ރިޕޯޓް

މަންމައެއްގެ ހިތުގެ އެންމެ ފުނުން: ދަރިފުޅުގެ ހިތަށް ފަރުވާއެއް ނުލިބިފައި!

ތިމަރަފުށީ ލުބޯމާގޭ އައިޝަތު މޫސާ އަށް އެންމެ ފުރަތަމަ ލިބުނު ކުއްޖާ އަކީ ވެސް ހިތުގެ މައްސަލައެއް ހުރި ކުއްޖެކެވެ. އެ އަންހެން ކުއްޖާ އަށް މިހާރު ފަސް އަހަރެވެ. އެ ކުއްޖާގެ ހިތުގައި ހުރި ކަމަށް ޑޮކްޓަރުން ބުނި "ލޯވަޅު" ހަ މަހުގައި ބެދުނީ އެވެ.

އެއަށް ފަހު އައިޝަތު މޫސާ އަށް ދެ ވަނަ އަންހެން ކުއްޖަކު ލިބި އެ ދަރިފުޅަށް ހަ މަހުގައި މި ވަނީ ދޮށީ ދަރިފުޅަށް ދިމާވި ފަދަ ހިތުގެ މައްސަލައަކަށް ޑައިގްނޯސްކޮށްފަ އެވެ. މިފަހަރު ވެސް މައްސަލަ އަކީ ހިތުގައި ހެދިފައި ހުރި ލޯވަޅެކެވެ.

އަށް މަހުގެ ތުއްތު އިޝާގެ ހިތުގެ ލެފްޓް ވެންޓްރިކަލް އާއި ރައިޓް ވެންޓްރިކަލް އާ ދެމެދު އުފެދިފައި ހުރި މި ލޯވަޅުގެ ސަބަބުން ލޭގެ ޕްރެޝާ މަތިވެ އެ ކުއްޖާގެ ނޭވާލުމުގެ ނިޒާމަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

"އައިޖީއެމްއެޗަށް ވިހައިގެން ޑޮކްޓަރުން ނެތް އެއްވެސް ވަރަކަށް ފާހަގަކޮށްފައެއް ދަރިފުޅުގެ މިފަދަ މައްސަލައެއް ހުރި ކަމަކަށް. ހިތުގައި ލޯވަޅެއް ހުރި ވާހަކައެއް އަދި ދަރިފުޅުގެ ފުއްޕާމޭގައި މައްސަލަ އުޅޭ ވާހަކައެއް ވެސް ނުބުނޭ،" ތިމަރަފުށީގައި މަންމަ އާއި ބައްޕައާ އެކު ދިރިއުޅެމުން އަންނަ އައިޝަތު މޫސާ މިއަދު ފޯނުން ވާހަކަ ދައްކަމުން ކިޔައިދިނެވެ. 

"ދެން ދަރިފުޅުގެ މައްސަލައެއް ހުރިކަން އެނގުނީ ފަސް މަސް ފުރި ހަ މަސްވެގެން ކާން ދޭން ފެށުމުން. ކާން ދިނީމަ އޭނާ އަކަށް ނުއެއް ކެވޭ. އަނގަޔަށް ލެއްވީމަ އުޅޭނީ ކާއެއްޗެހިތައް އަނގަ ތެރޭގައި ބަހައްޓައިގެން. ނުއެއް ކައި."

"ދެން މި މައްސަލަ ބޮޑުވެގެން ދެއްކީ ޑޮކްޓަރަކަށް. އެއީ ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ޑޮކްޓަރު އަޅުގަނޑުމެންގެ ރަށަށް އައި ދުވަހަކު"

އޭނާ އަށް ދެއްކީމަ ބުނީ ދަރިފުޅަށް ކާން ނުދީ އަދި މަޑުކޮށްލާށޭ. އޭނާގެ ފުއްޕާމޭގައި އެބަހުއްޓޭ މައްސަލަތަކެއް. ކާން ދޭން އުޅެގެން ދަރިފުޅުގެ ފުރާނަ އަށް ވެސް ގެއްލުން ވެދާނެއޭ."

