ދުނިޔެ

އަފްޣާނުގެ ވެރިކަން ޣަނީއާ އަބްދުﷲ އާދެމެދު އެއްވަރަށް ބަހައިފި

May 18, 2020
1

ކާބުލް (މެއި 18) - އަފްޣާނިސްތާނުގައި އުފެދިފައިވާ ސިޔާސީ ކޯޅުންގަނޑު ހައްލު ކުރުމަށް، ވެރިކަމުގެ ބާރުތައް ރައީސް އަޝްރަފް ޣަނީ އާއި ޗީޕް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ އާދެމެދު ހަމަހަމައަށް ބެހުމުގެ އެއްބަސްވުމެއްގައި ދެ ބޭފުޅުން ސޮއި ކުރައްވައިފި އެވެ.

އަފްޣާނިސްތާނުގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު، މިހާރު ވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި އަޝްރަފް ޣަނީ ކާމިޔާބު ކުރައްވާފައިވާކަން އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވީ ނަމަވެސް، ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވައި، އަބްދުﷲ ވަނީ އެ ނިންމުން ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެއާއެކު ގައުމުގައި ދެ ރައީސުންގެ ގޮތުގައި ދެ ބޭފުޅުން ހުވާ ކުރައްވައިގެން، ބޮޑު ނުތަނަވަސްކަމެއް އޮތީ އުފެދިފަ އެވެ.

ނަމަވެސް، އެ ދެ ވާދަވެރިންގެ ދެމެދު އިއްޔެ ސޮއި ކުރެވުނު އެއްބަސްވުމަކީ "ތާރީހީ" އެއްބަސްވުމެއް ކަމަށް އަބްދުﷲ ވަނީ ސިފަ ކުރައްވައިފަ އެވެ.

އަދި ވެރިކަމުގެ ބާރުތަކުގެ އިތުރުން، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ޒިންމާ ވެސް "ދެ ކޮނޑު" ގައި އެޅިފައިވާ ކަމަށާއި، އެއާއެކު ކުރިއަށްވުރެ ޒިންމާދާރު، އަދި ގާބިލު ސަރުކާރެއް އުފެދިގެން ދާނެ ކަމަށް ވެސް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

އެ އެއްބަސްވުމާބެހޭ މާ ގިނަ ތަފްސީލުތަކެއް އަދި ހާމަވެފައި ނުވި ނަމަވެސް، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ދެ ބޭފުޅުންނަށް ވެސް ކެބިނެޓުން 50 ޕަސަންޓް ލިބޭނެ އެވެ. އަދި ތާލިބާނާއެކު މިހާރު ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލު ކުރައްވާނީ އަބްދުﷲ އެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެންމެ ގާތުން ވާދަ ކުރެއްވީ އަޝްރަފް ޣަނީ އާއި އަބްދުﷲ އަބްދުﷲ އެވެ.

އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ އެވެ. އެ އަހަރުގެ އިންތިހާބު ޣަނީ ކާމިޔާބު ކުރެއްވި ނަމަވެސް އެ އިންތިހާބަށް ފަހު 2015 ވަނަ އަހަރު އަފްޣާނިސްތާނުގައި އުފެއްދި ސަރުކާރަކީ ދެބޭފުޅުން ގުޅިގެން އުފެއްދި އެއްބައިވަންތަ ކަމުގެ ސަރުކާރެކެވެ. އެންމެ ފަހުން ޣަނީއާއި އަބްދުﷲ އިންތިހާބުގެ އަރާރުންތައް ދޫކޮށް އެ ދެ ބޭފުޅުން ސުލްހަވީ ދެ ބޭފުޅުން ހިއްސާ ކުރައްވާ ގޮތަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައި ގައުމުގެ ރައީސަކަށް ޣަނީ އަދި ޗީފް އެގްޒެކެޓީވް އަކަށް އަބްދުﷲ ހުންނަވާ ގޮތަށެވެ.