ދީން

ކޮބާ ފިތުރު ޒަކާތް ދައްކައިފިން؟

ޒަކާތަކީ އިސްލާމްދީނުގެ ރުކުނެވެ. ޒަކާތުގެ ދެ ބާވަތެއް ވެއެވެ. އެއީ މުދަލު ޒަކާތާއި ފިތުރު ޒަކާތެވެ.

މިވަގުތު ކުރިމަތީގައި އޮތީ ފިތުރު ޒަކާތުގެ ފަރުލު އަދާ ކުރުމެވެ. އެހެން ކަމުން ފިތުރު ޒަކާތާއި ގުޅޭގޮތުން ކޮންމެހެން އެނގެން ޖެހޭ މުހިންމު ކަންކަމަށް ބަލައިލުން ވެސް ރަނގަޅެވެ.

ޒަކާތުގެ ހުކުމް

ފިތުރު ޒަކާތަކީ ރޯދަ މަހުގެ ރޯދަ ހިފާ ނިމުމާ ގުޅިގެން އަދާ ކުރުން ވާޖިބު ވެގެންވާ އަޅުކަމެކެވެ. މި ޒަކާތަށް ފިތުރު ޒަކާތޭ ނަން ދެވުނީ ވެސް މި ސަބަބަށްޓަކަ އެވެ. އެއީ ރޯދަ މަހުގެ ރޯދަ ހިފައި ނިމުމާއި ވިދިގެން އަދާކުރާ އަޅުކަމަށް ވާތީ އެވެ. ރޯދަ ވީލުމަށް އަރަބި ބަހުގައި ކިޔަނީ "އިފްތާރު" އެވެ.

ފިތުރު ޒަކާތް ފަރުލު ކުރެއްވުން

އިބްނު އައްބާސް رضي الله عنهما ވިދާޅުވެފައި ވެއެވެ: "... ފިތުރު ޒަކާތް ފަރުލު ކުރެއްވީ ރޯދަވެރިޔާ އަށް ބުނެވިފައިވާ ނުރަނގަޅު ބަސްތަކާއި އަދި އަރައިގަނެވިފައިވާ ފާފަތަކުން ތާހިރު ކުރުވަނިވި ކަމެއްގެ ގޮތުގަ އެވެ. އަދި މިސްކީނުންނަށް ލިބޭ ކާނާއެއްގެ ގޮތުގަ އެވެ. (އީދު) ނަމާދުގެ ކުރީގައި އަދާކޮށްފި މީހާއަށް އެއީ ގަބޫލުވެވިގެންވާ ފިތުރު ޒަކާތެވެ. (އީދު) ނަމާދަށްފަހުގައި އަދާކޮށްފި މީހާއަށް އެވާހުށީ ދެވޭ ސަދަގާތްތަކުގެ ތެރެއިން ސަދަގާތެއް ކަމުގައެވެ." -- ހަދީސް ރިވާކުރެއްވީ އަލްއިމާމު އަބޫ ދާވޫނު

ޒަކާތް ދަންކަންޖެހެނީ ކޮން ބައެއް

ފިތުރު ޒަކާތް ނެރުން މުސްލިމުންގެ ތެރެއިން ކުޑަ ބޮޑު އެންމެންގެ މައްޗަށް އޮތް ވާޖިބު ވެގެން ވެއެވެ. އެއީ އީދު ދުވަހާއި އެ ރޭ ކާނޭ މިންވަރަށްވުރެ އިތުރަށް ތަނަވަސްކަން ހުރެއްޖެ ކޮންމެ މީހެއްގެ ފަރާތުން އަދާ ކުރަން ޖެހޭ އަޅުކަމެކެވެ.

