ދީން

ތައުބާވާން ލިބޭ އެންމެ ފަހި ފުރުސަތު!

އަޅުކަމުގެ ހުރިހާ ދޮރުތަކެއް ހުޅުވި، ހެޔޮ އަމަލު ކުރަން އެދޭ މީހާއަށް ހުރިހާ ގޮތަކުން އެކަން ފަހިވެފައިވާ މި މާތް މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެއްވެ އެވެ. އަދި ޖިންނި ޝައިތާނުންގެ ތެރެއިން އެންމެ ނުބައި މާރިދުން ކަސްތޮޅު އެޅުވެ އެވެ. މިކަންކަމާ އެކުގައި ކޮންމެ މީހަކު ވެސް އޭނާގެ ފުށުން ވެވިފައިހުރި ކުށްފާފަތަކަށް ތައުބާވެ، ފާފަ ފުއްސެވުން އެދިގެން ގަދައަޅައި މަސައްކަތް ކުރަންވީ ވަގުތަކީ މިއީ އެވެ.

މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ އެވެ. ހުރިހާ ގޮތަކުން ވެސް އިންސާނާގެ ނަފްސު ހެޔޮ ކަމުގެ މަގަށް ބަދަލު ކޮށްލުމަށް މި މަހަކީ ރަނުގެ ފުރުސަތެކެވެ.

ރޯދަ މަހަކީ އަޅުކަމާއި، ފާފަ ފުއްސެވުމުގެ މަހެކެވެ. މި މާތް މަހުގެ ކޮންމެ ރެއެއްގައި މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖު ކުރައްވާނޭ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ހަދީސް ކުރައްވާފަ އެވެ. އަދި ރޯދަ މަހާ ބައްދަލުވެ ފާފަ ނުފުއްސެވިއްޖެ މީހަކީ އަބާއްޖަވެރިއެއް ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ.

ލައިލަތުލް ގަދްރި ވިލޭރޭ ކިޔުމަށް އުނގަންނައި ދެއްވާފައިވާ ދުއާއަކީ ވެސް ފާފަ ފުއްސެވުމަށް އެދި ކުރެވޭ ދުއާއެވެ. އެދުއާކީ اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي މާނައީ: "އޭ ﷲ އެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެއީ، ގިނަގިނައިން އަފޫ ކުރައްވާ، އަފޫ ކުރެއްވުމަށް ލޯބި ކުރައްވާ ރަސްކަލާނގެ އެވެ. ފަހެ، އިބަރަސްކަލާނގެ މި އަޅާގެ ފާފަ ފުއްސަވާނދޭވެ!"

ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ދެން އެފަދަ ފާފަތަކަށް އަރައި ނުގަތުމަށް އަޒުމު ކަނޑައެޅުން މި މަހު ވަރަށް މުހިންމެވެ. ތައުބާވުމަށް އެދޭ މީހަކު ތައުބާވުމުގެ ޝަރުތުތައް ފުރިހަމަ ކުރަންޖެހެ އެވެ. އެއީ ހަތަރު ޝަރުތެކެވެ.

* ތައުބާވުމުގައި މާތް ﷲ އަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ތައުބާވުން މިއީ ފުރަތަމަ ޝަރުތެވެ. އަޅުކަމުގެ ތެރެއިން މާތް ﷲ ގަބޫލު ކުރައްވަނީ އެ އިލާހަށް ހާލިސްކޮށް ކުރާ އަޅުކަމެވެ.

* ފާފަތަކަށް އަރައިގަތުން އެއްކިބާވެ، ތިމާއަށް ކުރެވޭ އެންމެހައި ފާފަތަކުން ދުރުހެލިވާން ޖެހޭނެ އެވެ. ހަމައެއާއެކު މާތް ﷲ ނަހީކުރެއްވި އެންމެހައި ކަމަކުން ދުރުހެލިވެ، އެކަންކަމަށް ތިމާ ހުށަހަޅާ ހުރިހާ ދޮރުތަކެއް ބަންދުކޮށް އެކަންކަމުން ވެސް ރައްކާތެރިވާން ޖެހޭނެ އެވެ.

* ފާފަތަކަށް އަރައިގަނެވުނު ކަމުގެ މައްޗަށް ހިތާމަ ކުރުމާއި، އެކަންކަމަށް އަރައި ނުގަތުމަށް އަޒުމު ކަނޑައެޅުން މިއީ ތިންވަނަ ޝަރުތެވެ.

* މީހެއްގެ މުދަލެއް ނުހައްގުން އަތުލައި ބޭނުން ކުރެވިފައިވާނަމަ އެ މުދާ ނުވަތަ އޭގެ ބަދަލު އަދާ ކުރުމެވެ. އަދި މީހަކަށް އަނިޔާއެއް ދެވިފައިވާނަމަ އޭނާގެ ކިބައިން މައާފަށް އެދުމާއި، މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާނަމަ އެހައްގެއް އެމީހަކަށް އަނބުރާ ރައްދު ކުރަން ޖެހެ އެވެ.

އެހެން ކަމުން ރަހުމަތާއި ބަރަކާތުން ފުރިގެންވާ މި މާތް މައްސަރު ނިމުމުގެ ކުރިން ތެދުވެރި ތައުބާއަކުން ތައުބާވާށެވެ. ކުރެވުނު ކުށް ފާފަތަކާއިމެދު ހިތާމަކުރާ ހާލު ދެން ދުވަހަކުވެސް އެފަދަ ފާފައަކަށް އަަރައިނުގަތުމަށް ވަރުގަދަ އަޒުމެއް ކަނޑައަޅަމާ ހިނގާށެވެ. މި ފުރުސަތުގެ ނަގައި ނުލާށެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މުސާ ފިކުރީ