އެ ޑޮކްޓަރު ދެން އެދުނީ ވީހާ ވެސް އަވަހަކަށް މާލެ އަށް ގޮސް އައިޝަތު މޫސާގެ ދަރިފުޅަށް އިތުރު ފަރުވާ ހޯދުމަށެވެ. އިޝާ އަށް ދިމާވެފައިވާ މައްސަލަ އަކީ ވެންޓްރިކިއުލާ ސެޕްޓަލް ޑިފެކްޓް އެވެ. މިއީ ހިތުގެ ލެފްޓް ވެންޓްރިކަލް އާއި ރައިޓް ވެންޓިކަލްއާ ދެމެދު ލެވިފައިވާ ފާރު އެއްކޮށް ނުބެދި ނުވަތަ އޭގައި ލީކެއް ހުރުމުގެ ސަބަބުން އަންނަ އައިބެކެވެ. 

މި މައްސަލައާ ގުޅިގެން ޑޮކްޓަރުން އިޝާގެ މައްސަލަ ރޭޓްކޮށްފައި ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ. އެއީ އޭނާގެ މި މައްސަލައާ ގުޅިގެން ޕަލްމޮނަރީ ހައިޕާޓެންޝަންގެ ނުރައްކާ ވެސް ބޮޑުވެފައިވާތީ އެވެ. ޕަލްމޮނަރީ ހައިޕާޓެންޝަން އަކީ ހިތުގެ މައި ނާރުތަކުގައި ލޭގެ ޕްރެޝާ މަތިކޮށް ނޭވާ ކުރުކޮށް ހޭނެތުމަށް މެދުވެރިވެ ފައި ދުޅަވުމާއި ފުރާނަ އަށް ނުރައްކާވާ ފަދަ ތަފާތު ސިއްހީ ގިނަ މައްސަލަތަކެއްގެ ކުރިމަތިކުރުމާ ކަމެކެވެ.

ވީހާ ވެސް އަވަހަކަށް އިޝާ ގޮވައިގެން މާލެ ގޮސް އަވަސް ފަރުވާ ހޯދުމަށް ޑޮކްޓަރު އައިޝަތު މޫސާ އަށް ލަފާ ދިނީ ވެސް މިހެންވެ ކަމަށް ވެދާނެ އެވެ. ނަމަވެސް ރަށުގައި ތިބެފައި ވަގުތުން މާލެ ފުރައިގެންދާނެ ވަރުގެ ތަނަވަސްކަމެއް ވެސް އައިޝަތު މޫސާ އާއި އޭނާގެ އާއިލާގައި ނެތެވެ.

"އެ ވަރުގެ ތަނަވަސްކަމެއް ނެތީމަ ޑޮކްޓަރަށް ދައްކަން ދަރިފުޅު ގޮވައިގެން މާލެ ދެވުނީ ވެސް އޭގެ އެއް މަސް ފަހުން އިހަކަށް ދުވަހު. މާލެ ގޮސް ޑޮކްޓަރަށް ދައްކައި ނިމެން ދެން ދުވަހު ކުއްޔަށް ކޮޓަރިއެއް ހިފައިގެން އުޅުނީ ވެސް މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން،" އައިޝަތު މޫސާ ކިޔައިދިނެވެ.

މާލެ އައިސް ހަތް ދުވަސް ވަންދެން މަޑުކޮށްލައިގެން ތިބީ ދުވާލަކަށް 400ރ. ރޭޓުން ހިފި ކޮޓަރިއެއްގަ އެވެ.

މި ހާލެއްގައި އުޅެގެން ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރުން ލަފާ ދިނީ 18 ދުވަސް ތެރޭގައި ދަރިފުޅު ގޮވައިގެން ރާއްޖެ އިން ބޭރަށް ގޮސް އޭނާ އަށް ފަރުވާ ހޯދައި ދިނުމަށެވެ. ނަމަވެސް ދަރިފުޅުގެ ސިއްހީ ހާލަތު ކިތަންމެ ގޯހަސް އައިޝަތު މޫސާ އާއި އޭނާގެ ފިރިމީހާ އަހުމަދު ފައިޒަން އެނބުރި ދާން ޖެހުނީ އެމީހުންގެ ރަށަށެވެ.

"އެކަމަކު އެ ވަރުގެ ތަނަވަސްކަމެއް ނެތް އަޅުގަނޑުމެންގެ އަތުގައި. މި އުޅެނީ ރަށުގައި ތިބެފައި ޕާސްޕޯޓް ވެސް ހައްދަން މާލެ ދާނެ ފައިސާ ވެސް ނެތިގެން. ހެޔޮއެދޭ ފަރާތަކުން ބުނެފައި އޮތީ މި އަންނަ އީދަށް ފަހު މާލެ ގެންގޮސް ދޭނަމޭ ޕާސްޕޯޓް ހައްދަން،" އައިޝަތު މޫސާ ބުންޏެވެ.

