޔާގެ ފޮޓޯ ތަކާއި، ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ ލީޑަރުގެ ފޮޓޯ އާއި، އީރާނުގެ މިސައިލު ހަމަލާއެއް އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް އަމާޒުވާތަން ދައްކައިދޭ އެނިމޭޝަނެއް ހިމަނާފައި ވެއެވެ.

ހާމަނާއީގެ މި ވީޑިއޯ ނެރެފައި މިވަނީ 25 އަހަރު ފަހުން އިޒްރޭލު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.