ދީން

ލައިލަތުލް ގަދްރި ވިލޭރޭގެ އަލާމަތްތައް

ލައިލަތުލް ގަދްރިވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮ ވެގެންވާ ރެއެކެވެ. އެ ރެޔަކީ ކޮން ރެއެއްކަން ކީރިތި ރަސޫލާ صلى الله عليه وسلم މާތް ﷲ ބަޔާން ކޮށްދެއްވުމަށް ފަހު، އެކަލޭގެފާނު ހަނދުމަފުޅު ނެތިގެން ދިޔަ އެވެ.

ނަމަވެސް އެ ރެއަކީ ރޯދަ މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއް ކަމުގައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ. އަދިވެސް ބަޔާންކޮށް ދެއްވާފައި ވެއެވެ. އެއީ ފަހު ދިހައިގެ އޮނަހިރު ރޭތަކުގެ ތެރެއިން ރެއެކެވެ. އެހެންވީމަ އެރެއަކަށް ވާނީ ރޯދަ މަހުގެ 21، 23، 25، 27، 29 މި ރޭ ތަކުގެ ތެރެއިން ރެއަކަށެވެ.

އެ ރޭ ތަކުގައި އަޅުކަންކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި މުސްލިމުން ގަދައަޅާ މަސައްކަތް ކުރެއެވެ.

މީގެ އިތުރުންވެސް ލައިލަތުލް ގަދްރިވިލޭރޭގެ ހާއްސަ ބައެއް ސިފަތަކާއި ގުޅޭގޮތުން ވެސް އިލްމުވެރިން ވާހަކަ ދައްކަވާފައި ވެއެވެ. އެފަދަ ކަންކަމަށް މިފަހަރު ބަލާލާނަމެވެ. އޭގެ ކުރިން އެ ރެއަށް އެ ނަން ދެވުނު ސަބަބުތަކަށް ބަލާލަމާތޯ އެވެ.

ليلة القدر ނަން ދެވުނު ސަބަބަކީ ކޮބާ؟

އެ ރޭގެ ނަމާއި ބެހޭ ގޮތުން އައްޝައިޚް އިބްނު އުސައިމީން رحمه الله ވިދާޅުވެފައި ވެއެވެ. އެރެއަށް އެނަން ދެވުނު ތިން ސަބަބެއް ވެއެވެ.

ފުރަތަމަ ސަބަބަކީ ليلة القدر ގެ މާނައަކީ ގަދަރު މަތިވެރި ވެގެންވާ، ޝަރަފު ވެރިވެގެންވާ ރެ އަކަށް އެ ރޭ ވުމެވެ.

ދެވަނަ ސަބަބަކީ އެ ރޭގައި އެ އަހަރުގެ ތެރޭގައި ވާނޭ ކަންކަމުގެ ތަގުދީރު ކުރައްވައި މިންވަރު ކަނޑައަޅުއްވާ ކަމަށްޓަކަ އެވެ. ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ހިނގާނޭ ކަންކަން އެރޭގައި ލިޔުއްވާނޭ ކަމުގައި ކީރިތި ގުރްއާން ގައިވަނީ ބަޔާން ކުރައްވާފަ އެވެ.

އަނެއް ސަބަބަކީ އެރެޔަށް ليلة القدر މިނަން ދެވުނީ އެރޭގައި ކުރެވޭ އަޅުކަމުގެ ގަދަރު މަތިވެރިވެގެންވާ ކަމަށްޓަކަ އެވެ. އެހެނީ އީމާން ކަންމަތީގައި ހުރެ ދަރުމަޔާއި ސަވާބު އެދިގެން އެރޭގެ އަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަހައި ފާފަތަކެއް ފުއްސަވައި ދެއްވާނޭ ކަމުގައި ކީރިތި ރަސޫލާވަނީ ހަދީސް ކުރައްވާފަ އެވެ. އަދި އެރޭގެ އަޅުކަން އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮވެގެންވާ ކަމުގައި ކީރިތި ގުރްއާނުގައި ވަނީ އަންގަވާފަ އެވެ.

ليلة القدر ވިލޭރޭގެ އަލާމާތްތަކަކީ ކޮބާ؟

ލައިލަތުލް ގަދްރިވިލޭރޭގެ ހާއްސަ ސިފަތަކެއްވެ އެވެ. ގިނަ އަލާމަތް ތަކެއްވެ އެވެ. އިލްމުވެރިން މި ރެއާ ގުޅޭގޮތުން ވަރަށް ގިނަ ބަހުސްތައް ކޮށްފައިވެ އެވެ. އަދި އެ ރޭގެ ވަރަށް ގިނަ އަލާމާތްތައް ބަޔާންކޮށް ދެެއްވާފައި ވެއެވެ.

