ލައިފްސްޓައިލް

ކޮވިޑް-19: ވަގުތީ ހިޔަލުން ދިމާވެ ކައިވެނި ކޮށްފި

ކޮވިޑް-19 އިގެ ބޮޑު ވަބާގެ ބިރުވެރިކަމުގެ ތެރޭން ހަޔާތުގެ ބައިވެރިޔާ އާ ބައްދަލު ވެވިދާނެ ކަމަކަށް އެކަކުވެސް ހިޔެއް ނުކުރާނެ އެވެ. މާރިއާ ސިސީލިއާ އޮސޯރިއޯ އާއި އަލްފޮންސޯ އަރްޑީލާ ވެސް އެއްގޮތަކަށް ވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. ނަމަވެސް ކޮލަމްބިއާ ލޮކްޑައުންއަށް ދިޔަތާ މަހެއްހާ ދުވަހުގެ ތެރޭގައި މި ދެ މީހުން ލޯބިވެ ކައިވެނި ވެސް ވަނީ ކޮށްފަ އެވެ.

މާރިއާ އާއި އަލްފޮންސޯ ބައްދަލުވެފައި ވަނީ ވަގުތީ ހިޔަލެއްގައި ދިރިއުޅެމުން ދަނި ކޮށެވެ. ނަމަވެސް އެމީހުންގެ ކައިވެނި ކުލަ ގަދަ އެވެ. އެ ހިޔަލުގައި ދިބި 240 ވަރަކަށް މީހުން މި ކައިވެނީގައި ބައިވެރިވި އެވެ. އަދި ކައިވެނި ކުރާއިރު އަންހެން މީހާ އާދަކޮށް ލާ އުޅޭ ހުދުކުލައިގެ ކައިވެނީގެ ހެދުން ލުމުގެ ފުރުސަތު މާރިއަށް ލިބުނުއިރު އަލްފޮންސޯ ވެސް ހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނުގަ އެވެ.

ރޮއިޓާސްގައިވާ މި ރިޕޯޓުގައިވާ ގޮތުން މާރިއާ، 39، އަކީ މިޝަނަރީ މަސައްކަތް ކުރާ މީހެކެވެ. އެހެންވެ މާޗް މަހު ކަރަންޓީނު ވާން ޖެހުނުއިރު އޭނާ ކުއްޔަށް އުޅޭ ތަނަށް ފައިސާ ދެއްކޭ ވަރަށް މާރިއާ އަތަކު ފައިސާ އެއް ނެތެވެ. އެހެންވެ ކޮލަމްބިއާގެ ކޮފީ ރީޖަންގައި އޮންނަ މަނިޒޭލިސް ކިޔާ ރަށެއްގެ ޝެލްޓާއަކުން އޭނާ ހިމާޔަތް ހޯދި އެވެ.

އަލްފޮންސޯ، 72، އަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ. އެހެންވެ ގައުމު ލޮކްޑައުންއަށް ދިޔައިރު އޭނާއަށް ވެސް ވަޒީފާ ގެއްލި ދިރިއުޅޭނެ ތަނެއް ވެސް ނެތުނީ އެވެ. މަސައްކަތުގައި އުޅެނިކޮށް ބޮލަށް ލިބުނު ގެއްލުމަކަށް އޭރުވެސް އަލްފޮންސޯ ދިޔައީ ފަރުވާ ކުރަމުންނެވެ. އެހެންވެ ދިރިއުޅުނުތަނަށް ކުލިވެސް ދެއްކޭނެ ގޮތެއް ނެތި އޭނާވެސް މާރިއާ ހުރި ޝެލްޓާއިން ހިމާޔަތް ހޯދައި އެތަނުގައި ދިރިއުޅެން ފެށީ އެވެ.

"އަހަރެން މިތަނަށް އައުމުން އެއްވެސް މީހަކު އަހަންނާ ސަލާން ކޮށްލުން އެއްކިބައިގައި އޮއްވާ އަހަންނާ ދިމާލަށް ބަލާވެސް ނުލި. ނަމަވެސް މިތަނުން އަހަންނާ މެދު ކަންބޮޑުވާ އަހަރެން ދެކެ ލޯބިވާ މީހަކާ އަހަންނަށް ބައްދަލުވި،" އަލްފޮންސޯ ބުންޏެވެ.

ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އޭރު އަލްފޮންސޯ ކޮންމެ ދުވަހަކު އެތައް ފަހަރަކު ފިޓް ޖެހި ވަރަށް ބޮޑުވަރުވެ އެވެ. ނަމަވެސް މާރިއާ އާ ބައްދަލުވީ ފަހުން ފިޓް ޖެހުން ހުއްޓި ސިއްހަތު ހަމަޔަކަށް އެޅުނެވެ.

"އަހަރެން އަދިވެސް ބޭސްކަން. ނަމަވެސް މަޑުމަޑުން މިއުޅެނީ ބޭސް ކެއުން ހުއްޓާލެވޭތޯ،" އަލްފޮންސޯ ބުންޏެވެ.

މިދިޔަ ހަފުތާގައި އަލްފޮންސޯ އާއި މާރިއާގެ ކައިވެނީގެ ކަންތައްތައް އިންތިޒާމްކުރީ ޝެލްޓާގައި ތިބި އެހެން އެންމެން ވެގެންނެވެ. މި ކައިވެނީގައި އެންމެން ތިބީ މާސްކް އަޅައިގެން ގައިދުރު ކަމަށް ވެސް ސަމާލުކަން ދީގެންނެވެ. ކައިވެނިކުރި ތަނުގައި ގޮނޑި ޖަހާ ކައިވެނިކުރަން ވަކި ޚާއްސަ ކަނެއް ތައްޔާރުކޮށްފައި ހުއްޓެވެ.

ކައިވެންޏަށްފަހު ދެ މީހުން މިހާރު ދިރިއުޅެނީ އެ ޝެލްޓާގައި ޖަހާފައި ހުރި ޓެންޓްތަކުގެ ތެރެއިން ކުޑަ ޓެންޓެއްގަ އެވެ. އަދި ކަރަންޓީނު ނިމުމުން މުޅިން އާ ހަޔާތެއް ދެ މީހުން އެކުގައި ފަށަން އެމީހުން އުންމީދު ކުރެ އެވެ. މިހާރު އިއުލާންކޮށްފައިވާ ގޮތުން ކޮލަމްބިއާގެ ލޮކްޑައުން މޭ 11 ވަނަ ދުވަހު ނިންމާލާނެ އެވެ. އޭރުން އަލްފޮންސޯ އާއި މާރިއާ ޓްރެޑިޝަނަލް ވެޑިން އެއް އަލުން ބާއްވަން އުންމީދު ކުރެ އެވެ.