ޖާންވީ ކަޕޫރު

ޖާންވީގެ "ދަ ކާރްގިލް ގާލް" އާއި އިޝާންގެ "ޚާލީ ޕީލީ" ނެޓްފްލިކްސް އަށް

ކޮވިޑް-19ގެ ސަބަބުން އިންޑިޔާ ލޮކްޑައުން ކޮށްފައިވާތީ ހުރިހާ ސިނަމާތައް ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދިވެސް މި ވަބާއިން ސަލާމަތްވެވޭނެ ގޮތެއް ފެންނަން ނެތުމުން ލޮކްޑައުން އިތުރުކުރާނެ ކަމަށް މިހާރު ޔަގީންވެ އެވެ. މިހާރުވެސް ނޭވާހޮޅިޔަށް އެޅިފައިވާ ފިލްމު އިންޑަސްޓްރީއަށް ލޮކްޑައުން އިތުރުކުރުމުން ލިބޭ ގެއްލުން އިތުރު ވެގެން ދާނެ އެވެ. ޚާއްސަކޮށް މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ ފިލްމުތައް ރިލީޒް ކުރެވޭގޮތް ނުވެ ލަސް ވުމަކީ އެ ފިލްމުތަކުގެ ޕްރޮޑިއުސަރުން ވަރަށް ކަންބޮޑުވާނެ ކަމެކެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކުޑަ ބަޖެޓަކުން އުފައްދާފައިވާ ޖާންވީ ކަޕޫރުގެ "ދަ ކާރްގިލް ގާލް" އާއި އިޝާން ޚައްތަރު އާއި އަނަންޔާ ޕާންޑޭގެ "ޚާލީ ޕީލީ" ސީދާ ނެޓްފްލިކްސްގައި ރިލީޒްކުރަން މިހާރު ވަނީ ނިންމާފަ އެވެ.

މި ފިލްމުތަކުގެ މައުލޫމާތު އެނގޭ މީހަކު އިންޑިޔާ އޮންލައިން ނޫހަކަށް ބުނެފައިވާ ގޮތުގައި މި ދެ ފިލްމަކީ ޒީ ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކެކެވެ. ލޮކްޑައުން އިތުރަށް ދެމިގެންދާނެކަން ޔަގީން ވާތީ އޯޓީޓީ ޕްލެޓްފޯމްގައި ފިލްމު ރިލީޒްކުރުމަކީ މިހާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ޕްރޮޑިއުސަރުންގެ ހައިސިއްޔަތުން ޒީ ގަބޫލު ކުރެ އެވެ.
އެހެންވެ ނެޓްފްލިކްސް އަށް މި ދެ ފިލްމު ސްޓްރީމް ކުރުމުގެ ރައިޓްސް މިހާރު ދީފައިވާ ކަމަށް ވެސް ވެއެވެ.

"ގުންޖަން ސަކްސޭނާ: ދަ ކާރްގިލް ގާލް" އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އާއި ޒީ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމަކަށް ވެފައި ނެޓްފްލިކްސް އަށް ފިލްމު ސްޓްރީމްކުރުމުގެ ހުއްދަ ދިނުމުގައި ދަރްމާ ޕްރޮޑަކްޝަންގެ ވެސް މައްސަލައެއް ނެތެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ "ދަ ކާރްގިލް ގާލް" ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އަށް ދޭން ނިންމާފައިވަނީ ޒީ އިންނެވެ. އޭނާވެސް ބުނީ "ދަ ކާރްގިލް ގާލް" އާއި "ޚާލީ ޕީލީ" ސްޓްރީމުކުރުމުގެ ރައިޓްސް ނެޓްފްލިކްސް އަށް ދިނުމަކީ މިހާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަކަށް އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ ލޮކްޑައުން ނިންމާލެވޭނެ ދުވަހެއް އަދި އޭގެ ފަހުން ވެސް ސިނަމާތަކަށް މީހުން ވަންނަން ފަށާނެ ދުވަހެއް އެއްވެސް ބަޔަކަށް ޔަގީން ނުވާތީ އެވެ.

މިކަމާ ގުޅޭ ގޮތުން ރަސްމީ ގޮތުން ވަރަށް އަވަހަށް އިއުލާނެއް ކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.