ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މުވައްޒަފުން ވަކިކުރާނަމަ ޖޫރިމަނާ ކުރަން ހުށަހަޅައިފި

ކޮވިޑް-19 އިގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖާއި ބީއެމްއެލްގެ މެރިޓޯރިއަމް ޕެކޭޖްގައި ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރިތަކުން މުވައްޒަފުން ވަކި ކުރާނަމަ ޖޫރިމަނާ ކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ހުށަހަޅައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ތައާރަފު ކުރާ ޕެކޭޖްތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން ސަރުކާރަށާއި މުއައްސަސާތަކަށް މަޖިލީހުން ފޮނުވާ ލަފާގައި ހިމަނަން އިޖްތިމާއީ ކޮމިޓީން ހުށަހަޅާ ކަންކަން ހިމަނައި އެ ކޮމިޓީގެ ރިޕޯޓް ވަނީ އެކުލަވާލައިފަ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން އިކޮނޮމިކް ރިލީފް ޕެކޭޖައި ބީއެމްއެލްގެ މެރިޓޯރިއަމް ޕެކޭޖް ދިނުމަށް ފަހު، އެ ލިބޭ ފަރާތްތަކުން އަމަލު ކުރަމުންދާ ގޮތް މާލެ އާއި އަތޮޅުތަކުގެ ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބަލަމުން ގެންދިއުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

މޮރިޓޯރިއަމް ޕެކޭޖްގެ ފައިސާ އެއް ފަހަރާ ދޫނުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި އެ ފަރާތްތަކުން މުވައްޒަފުން ވަކިކުރުމާއި މުސާރަ އުނިކުރުމާއި މުވައްޒަފުންނާ މެދު އިހާނެތިކޮށް އެއްވެސް ކަމެއް ކުރަމުން ގެންދާނަމަ ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށް ކޮމިޓީގެ ހުށަހެޅުންތަކުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން އެޕާޓްމަންޓް ނޫނީ ގެ ކުލި ނުދެއްކޭ ފަރާތްތަކަށާއި ތައުލީމު ހޯދަމުންދާ ދަރިވަރުންނަށް އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ލުއިތަކެއް ހަމަޖެއްސުމަށް ވެސް އިޖްތިމާއީ ކޮމިޓީން ބައެއް ކަންކަން ހުށަހަޅާފައިވެ އެވެ.

އިޖްތިމާއީ ކޮމިޓީގެ ހުށަހެޅުންތައް

  • ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަ ވާން ޖެހޭ ގޮޮތަށް ލޯނުތަކުގެ ލުއި ދިނުން
  • ޕެކޭޖް ދޭ ފަރާތްތަކުން އަމަލު ކުރާ ގޮތް ޖޮބް ސެންޓަރުތައް މެދުވެރިކޮށް ބަލަމުން ގެންދިއުން
  • މުވައްޒަފުންނާ މެދު އިހާނަތިކޮށް އަމަލުކުރާ ވިޔަފާރިތަކުން ޕެކޭޖުން ދޫކުރެވިފައިވާ ފައިސާއިން ބައެއް ޖޫރިމަނާ ކުރުން
  • އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް އޮންލައިން ޕްރޮގްރާމްތަކާއި ޓެލިވިޒަން ކްލާސްތައް ގެންދިއުން
  • މުވާސަލަތީ ކުންފުނިތަކާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން ދަރިވަރުންނަށް ހާއްސަ އިންޓަނެޓް ޕެކޭޖެއް ތައާރަފު ކުރުން
  • ކުލި ނުދެއްކޭ މީހުން މަގުމަތިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލަތައް ގުޅިގެން ފިޔަވަޅުތައް އެޅުން
  • އެޗްޕީއޭގެ އިރުޝާދުގެ ދަށުން މެނުވީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން ހުޅުވާ ނުލުން

ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ޓަކައި، ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން މަދު ނުކުރަން ޝަރުތު ކުރެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ތައާރަފުކުރާ ޕްރޮގްރާމްތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ އެކިއެކި ކޮމިޓީތަކުން ދިރާސާ ކުރި އެވެ.

އެ ކޮމިޓީއެއްގައި ހިމެނޭ ދާއިރާއާ ގުޅޭ ކަންކަން ދިރާސާ ކުރުމަށް ފަހު ސަރުކާރަށް މަޖިލީހުން ދޭ ލަފާގައި ހިމެނުމަށް ކޮންމެ ކޮމިޓީއަކުން ފާސްކުރާ ހުށަހެޅުންތަކެއް އެ ކޮމިޓީއަކުން މަޖިލީހުގެ ތަޅުމަށް ފޮނުވާ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެ މައްސަލަ ދިރާސާ ކުރަމުންދާ ބައެއް ކޮމިޓީތަކުގެ މަސައްކަތް ނުނިމި ވެސް އަދި އެބަ އޮތެވެ.