ވިޔަފާރި

އެމްއެމްއޭ އިން މިދިޔަ އަހަރު 626.6 މިލިއަން ޑޮލަރު ވިއްކި

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިދިޔަ އަހަރު 626.6 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 9.7 ބިލިއަން ރުފިޔާ) ވިއްކައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޑޮލަރު ވިއްކި އަދަދު އޭގެ ކުރީ އަހަރަށް ވުރެ ވަނީ 14 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ވިއްކާފައިވާ ޑޮލަރުގެ 64 ޕަސެންޓް ހާއްސަކޮށްފައިވަނީ ސަރުކާރު ކުންފުނި ތަކަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 399.9 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އަހަރުން އަހަރަށް ބަލާނަމަ ސަރުކާރު ކުންފުނިތަކަށް ވިއްކި ޑޮލަރުގެ އަދަދު ވަނީ 25 ޕަސެންޓް އިތުރުވެފަ އެވެ. ދެވަނަ އަށް އެންމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ ރާއްޖޭގެ ބޭންކް ތަކަށެވެ.

ބޭންކް ތަކަށް ވިއްކި ޑޮލަރުގެ 29 ޕަސެންޓް ހާއްސަކޮށްފައިވެ އެވެ. ބޭންކް ތަކަށް 226.7 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. ނަމަވެސް މިއީ 2018 ވަނަ އަހަރާ އަޅާބަލާނަމަ ދެ ޕަސެންޓް ދަށްވުމެކެވެ.

އެމްއެމްއޭ އިން ވަނީ ރާއްޖޭން ބޭރަށް ފުރާ މީހުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ އިންތިޒާމު ބޭންކްތައް މެދުވެރިކޮށް ހަމަޖައްސައި ދެމުންނެވެ. ރާއްޖޭގައި ވިއްކާ ޑޮލަރުގެ ހަތް ޕަސެންޓް ހާއްސަކޮށްފައިވަނީ ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް ދޫކުރުމަށެވެ. މިދިޔަ އަހަރު މިގޮތަށް 44 މިލިއަން ޑޮލަރު ބޭރަށް ފުރާ މީހުންނަށް ވިއްކާފައިވެ އެވެ. މީގެ ތެރޭގައި ހައްޖާއި އުމްރާ ގްރޫޕު ތަކަށް ހާއްސަކޮށް ވިއްކި 4.1 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.