އޮބިޗުއަރީ

ޝައިހު ހުސައިން ޔޫސުފް އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ބައްޕާފުޅު، ޝައިހު ހުސައިން ޔޫސުފް އަވަހާރަވެއްޖެ އެވެ.

އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ އެމެބެސަޑަރު ތިލްމީޒާ ހުސައިންގެ ވެސް ބައްޕަ، ހުސައިން ޔޫސުފް އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.

މަދީނާއިން ކިޔަވާ ވިދާޅުވި ހުސައިން ޔޫސުފް އަކީ ހައިކޯޓް އުފެއްދުމަށްފަހު އެ ކޯޓަށް އައްޔަން ކުރެއްވި ފުރަތަމަ ދެ ގާޒީންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. ހުސައިން ޔޫސުފް ވަނީ ރައީސް އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ. އަދި ދަށު ކޯޓްތަކުގައި އެކި ފަހަރުމަތީން ފަނޑިޔާރުކަން ކުރެއްވިއެވެ.

ރައީސް މައުމޫންގެ ދުވަސްވަރު، ކަނޑުބޯޓެއްގައި ރާއްޖެއިން ފުރަތަމަ ހައްޖަށް ފޮނުވި މީހުންގެ އިސް ވެރިއަކަށް ވެސް ހުންނެވީ ހުސައިން ޔޫސުފެވެ.