ވިޔަފާރި

މިދިޔަ އަހަރު ބޭރުގެ ދަރަނި އަށް ޕަސެންޓް އިތުރުވި

May 17, 2020
1

މިދިޔަ އަހަރު ރާއްޖޭގެ ބޭރުގެ ދަރަނި އަށް ޕަސެންޓަށް އިތުރުވި ކަމަށް ފިނޭންސުގެ ހިސާބު ތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިދިޔަ އަހަރުގެ ދަރަނީގެ ރިޕޯޓް "ޕަބްލިކް ޑެޓް ބްލެޓިން" ގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަންޏަށް ވަނީ 7.1 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއާއެކު ބޭރުގެ ދަރަނި ވަނީ 22 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މި މުއްދަތުގައި އެތެރޭގެ ދަރަނި އިތުރުވެފައިވަނީ 16 ޕަސެންޓެވެ. އަދި ބޭރުގެ ދަރަނި ސަރުކާރުން ދީފައިވާ ގެރެންޓީތަކާއެކު ވަނީ އަށް ޕަސެންޓެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގެ ބޭރުގެ ދަރަންޏަށް އެންމެ ބޮޑު އިފެކްޓެއް ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ނަގާފައިވާ ލޯނުތަކުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި މާލީ އިދާރާ ތަކުން 4.1 ބިލިއަން ރުފިޔާގެ ލޯނު ނެގި އެވެ. ރާއްޖެއަށް އެންމެ ގިނައިން ލޯނު ދީފައިވަނީ އޭޑީބީ އާއި ވޯލްޑް ބޭންކް އަދި އައިޑީބީ އިންނެވެ. އަދި މިދިޔަ އަހަރާ ހަމައަށް ވެސް ސަރުކާރުން ލޯނު ނަގަން ސޮވެރިން ގެރެންޓިން ދީފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ބޭރުގެ ދަރަނީގެ 40 ޕަސެންޓް ހިއްސާކުރަނީ ޗައިނާ އެގްޒިމް ބޭންކް އެވެ. އެ ބޭންކް އަށް ސޮވެރިން ގެރެންޓީ ދީފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 7،000 ފްލެޓުގެ މަޝްރޫއު ހިންގުމަށެވެ.

މިދިޔަ އަހަރު އެތެރޭގެ ދަރަންޏަށް އަސަރު ކުރުމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޓީ-ބިލްއެއް ވިއްކުން ވެސް ހިމެނެ އެވެ. ނަމަވެސް އިންޑިޔާ ސަރުކާރުން ވަނީ މި ދަރަނި ރާއްޖޭގެ ޖުމްލަ ދަރަނީގެ ތެރޭގައި ނުހިމެނޭނެ ގޮތް ހަމަޖައްސާގެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ދީފަ އެވެ. މިދިޔަ އަހަރު ޕެންޝަލް އޮފީހަށް 250 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކިއިރު، ބޭންކް އޮފް މޯލްޑިވްސް އަށް 200 މިލިއަން ރުފިޔާގެ ބޮންޑެއް ވަނީ ވިއްކާފަ އެވެ.

މި ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު ލޯނު އަދާކުރަން ސަރުކާރުން 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. އަދި ސަރުކާރުން އެންމެ ބޮޑު ސޮވެރިން ގެރެންޓީއެއް ދީފައިވަނީ އެޗްޑީސީ އަށެވެ.

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނީ ގެންޓީއާއެކު 67.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރި 60.3 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މީގެތެރޭގައި އެތެރޭގެ ދަރަނި އުޅެނީ 32 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނީގެ ނިސްބަތަކީ 22 ބިލިއަން ރުފިޔާ އެވެ. އަދި ގެރެންޓީ ދީފައިވާ ދަރަނި އުޅެނީ 17 ބިލިއަން ރުފިޔާގަ އެވެ.