ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑަބްލިއުއެޗްއޯއިން އިތުރު 10،000 ކިޓް ހަދިޔާކޮށްފި

May 18, 2020

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފަރާތުން ރާއްޖެއަށް އިތުރު 10،000 ޓެސްޓްކިޓްއާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް މިއަދު ހަދިޔާކޮށްފި އެވެ.

މި ހަދިޔާއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިއަދު ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓެޓިވް ޑރ. އަރުވިންދު މާތުރުއަށް ގުޅުއްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހަދިޔާކުރި ކޮވިޑް-19 ބަލީގެ ޓެސްޓިން ކިޓާއިއެކު ޑަބްލިއުއެޗްއޯއިން ރާއްޖެއަށް މިހާތަނަށް 21،000 ޓެސްޓްކިޓް ވަނީ ހަދިޔާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކަނޑައަޅާ ޓެސްޓްކިޓްގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން މިއަދު ހަދިޔާކުރި ޕީޕީއީ އާލާތްތަކުގެ ތެރޭގައި ގައުންއާއި، ފޭސްމާސްކުގެ އިތުރުން އަންގިއާއި، ފޭސް ޝީލްޑްފަދަ މުހިންމު އާލާތްތައް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެ އެވެ.