ވިޔަފާރި

ތިން އަހަރަށްފަހު މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާ ދަށްވި: އެމްއެމްއޭ

May 1, 2020
1

ތިން އަހަރަށްފަހު މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާ ދަށަށް ދިޔަ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ވޭތުވެދިޔަ ތިން އަހަރު އިމާރާތް ކުރުމުގެ ދާއިރާގެ ކުރިއެރުން ފެނިފައިވަނީ ވަރުގަދަ ކޮށެވެ. މީގެ ސަބަބަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރުމާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުންނެވެ. ނަމަވެސް 2018 ވަނަ އަހަރު މި މަޝްރޫއުތައް ވަނީ ނިމިފަ އެވެ.

ތިން އަހަރު އިމާރާތް ކުރުމުގެ ދާއިރާގެ ކުރިއެރުން މަތީގައި ހުރިނަމަވެސް، މިދިޔަ އަހަރުން ފެށިގެން އިމާރާތް ކުރުމުގެ ދާއިރާ ދަށްވުމުގެ މައިގަނޑު ސަބަބަކީ އޭގެ ފަހުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ޓެންޑަ ކުރުން ލަސްވުމުގެ ސަބަބުންނެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މިދިޔަ މަހު އިމާރާތް ކުރުމުގެ ދާއިރާގެ ހަރަކާތްތައް މަދުވުމުގެ ސަބަބުން، މި ދާއިރާ އަށް އިމްޕޯޓްކުރި މުދަލުގެ އަދަދު ވަނީ 17 ޕަސެންޓް ދަށްވެފަ އެވެ. މީގެ ސަބަބުން ބޭންކިން ސެކްޓާއިން ކޮންސްޓްރަކްޝަން ސިނާއަތަށް ދޫކުރި ލޯނުތަކުގެ އަދަދުވެސް ދަށަށް ގޮސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.