ހަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ 10،120 ހައުސިން ޔުނިޓް އިމާރާތް ކުރާނެ ބަޔަކު ހޯދަނީ

Sep 19, 2015

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުގައި އަޅާ 10،120 ހައުސިން ޔުނިޓް އިމާރާތްކޮށް ފައިނޭންސް ކުރާނެ ފަރާތްތައް ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަޔަށް ހައްލެއް ހޯދަން ހައުސިން މިނިސްޓްރީން ފަށާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހައުސިން ޕްރޮޖެކްޓުތައް ހިންގާނެ އަމިއްލަ ފަރާތްތަކެއް ހޯދަން ސަރުކާރުން އިއުލާނު ކޮށްފައިވަނީ 50 އަހަރުގެ މުއްދަތަށް ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގެ މުއްދަތަށް ހިލޭ ދޫކުރާ ބިންތަކުގައި އަޅާ ހައުސިން ޔުނިޓްތައް ނިމުމުން، އިމާރާތް އަޅަން ކޮންޓްރެކްޓަރު ކުރި ހަރަދު އަނބުރާ ލިބޭ ގޮތަށް ސަރުކާރާއި ދެމެދު ވާ އެއްބަސްވުމެއްގެ ދަށުން އިމާރާތްތައް ސަރުކާރުން ގަންނާނެ އެވެ.

ގޮތުން އެ މަޝްރޫއުގެ ދަށުން އާދައިގެ ހައުސިން ޔުނިޓުގެ ގޮތުގައި އިމާރާތްކުރަނީ 7،120 ހައުސިން ޔުނިޓެވެ. އަދި މެދު ފަންތީގެ ހައުސިން ޔުނިޓްގެ ގޮތުގައި 3،000 ހައުސިން ޔުނިޓް އިމާރާތްކުރާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓުގެ އަމާޒަކީ ދަށް ފަންތިއާއި މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އޭގެ ސަބަބުން މާލޭގައި މީހުން ތޮއްޖެހޭ ޖެހުމަށް ވެސް ހައްލެއް އަންނާނެ ކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެޅި ފްލެޓްތަކާ އެކުވެސް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުވެފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާ ހައުސިން ޔުނިޓްތަކާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުން، އެ މަޝްރޫއުގެ ދަށުން އަޅާ އާދައިގެ ހައުސިން ޔުނިޓެއްގެ ބޮޑުމިނަކީ 57-85  އަކަމީޓަރެވެ. މެދު ފަންތީގެ ހައުސިން ޔުނިޓެއްގެ ބޮޑު މިނަކީ 80-90 އަކަމީޓަރެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހައުސިން މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ ހައުސިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓަށެވެ. ޕްރޮޕޯސަލް އިވެލުއޭޓް ކުރާއިރު އެކުންފުންޏެއްގެ ތަޖުރިބާއަށް ބެލޭނެ އެވެ.