ހަބަރު

ހިތްވަރު ލިބިއްޖެ، މަހާސިންތާގެ ބައިވެރިންނަށް ޝުކުރިއްޔާ: މެޑަމް ފާތުން

Sep 16, 2015

ދެހާސް އަށާރަ ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނު ލީޑަރުން ތަމްރީނު ކުރުމަށް މިހާތަނަށް ބޭއްވި ދެ މަހާސިންތާގެ ބައިވެރިންނަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޝުކުރު އަދާ ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން އިންތިޒާމް ކުރާ މަހާސިންތާތައް ބޭއްވުމުގައި އިސްކޮށް ހުންނެވީ މެޑަމް ފާތުމަތު އިބްރާހީމެވެ.

އެކަމަނާގެ ރަސްމީ ފޭސްބުކު ޕޭޖް މެދުވެރިކޮށް "ވަރަށް ބޮޑަށް ޝުކުރިއްޔާ" ގެ ނަމުގައި މިރޭ އާންމުކުރެއްވި މެސެއްގައި އެކަމަނާ ވިދާޅުވެފައި ވަނީ ރައީސް ޔާމީން، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ކޭމްޕޭނަށް ހާއްސަ، ކެމްޕޭން ލީޑަރުން ތަމްރީނުކޮށް އުފެއްދުމަށް އިންތިޒާމް ކުރާ މަހާސިންތާތަކުގެ ތެރެއިން ނިމި ދިޔަ ދެ މަހާސިންތާގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި އެކަމަނާ އެރުވި ދައުވަތު ގަބޫލުކުރައްވައި އިހުލާސްތެރި ހިތަކާއެކު މަހާސިންތާގައި ބައިވެރިވަޑައިގެންނެވި ފަރާތްތައް ދެއްކި ސާބިތު ކަމަކީ ރާއްޖެ އާއި ދިވެހި އެންމެހާ ލޮބުވެތި އަހުންނާއި އުހުތުން ބޭނުންވާ ތަރައްގީގެ އަމާޒު ޔަގީން ކުރުމުގައި އެކަމަނާ އަށާއި ފިރިކަލުން، އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"... އަގުހުރި ވަގުތުތައް އެއްފަރާތް ކުރައްވައި މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ކަމީ އަޅުގަނޑުމެންގެ ސަފުތަކުގެ ބަދަހި ކަމާއި ވަރުގަދަ ގުޅުން ދައްކުވައިދިން ނަމޫނާ ރަމްޒެކެވެ. ގައުމީ ހަޔާތުގައި ރަށްވެހީންގެ ބަދަހި ކަމަކީ ފޮނި މޭވާއެކެވެ. ގައުމީ ހަޔާތުގެ ވަރަށް ބޮޑު ނިއުމަތެކެވެ." އެކަމަނާގެ މެސެޖްގައި ވެއެވެ.

އަދި ލިޔުއްވަ އެވެ: "މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަން ކަމާއި ސިޔާދު ދަމަހައްޓައި އަބަދަށް ރައްކާތެރި ކުރުމަށާއި ތަރައްގީގެ އެންމެ އުސް ކުރިބޯއްޓައް ދިވެހި ރާއްޖެ ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވާ ދަތުރުފުުޅަށް އެހީތެރިވެ ވަޑައިގެން ދެއްވުމަށް މަހާސިންތާގައި ބައިވެރިވެ ވަޑައިގެން ހޯއްދެވި ތަމްރީނާއި ހުނަރުގެ ބޭނުން ކުރައްވައި 2018 އިގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކެމްޕޭންކޮށް ދެއްވުމުގައި ސާބިތުކަން ދައްކަވާނެ ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުހިނގަ އެވެ."

މީގެ އިތުރުން އެ މެސެޖްގައި ކުރިޔަށް އޮތް އީދުގެ ހެޔޮ އެދުންތައް ވެސް ފޮނުއްވަވާފައިވެއެވެ.