ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގައުމީ ފުޓްބޯޅް ޓީމް

ކޮވިޑާ ގުޅޭ ސާފްގެ ކޮންފަރެންސްގައި އަކުރަމް

ކޮވިޑް-19 އާ ގުޅިގެން، ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑްރޭޝަން (ސާފު) ން ގައުމުތަކުގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށް ބޭއްވި އޮންލައިން ކޮންފަރެންސް ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބައިވެރި ވެއްޖެ އެވެ.

މި ކޮންފަރެންސްގައި ސަރަހައްދުގެ ހަތް ގައުމުންވެސް ވަނީ ބައިވެރި ވެފަ އެވެ. ޝްރީ ލަންކާ ފިޔަވައި، އަނެއް ހަ ގައުމުންވެސް ބައިވެރިވީ ކުޅުންތެރިންނެވެ. ލަންކާގެ ފަރާތުން ބައިވެރިވީ، އެ ގައުމުގެ އިންޓަނޭޝަނަލް ރެފްރީ ގަމީނީ ނިވޯން އެވެ.

އިންޑިއާގެ ފަރާތުން ބައިވެރިވީ، ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ޑިފެންޑަރު ސަންދޭޝް ޖިންގަން އެވެ. ބަންގުލަދޭޝްގެ ފަރާތުން ބައިވެރިވީ އެ ގައުމުގެ ކެޕްޓަން ޖަމާލް ބުއްޔާން އެވެ. ނޭޕާލްގެ ފަރާތުން ބައިވެރިވީ އެ ޓީމުގެ ކެޕްޓަން އަދި ގޯލް ކީޕަރު ކިރަން ކުމާރު ލިމްބޫ އެވެ. ޕާކިސްތާންގެ ފަރާތުން ބައިވެރިވީ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޔޫސުފް ބަޓް އެވެ. ބޫޓާންގެ ޓީމު ތަމްސީލު ކުރީ އެ ޓީމުގެ ކެޕްޓަން ކަރުމާ ޝެޑްރަޕް އެވެ.

ބަންގުލަދޭޝްގައި ދިރިއުޅޭ ޕްރެޒެންޓަރެއް ކަމަށްވާ ސުމަންދާނީ ޑޯން، ހޯސްޓް ކުރި މި ކޮންފަރެންސްގެ ބޭނުމަކީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ސާފް ގައުމުތަކުގެ ފުޓްބޯޅަ އާއިލާއިން ކުރަމުންގެންދާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށާއި ކޮރޯނާ ވައިރަސްގެ އުނދަގޫ ހާލަތުގައިވެސް ގައުމުތަކުގެ ފުޓްބޯޅަ އިންޑަސްޓްރީ ގުޅުވައި ދިނުމެވެ.

ވީޑިއޯ ކޮންފަރެންސްގައި ވާހަކަ ދައްކަމުން، އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް އުފުލާލި ކެޕްޓަން އަކުރަމް ވަނީ، ހުރިހާ ފަރާތްތަކުންވެސް ސިއްހީ ތަޖުރިބާކާރުންނަށް އިހްތިރާމް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ކޮންމެ މީހަކުވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްވެސް އޭނާ ވަނީ ހަނދާން ކޮށްދީފަ އެވެ.

"ސިއްހީ އިދާރާތަކުގެ އޮފިޝަލުންނަށް އިހްތިރާމް އަދާ ކުރުމަކީ އެ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް އަމަލު ކުރުން،" ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަކުރަމް ބުންޏެވެ. "އަހަރެން ހަމަ ހުރިހާ ފަރާތްތަކުގެ ކިބައިންވެސް އާދޭހާއެކު އެދެނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް، އަބަދުހެން ގޭގައި ތިއްބެވުމަށް."

ކޮރޯނާ ވައިރަސްގެ އުނދަގޫ ވަގުތުގައި، އެފްއޭއެމުން ދެއްކި ނަމޫނާވެސް އަކުރަމް ވަނީ، ކޮންފަރެންސްގައި ފާހަގަ ކޮށްފަ އެވެ. ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން ކުރުމާއެކު ލޭ ލިބުން ދަތިވުމުން، އެފްއޭއެމުން އިސްނަގައިގެން ހިންގި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ މުހިންމުކަން އަކުރަމް ވަނީ ފާހަގަ ކޮށްފަ އެވެ.