މި ބަލާލަނީ އެފަދަ ބައެއް އަލާމަތްތަކަށެވެ.

* އެރޭގެ އަލިކަން ގަދަވެގެން ވެއެވެ. އަދި އެރަޔަކީ މާ ހޫނުކަން ގަދަ ނޫން، އަދި އެހާ ފިނިކަން ގަދަ ރެއެއް ނޫންކަމުގައި ވެސް ބުނެވެ އެވެ.

* އެރޭ ހިތްހަމަޖެހުމާއި މުއުމިނުތަކުންގެ ހިތްތައް ތަނަވަސްވެ ހިތް ފަސޭހަކަން އިހުސާސް ވާނެވެ. އެބަހީ އެހެން ރޭ ތަކުގައި އިހްސާސް ނުވާފަދަ ހިތް ހަމަޖެހުމެއް އެރޭ އިހްސާސް ވާނެއެވެ.

* އެރޭގައި ޖެހޭ ވައިރޯޅި މަޑުވެ ހަމަހިމޭން ވެގެންވެ އެވެ. އަދި އެރޭގެ ޖައްވު އޮންނާނީ ވަރަށް ހަމަހިމޭންކޮށް ކަމުގައިވެސް ބުނެވެ އެވެ.

* އެރެއަކީ ފަތިސް ވަގުތާ ހަމައަށް އަމާންކަމާއި ސަލާމަތްކަން ލެއްވިގެންވާ ރެއެއްކަމުގައި ކީރިތި ގުރްއާން ގައިވަނީ އަންގަވާފަ އެވެ. އެ ރޭގައި ބިމަށް ފައިބާވަޑައިގަންނަވާ މަލާއިކަތުންގެ ގިނަކަން، ބިމުގައިވާ ވެއްޔަށްވުރެން ގިނަވާނެ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާވެފައިވާ ބަސްފުޅު ތަކުގައި ވެއެވެ.

* އެ ރޭގެ ފަތިހު އިރުއަރާއިރު ދޯދިތަކެއް ނުހުންނާނެ އެވެ. އެބަހީ އިރު އެރުމުގެ ކުރީގައި އާންމު ގޮތެއްގައި އުދަރެހައް ފާއްދާލާފައި ހުންނަ ދޯދިތައް އެރެއަކު ނުހުންނާނެ އެވެ. ސަހީހު މުސްލިމްގައި ރިވާވެގެންވެއެވެ. "އެ ރޭގެ (ހެނދުނުވުމުން) އިރުއަރާހިނދު އޭގައި ދޯދިތަކެއް ނުހުންނާނެއެވެ."

މިއީ އިލްމުވެރިން ވިދާޅުވާ ބައެއް އަލާމަތްތަކެވެ. ނަމަވެސް މިކަމުގައި ވިސްނާލަން މުހިންމު އެހެން ކަމެއް ފާހަގަކޮށްލާނަމެވެ.

މިފަދަ އަލާމާތްތަކެއް އެ ރޭގައި ހިމެނިގެން ވިއެއްކަމަކު މިކަންކަން ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ ހަގީގަތުގައި އެރޭގެ ހެޔޮ އަމަލު ކުރުމަށް ލިބޭ ފުރުސަތުން މަހުރޫމު ކުރުވަނިވި ކަމަކަށްވުން އެކަށީގެންވެ އެވެ. އެރޭގެ އަލާމާތްތައް ބައިލައިގެން ލައިލަތުލް ގަދްރި ވިލޭރޭ ހޯދަމަކަށް ދީނުގައި ބާރުއަޅުއްވާފައެއް ނުވެއެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ މޫސުމީ ތަފާތުތަކުގެ ސަބަބުން މި އަލާމާތްތައް މިގޮތަށް ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ވާހަކަތައް ހިއްސާކޮށްލީ އެ މައުލޫމާތުތައް އެނގުމުގެ މުހިންމު ކަމަށްޓަކައެވެ.

ވީމާ، ލައިލަތުލް ގަދްރި ވިލޭރޭގެ މާތްކަމަށް އެދޭމީހާ، އެދެވިގެން ވަނީ ފަހު ދިހައިގެ ރޭތަކުގައި ހެޔޮ އަމަލުތައް ކުރުމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ. ތަރާވީހު ނަމާދު ކުރުމާއި، ކީރިތި ގުރްއާން ކިޔެވުމާއި އަދި ދުއާކޮށް ޒިކުރު ކުރުން ގިނަ ކުރުމެވެ.

އަދި ކީރިތި ރަސޫލާ، އާއިޝާ رضي الله عنها އަށް ދަސްކޮށްދެއްވި މި ދުއާ اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ގިނަ ގިނައިން ކިޔުމެވެ. އަދި ފާފަ ފުއްސެވުން އެދި ދުއާ ކުރުމެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަަސަން މޫސާ ފިކުރީ