ދުނިޔެ

މަޖިލިސް ހުޅުވަން މުގާބޭ ނުބައި ސްޕީޗެއް ދެއްވައިފި

Sep 16, 2015

އިއްޔެ އޮތް މި ރަސްމިއްޔާތުގައި 91 އަހަރުގެ ރައީސް މުގާބޭ އަށް އަރާ ވަޑައިގަތް މި އޮޅުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ވަނީ މުގާބޭގެ ބުއްދިފުޅު ހަމަޖެހޭ ކަމާއިމެދު ސުވާލު އުފައްދާފައެވެ.

މުގާބޭ އިއްޔެ ދެއްވި ސްޕީޗަކީ މިދިޔަ މަހު ފަންސަވީހުގައި އޮތް ރަސްމިއްޔާތެއްގައި އެމަނިކުފާނު ދެއްވި ސްޕީޗެކެވެ. މިއީ ޒިމްބާބްވޭގެ ބަލިކަށި އިގްތިސޯދު ހަމަޔަކަށް އެޅުވަން ޗައިނާއިން އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރައްވާ ވާހަކަ ވިދާޅުވި ސްޕީޗެވެ.އަދި މަޖިލިސް ހުޅުވުމާއި ގުޅުން ހުރި ވާހަކައެއް މި ސްޕީޗުގައި އަމުދުން ނުވެސް ނެތެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން ހުރަސް އެޅުމަކާއި ނުލާ މުގާބޭ ވަނީ މި ސްޕީޗް ކުރިއަށް ގެންގޮސް ނިންމަވާލައްވާފައެވެ.

މުގާބޭގެ ސްޕޯކްސްޕާސަން ވިދާޅުވީ މިއީ އިދާރީ މުއައްޒަފުންނަށް އެރި އޮޅުމެއް ކަމަށާއި މަޖިލިސް ހުޅުވާ ރަސްމިއްޔާތުގައި ދެއްވަން އޮތް އޮތް ސްޕީޗް އެހެން ދުވަހަކުން ރައީސް ދެއްވާނެ ކަމަށެވެ.

މުގާބޭ އާއި އިދިކޮޅު ހަރަކާތް ކަމައްވާ މޫވްމަންޓް ފޯ ޑިމޮކްރަޓިކް ޗޭންޖުން ބުނީ މި ކަމުން ދޭހަ ކޮއްދެނީ ވެރިކަން ކުރުމަށް މުގާބޭ މިހާރު ފިޓު ނޫންކަން ކަމަށެވެ. ބުއްދި ސަލާމަތުން ހުރި މީހަކަށް ނަމަ ސްޕީޗް ކުޑަ ތަންކޮޅަކަށް ދާތަނުން މި ކިޔެނީ ނުބައި ސްޕީޗެއްކަން އެނގޭނެ ކަމަށް ވެސް އެ މޫވްމަންޓުން ބުންޏެވެ.

ބަލާބެލުމަށް މުގާބޭގެ ސިއްހީ ހާލުކޮޅު ދެރަ ކަމަކަށް ނުފެނެއެވެ. އަދި އެމަނިކުފާނަށް ކެންސަރު ޖެހިވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތައްވެސް ޒިމްބާބްވޭ ސަރުކާރުން ދޮގު ކުރެއެވެ.

1980 ވަނަ އަހަރު މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ޒިމްބާބްވޭ ބަލައިގަތީއްސުރެ އެގައުމުގައި ވެރިކަން ކުރައްވަނީ މުގާބޭ އެވެ.