ލައިފްސްޓައިލް

ކައިވެނިކުރަން ބައިސްކަލްގައި 100 ކިލޯމިޓަރަށް ދަތުރުކޮށްފި

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ މީހަކު ކައިވެނި ކުރުމަށް 100 ކިލޯމީޓަރަށް ބައިސްކަލުގައި ދަތުރުކޮށްފި އެވެ. އޭނާ ބައިސްކަލުގައި ގޮސް ކައިވެނިކޮށް އަލަތު އަނބިމީހާ ގޮވައިގެން އަމިއްލަ ރަށަށް އެނބުރި އައިސްފައިވަނީ ވެސް ބައިސްކަލުގައި ބައިންދައިންނެވެ.

މިކަން ހިނގާފައިވަނީ ކަލްކޫ ޕްރަޖާޕަތީ ނަމަކަށްކިޔާ މި ފިރިހެންމީހާ ދިރިއުޅޭ ހަމިރްޕޫރްގެ ޕައުތިޔާ ވިލެޖުގަ އެވެ. އޭނާގެ އަވަށާ 100 ކިލޯމީޓަރުދުރުގައިވާ ޕުނިޔާ އަވަށަށް ބައިސްކަލްގައި އޭނާ ދަތުރުކުރީ އޭނާގެ އަލަތު އަނބިމީހާއަށް ވާން ތައްޔާރުވެފައި އިން ރިންކޫ ބަލަ އެވެ.

އެޕްރީލް 27 ގައި އޭނާ ފެށި ދަތުރުގައި އެއް ދުވަސް ތެރޭ އަވަށަށް ދެވުނެވެ. އޭނާ ބުނީ ކައިވެނީގައި ބައިވެރިވުމަށް އޭނާއާއެކު އެއްވެސް މީހަކު އޭނާގެ އަވަށަކުން ނާދެ އެވެ. ސަބަބަކީ ފުލުހުން އެކަމުގެ ހުއްދަ ނުދިނީމަ އެވެ.

"އަހަރެންގެ އެކުވެރިން ބުނި ކައިވެނި ލަސްކުރާނެ ކަމެއް ނެތޭ. އެކަނި ގޮސް ކައިވެނި ކޮށްގެން އަންހެނުން ގޮވައިގެން އަންނާށޭ،" ކަލްކޫ ބުންޏެވެ.

އެޕްރީލް 27 ވަނަ ދުވަހު ރިންކޫގެ ރަށަށް ގޮސް އެ ރަށުގެ ފައްޅިއެއްގައި ކައިވެނި ކުރުމަށްފަހު އޭގެ އަނެއް ދުވަހު ކަލްކޫ ވަނީ އަންހެނުން ގޮވައިގެން އެނބުރި އޭނާގެ އަވަށަށް ގޮއްސަ އެވެ. އޭނާ ބުނީ އޭނާގެ ކައިވެނި ވަރަށް ކުލަގަދަކޮށް ކުރަން ބޭނުންވިޔަސް ހާލަތު ދިމާވި ގޮތުން އެކަން ވާގޮތް ނުވީ އެވެ.