ދުނިޔެ

ޔޫރަޕުގެ މައި ދޮރު ރެފިއުޖީންނަށް ބަންދު ކޮށްފި

Sep 16, 2015

ޔޫރަޕަށް އެތެރެވެވެން އޮންނަ މައި ދޮރު ރެފިއުޖީންނަށް ބަންދު ވެއްޖެއެވެ.

ސާބިއާ ހަންގޭރީ ބޯޑަރު ހަންގޭރީން އިއްޔެ ބަންދުކޮށްފައި ވާއިރު މިއީ އެއްގަމު މަގުން ޔޫރަޕަށް އެތެރެވުމަށް ރެފިއުޖީން ބޭނުންކުރާ މައި ގޭޓެވެ. ހަންގޭރީން އަލަށް ފާސްކުރި ހަރުކަށި ގާނޫނަކަށް އަމަލުކުރަން ފެށުމާއިއެކު މިހާރު އެގައުމުން ވަނީ ބޯޑަރު ކައިރީ ހިސާބު ތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.

ހަންގޭރީން ވަނީ ރޭޒަރު ނަރު ޖަހާފައިވާ ބޯޑަރު ފެންސު ހުރަސްކޮށް ނުގަވައިދުން އެގައުމަށް އެތެރެވާން އުޅުނު 60 ރެފިއުޖީން ހައްޔަރު ކޮށްފައެވެ. ބޯޑަރު ބަންދު ކުރުމާއިއެކު އެތައް ސަތޭކަ ބަޔަކު ވަނީ ބޯޑަރު ކައިރިއަށް ފުނި ޖެހެން ފަށާފައެވެ. އަދި އެތައް ބަޔަކު ދަނީ ބޯޑަރު ކައިރީ ތިބެ މުޒާހަރާ ކުރަމުންނެވެ. އާ ގާނޫނުގެ ދަށުން ދެން ހަންގޭރީ ފަޅިން ޔޫރަޕަށް އެތެރެ ވެވޭނީ ހިމާޔަތަށް އެދޭ މީހުންގެ ތެރޭން ސަރުކާރުން ބަލާ މިންގަޑު ތަކުން ފާސްވާ މީހުންނަށް އެކަންޏެވެ. އެނޫން ފަރާތް ތަކުން ބޯޑަރު ހުރަސް ކޮށްފިނަމަ އެ ފަރާތްތަށް ގާނޫނާއި ހިލާފުވާނެ ކަމަށާއި ހުކުން އިއްވައި އަދަބު ލިބޭނެ ކަމަށް އެގައުމުން ވަނީ އިންޒާރު ކޮށްފައެވެ. އަދި ރެފިއުޖީންގެ ޝަރީއަތްތަކަށް ހާއްސަކޮށް ތިރީސް ފަނޑިޔާރަކު ވަނީ ކަނޑައަޅާފަ އެވެ.

ހަންގޭރީގެ މި ނިންމުމާ މެދު ސާބިއާ ވަނީ ހިންހަމަ ނުޖެހިފައެވެ. އަދި ޖަމާވަމުންދާ ރެފިއުޖީން ގިނަކަމުން، މި އުސޫލު ހަންގޭރީއަށް ނުހިފެހެއްޓި ބޯޑަރު ހުޅުވާލަން މަޖުބޫރުވާނެ ކަމަށްވެސް ސާބިއާ އިން ބުނެއެވެ. ޔޫރަޕާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުން ވެސް ދަނީ ހަނގޭރީގެ ނިންމުމަށް ފާޑު ކިޔަމުންނެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވީ އެގައުމުގެ މި ނިންމުމަކީ ޔޫރަޕުގެ "ނަސޯރާ ހަމަތައް" ރައްކާތެރި ކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ. ޔޫރަޕަށް އެތެރެ ވަމުންދާ ރެފިއުޖީންގެ ބޮޑު ޕަސެންޓަކީ  މުސްލިމުންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ހަންގޭރީ ގެ މި ހަރުކަށި ބަދަލު ކުއްވެރިކޮށްފައެވެ. އެ ޖަމާއަތުން ބުނީ ހަންގޭރިން އެ ދައްކުވަދެނީ ޔޫރަޕުގެ އެއްވެސް ރޭވުންތެރިކަމެއް ނެތް ޒިންމާދާރުވުމުގެ ގެ ހުތުރު މޫނުމަތި ކަމަށެވެ.

މިހާތަނަށް ރެފިއުޖީންނަށް މަރުހަބާކީ ޔޫރަޕްގެ ގައުމުތައް ވެސް މިހާރު ކަންބޮޑުވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބައެއް ގައުމުތަކުން ގާނޫނީ ޒިންމާ ނުއުފުލާތީއެވެ. މިގޮތުން މެންބަރު ކޮންމެ ގައުމަކުން ވެސް ވަކި އަދަދަކަށް ރެފިއުޖީންނަށް ހިމާޔަތް ދޭން އީޔޫ އިން ކަނޑައެޅުމުން ވެސް ޗެކް ރިޕަބްލިކާއި ސްލޮވާކިޔާ ފަދަ ބައެއް ގައުމުތަކުން ވަނީ އީޔޫ ގެ ނިންމުމާއި ދެކޮޅު ހަދައި ރެފިއުޖީންނަށް އެގައުމު ތަކުގެ ދޮރު ބަންދު ކޮށްފައެވެ.