އަލަށް ޕާސްޕޯޓް ހައްދާ ނަމަ ބޮޑު މީހެއްގެ ބޮލަށް 1000ރ. ނަގަ އެވެ. އުމުރުން 10 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ވެސް 600ރ. ނަގަ އެވެ.

މި ދެ އަދަދު އެއްކޮށްލީމަ ވާވަރަކީ ގާތްގަނޑަކަށް އައިޝަތު މޫސާގެ ފިރިމީހާގެ މަހުގެ އާމްދަނީ އެވެ. އޭނާ އުޅެނީ މާލެ އާއި ތިމަރަފުއްޓާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކައްކާ އަކަށެވެ. ކުރިން ލޭނު މަސްވެރިކަމުގައި އުޅެނިކޮށް އުނގަޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މީގެ ދެ އަހަރު ކުރިން ބޯޓްގެ ކައްކާ އަކަށް ބަދަލުވިފަހުން އޭނާގެ މުސާރަ އަކީ ގާތްގަނޑަކަށް 2000ރ. އެވެ. އެންމެ ގިނައިން ލިބޭ މަސްތަކުގައި ލިބެނީ 3000ރ. އެވެ.

މި ދެމަފިރިންގެ ދިރިއުޅުމުގައި ދެން އެމީހުންނަށް އެހީވަނީ އައިޝަތު މޫސާގެ ބައްޕަ އެވެ. އޭނާ އަކީ މަސްވެރިއެކެވެ. އާއިލާގައި ފަސް ކުދިން ތިބިއިރު އޭގެ ތެރެއިން އެކަކަކީ ވެސް މާ ރަނގަޅު އާމްދަނީއެއް ލިބޭ ބައެއް ނޫން ކަމަށް އައިޝަތު މޫސާ ކިޔައިދިނެވެ.

އެހެންވީމަ އަމިއްލަ އަތުގައި އަދި އާއިލާގައި ނެތް ތަނަވަސްކަން ހޯދައިގެން ދަރިފުޅަށް ބޭސްފަރުވާ ކުރަން އައިޝަތު މޫސާ އަށް އޮތް ހަމައެކަނި ގޮތަކީ މީހުން ކައިރީގައި އެހީ އަށް އެދި އާދޭސްކުރުމެވެ.

"އަދި ނުލިބޭ ހަމަ އެންމެ އެހީއެއް ވެސް. އަޅުގަނޑުމެން މި ދަނީ ވަރަށް ގިނަ މީހުން ގާތު އެހީއަށް ކިޔަމުން،" އައިޝަތު މޫސާ ބުންޏެވެ.

"މިހާރު މި މައްސަލައެއް ދިމާވި ފަހުން އިޝާއަކަށް އެއްގޮތަކަށް ވެސް ކާކަށް ނުދެވޭ. ވަރަށް ހިކިކޮށް އޭނާ އޮންނަނީ. ބުއް ވެސް ނުބޮއެ. އެހެންވީމަ ބުއްފުޅި ދޭން ޖެހެނީ ވެސް"

"އަބަދު އުޅެން ޖެހެނީ ރޯގާއަކުން ވެސް އަރައިނުގަނެވިގެން. ނޭވާލާއިރު އަޑެއް ވެސް ގޮވާ. ހަމަ އަކަށް ނުވެސް ނިދޭ. ހަމަ ނިންދަވާލާފައި ބާއްވާލާ އިރަށް ހޭލެވިގެން ރޯން ފަށާނެ."

"ޑޮކްޓަރުން ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ގޮސްގެން ރަނގަޅުކުރެވިދާނެ ކަމަށް. އެކަމަކު ޑޮކްޓަރުން ލަފާ ދީފައި އޮތީ 18 ދުވަސް ތެރޭގައި ބޭރަށް ދާން. އެކަމަކު މިހާރު 23 ދުވަސްވީ އަޅުގަނޑުމެންނަށް ނުފުރި ތިއްބައި."

 

 

****

އީޝާގެ މަންމައާ ގުޅޭ ނަމްބަރު: 7579550