އިބްނު އުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލު ﷲ صلى الله عليه وسلم ގެ ފިތުރު ޒަކާތް ފަރުލު ކުރެއްވީ، ކަދުރުން ސާއެއްގެ މިންވަރުންނެވެ. ނޫނީ ބާރްލީގެ (ހިމަގޮދަނުގެ) ސާއެއްގެ މިންވަރެވެ. އެއީ މުސްލިމުންގެ ތެރެއިން މިނިވަނުންނާއި އަޅުންނާއި، ފިރިހެނުންނާއި އަންހެނުންނާއި، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުން ދައްކަންޖެހޭ އެއްޗެއްގެ ގޮތުގަ އެވެ." -- ހަދީސް އަލްއިމާމުލް ބުހާރީ

އަދި ކޮންމެ ބެލެހެއްޓުންތެރިއެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މުސްލިމުންގެ ފަރާތުން ޒަކާތް ނެރެ ދިނުމަކީ، އެބައެއްގެ މަސްއޫލުވެރިޔާއަށް ކޮށްދެވިދާނެ ކަމަކެވެ. ނަމަވެސް އެބަޔަކު އަމިއްލައަށް ނެރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ޣައިރު މުސްލިމުންގެ ފަރާތުން، ފިތުރު ޒަކާތް ދައްކާކަށް ނުޖެހޭނެ އެވެ. މިސާލަކަށް ގޭގައި ގެންގުޅޭ މަސައްކަތު މީހާއަކީ ޣައިރު މުސްލިމެއް ކަމުގައިވާނަމަ އޭނާގެ ކިބައިން ފިތުރު ޒަކާތް ދައްކާކަށް ނުޖެހޭނެ އެވެ.

ޒަކާތް ނެރެން ޖެހޭ މިންވަރު

ފިތުރު ޒަކާތުގެ މިންވަރަކީ ޒަކާތް ނެރޭ ބާވަތަކުން ސާއެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.5 ކިލޯ އާއި 3 ކިލޯއާ ދެމެދުގެ މިންވަރެކެވެ. ޒަކާތް ނެރެން ޖެހެނީ އެބަޔަކު އާންމުކޮށް ކެއުމުގައި ބޭނުންކުރާ މައިގަނޑު ގޮވާމުގެ ބާވަތުންނެވެ. ރާއްޖޭގައިނަމަ ހަނޑުލުން ނުވަތަ ފުށުން ނެރުން ހުއްދަ ވެގެން ވެއެވެ.

ރާއްޖޭގެ ޒަކާތުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ކޮންމެ އަހަރަކު ވެސް ޒަކާތް ނެރެން ޖެހޭ ގޮތުގެ ތަފްސީލް ދަނީ އާންމު ކުރަމުންނެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ގޮވާމުގެ އަގު

  • އާދައިގެ ހަނޑޫ - 15 ރުފިޔާ
  • ތައިލެންޑު ހަނޑޫ - 48 ރުފިޔާ
  • ބާސްމަތީ ހަނޑޫ - 105 ރުފިޔާ
  • ރަތް ހަނޑޫ - 65 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • އާޓާ ފުށް - 55 ރުފިޔާ

ފިތުރު ޒަކާތް ހައްގުވާ މީހުން

ފިތުރު ޒަކާތް ހައްގުވަނީ މުދަލުގެ ޒަކާތް ވެސް ހައްގުވެގެންވާ މީހުނަށެވެ.

ތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަނީ އެބައިތައް ވަކިވަކީން އަންގަވާފަ އެވެ. އެއީ ފަގީރުންނާއި މިސްކީނުންނާއި، ޒަކާތް ނެގުމުގެ މަސައްކަތްކުރާ އާމިލުންނަށާއި، އަލަށް އިސްލާމުވާ މީހުންނާއި، ދަރަނިވެރިންނާއި، އަޅުން މިނިވަން ކުރުމަށާއި، އަދި ﷲ ގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށާއި އަދި ހާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ.

އަމިއްލައަށް ޒަކާތް ނެރުން

ތިމާ އަމިއްލައަށް ފިތުރު ޒަކާތް އަދާ ކުރުމަކީ ވެސް ހުއްދަ ވެގެންވާ ކަމަކެވެ. ވީމާ، ފަގީރަކަށް ނުވަތަ މިސްކީނަކަށް ޒަކާތުގެ މިންވަރު ތިމާ އަމިއްލަށް ފޯރު ކޮށްދީފި ނަމަވެސް މި އަޅުކަން އަދާކުރެވުނީ އެވެ. އީދު ނަމާދު ކުރިން މި އަޅުކަން އަދާ ކުރުމަށް ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަހަރު ދުރާލައި މިކަމަށް ސަމާލު ވާށެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހް ހަސަން މޫސާ ފިކުރީ