ދުނިޔެ

އަފްޣާން ހޮސްޕިޓަލު ހަމަލާގައި މަރުވި މީހުންގެ ތެރޭ ތުއްތު ކުދިން

May 13, 2020

ކާބުލް (މެއި 13) - އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ހޮސްޕިޓަލަކަށް އިއްޔެ ދިން ހަމާލާގައި މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ދެ ތުއްތު ކުދިންނާއި 12 އަންހެނުން ހިމެނޭކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމާލާގައި އިތުރު 15 މީހަކު ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭކަމަށް ކަމާބެހޭ އިދާރާތަކުން އިތުރަށް ބުންޏެވެ.

އެ ހަމަލާގެ ފަހަތުގައިވާ ޖަމާއަތެއް އަދި ކަށަވަރުވެފައިނުވި ނަމަވެސް، ރައީސް އަޝްރަފް ޣަނީ ވަނީ އެގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އޮޕަރޭޝަންތައް ފެށުމަށް ސިފައިންނަށް އަންގަވައިފަ އެވެ.

މަންޒަރުދުށް ބައެއް މީހުނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހޮސްޕިޓަލަށް ހަމަލާދިން މީހުން ތިބީ ފުލުހުންގެ ޔުނީފޯމު އަޅައިގެން ކަމަށެވެ. އަފްގާނިސްތާނުގެ ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު އެތަކެއް ގަޑިއިރަކަށް ދިގު ދެމިގެންދިއަ ކުރިމަތިލުންތަކަށްފަހު، ހަމާލާގައި ބައިވެރިވި ހުރިހާ ހަނގުރާމަވެރިން މަރުވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލަށް ހަމަލާދިން ދާދި އެއް ވަގުތެއްގައި، ފުލުހުންގެ އިސް ކޮމާންޑަރެއްގެ ޖަނާޒާއަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ވަނީ މަރުވެފަ އެވެ. އެ ބޮމުގެ ހަމަލާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގައިފަ އެވެ.