ދުނިޔެ

އަފްޣާން ހޮސްޕިޓަލު ހަމަލާގެ މަރުގެ އަދަދު 24 އަށް

May 14, 2020
1

ކާބުލް (މެއި 14) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ހޮސްޕިޓަލަކަށް މިދިއަ އަންގާރަ ދުވަހު ދިން ހަމާލާގައި މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ މެޓާނިޓީ ވޯޑުގައި ތިބި އަލަށް ވިހޭ ތުއްތު ކުދިންނާއި، އަންހެނުންގެ އިތުރުން އެ ވޯޑުގައި މަސައްކަތް ކުރާ ނަރުހުންނެވެ.

އެވަގުތު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރަކު މީޑިއާއަށް ވިދާޅުވި ގޮތުގައި، ހަމަލާ ދެމުންދިޔަ ވަގުތު އަންހެންނަކު ވިހައިފައި ވެސް ވެއެވެ.

އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައި ނުވާއިރު، އިތުރު 16 މީހަކު ޒަހަމްވެފައި ވާކަމަށް އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މަންޒަރު ދުށް ބައެއް މީހުނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހޮސްޕިޓަލަށް ހަމަލާދިން މީހުން ތިބީ ފުލުހުންގެ ޔުނީފޯމު އަޅައިގެނެވެ. އަފްޣާނިސްތާނުގެ ސިފައިންނާއި ހަނގުރާމަވެރިންނާ ދެމެދު އެތައް ގަޑިއިރަކަށް ދިގު ދެމިގެންދިއަ ކުރިމަތިލުންތަކަށް ފަހު، ހަމާލާގައި ބައިވެރިވި ހުރިހާ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލަށް ހަމަލާއާ ދާދި އެއް ވަގުތެއްގައި، ފުލުހުންގެ އިސް ކޮމާންޑަރެއްގެ ޖަނާޒާއަށް ދިން ބޮމުގެ ހަމަލާއެއްގައި ވެސް 24 މީހުން ވަނީ މަރުވެފަ އެވެ. އެ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގައިފަ އެވެ.

އެ ހަމަލާތަކާ ގުޅިގެން، ރައީސް އަޝްރަފް ޣަނީ ވަނީ އެ ގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އޮޕަރޭޝަންތައް ފަށަން ސިފައިންނަށް އަންގަވާފަ އެވެ.

އެއާއެކު ސިފައިންގެ އޮޕަރޭޝަންތަކަށް ފުރިހަމައަށް ރައްދު ދޭން ތައްޔާރަށް ތިބި ކަމަށް ތާލިބާނުން ވަނީ ބުނެފަ އެވެ.